ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިލިއަން ފަހަނަ އަޅައިފި

ކޮރޯނާގައި މަރުވި ބަޔަކު ވަޅުލުމުގައި --

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިލިއަނެއް ފަހަނައަޅައި ހިނގައްޖެ އެވެ.

ޖޯން ހޮޕްކިން ޔުނިވާސިޓީން ބުނީ މަރުވި މީހުންގެ އަދަދު 1،000،555 އަށް އަރައިފައިވާ ކަމަށެވެ. އަދި އެ އަދަދުގެ ދެބައިކުޅައެއްބަޔަކީ އެމެރިކާ، ބްރެޒިލް، އިންޑިއާ މީހުން ކަމަށެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނީ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު އެއަށް ވުރެ ވެސް ގިނަ ވާނެ ކަމަށެވެ.

އދ.ގެ ސެކްޓްރީ ޖެނެރަލް އެންތޯނިއޯ ގުތަރޭޒް ވަނީ އެހާ ގިނަ ބަޔަކު މަރުވުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ކަަމަށް ބެލެވިފައި ވަނީ މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީގަ އެވެ. އޭގެ ފަހުން 10 މަސް ވަނީ އެވެ. އަދި ވެސް އާ ކޭސްތައް ދަނީ ފެންނަމުންނެވެ.

ކޮރޯނާ ޕެންޑަމިކް 188 ގައުމަކަށް ފެތުރި، 32 މިލިއަން މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. އަދި ލޮކްޑައުން ފަދަ ކަންކަމާ ގުޅިގެން ގިނަ ގައުމުތަކެއްގެ އިގްތިސާދަށް ވެސް ވަނީީ އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.

ވެކްސިންއެއް ހޯދުމަށް ކުރާ މަސައްކަތް ދަނީ ބާރަށް ކުރަމުންނެވެ. އެކަމަކު ވެކްސިން މުޅި އެންމެންނަށް ފޯރާންވާ އިރަށް ދެ މިލިއަން ވަރު މީހުން މަރުވާނެ ކަމަށް ޑަބްލިޔުއެޗުއޯ އިން ލަފާކުރެ އެވެ.

ކޮރޮނާގައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާއިން އެވެ. އެގައުމުގެ 205،031 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ބްރެޒިލް އިން ވަނީ 142،058 މީހުން މަރުވެފަ އެވެ. އަދި އިންޑިއާ އިން 95،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާ ވައިރަސް ޗައިނާގައި ކޮންޓްރޯލް ކުރި ނަމަވެސް ޔޫރަޕްގައި ވަނީ ދެވަނަ ރާޅެއް އަރައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފަ އެެވެ.

އޭގެ އިތުރުން އިންޑިއާގައި ވެސް ބަލި ކޮންޓްރޯލްނުވެ ރަށްފުށުގެ ހިސާބުތަކަށް ބަލި ފެތުރި ސިއްހީ ހިދުމަތްދޭ ތަންތަނަށް ނުކަތާވަރު ވަނީ ވެފަ އެވެ. --- ބީބީސީ

comment ކޮމެންޓް