ޖިއާންގެ މަރު: ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ރައުޝަން ޖިއާން ނިޔާވި ހާދިސާ ހިނގި ވަގުތުކޮޅުގެ ސީޓީވީ ފޫޓޭޖުގެ ސްކްރީންޝޮޓެއް --

ޑަބްލިއު ކޮންސްޓްރަކްޝަންއިން ހަދަމުންދިޔަ އިމާރާތެއް ކަމަށްވާ މ. ނަލަހިޔާމަންޒިލްގެ މަތިން ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުވާ ކުރި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އާދަމް ޝަފީގުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ހައިކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި އޭނާ މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށް ދައުވާ ކުރިއެވެ.

އޭގެ ތެރެއިން އެމްޑީ ޝަފީގު ފިޔަވައި އެހެން އެންމެންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ހުކުމް ކޮށްފައެވެ. ޝަފީގުގެ މައްޗަށް އުފުލީ މީހަކު މަރުވެދިޔުމުގައި އިހުމާލުވުމުގެ ދައުވާ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ދައުލަތުން ވަނީ ޝަފީގުގެ ބައި ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ދައުލަތުން ހުށަހެޅީ އެންމެ އިސްތިއުނާފީ ނުކުތާއެކެވެ. އެއީ ގާނޫނުލްއުގޫބާތުގެ 70 ވަނަ މާއްދާއާ ހިލާފަށް އެ ދައުވާ ނިންމާފައިވާ ކަމަށް ބުނެ ހުށެހެޅި އިސްތިއުނާފީ ނުކުތާއެކެވެ. އެ މާއްދާ އަކީ ކުންފުންޏަކުން ކުށެއް ކުރާ ހާލަތުގައި ޒިންމާވާނީ ކޮން ބަޔަކުކަން ކަނޑައަޅާ މާއްދާ އެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ފާހަގަކޮށްފައި ވަނީ އެ ނުކުތާއަކީ ދަށު ކޯޓަށް ދައުލަތުން ހުށަހަޅާފައި ނުވާ. އެއާމެދު ދައުލަތުން ވާހަކަ ދައްކާފައި ނުވާ ނުކުތާއެއް ކަމެވެ. އަދި އެ ނުކުތާ ޖަވާބުދާރީވެ، އެއިން ބަރީއަވުމުގެ ފުރުސަތު އާދަމް ޝަފީގަށް ދަށު ކޯޓުގައި ލިބިފައި ނުވާ ކަމަށްވެސްވެ އެވެ.

އެހެންކަމުން ހައިކޯޓުން މިއަދު ނިންމީ އެ މައްސަލަ މައުޟޫއީ ގޮތުން ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާއާއި، އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި މީހުންގެ ތެރެއިން ޑަބްލިއު ކޮންސްޓްރަކްޝަންގެ ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށް ކުރީ، މީހަކު މަރުވެ ދިޔުމުގެ އިހުމާލެއް ކުރުމުގެ ދައުވާ އެވެ. އާންމުގޮތެއްގައި އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ އެއް އަހަރާއި ހަ މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، މޫސާގެ ފަރާތުން ހުކުމް ޖޫރީމާނާއަށް ބަދަލު ކުރަން އެދުމުން އަދަބު ވަނީ 115200 ރުފިޔާގެ ޖޫރީމާނާއަކަށް ބަދަލުކޮށްފަ އެވެ.

އޭގެ އިތުރުން އެވަގުތު އެ ސައިޓުގައި މަސައްކަތް ކުރަމުން ރައްޖާވް އަލީ މައްޗަށް ކުރީ މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އެވެ. ރައްޖާވްގެ މައްޗަށް އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.

ރަމަޗަންދުރަންގެ މައްޗަށް ތުހުމަތު ކުރެވުނީ، ރައްޖާވްގެ ފަރުވާކުޑަ އަމަލުގައި ބައިވެރިކަމެވެ. އޭނާގެ މައްޗަށް އިއްވީ ތިން އަހަރުގެ ޖަލު ހުކުމެވެ.

ކެޝަހިލަލް ޗައުހާން އާއި ގުލާމް މުހައްމަދުގެ މައްޗަށް ކުރީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ. އެ ކުށުގެ އަސްލު އަދަބަކީ 36 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދެ މީހުންގެ ފަރާތުން އެކަމަށް އެދުމުން، ގާޒީ ވަނީ 7200 ރުފިޔާގެ ޖޫރީމާނާއަކަށް އަދަބު ބަދަލުކުރައްވައިފަ އެވެ.

comment ކޮމެންޓް