ނަޒީމާއި ވޮލީ ރިޔާޒުގެ މައްސަލައެއް ޕީޖީއަށް ފޮނުވައިފި

ވޮލީ ރިޔާޒު އަދި ނަޒީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެމްއާރްޑީސީގެ މެނެޖިން ޑިރެކްޓަރުކަން ކުރެއްވި އިބްރާހިމް ނަޒީމާއި އެ ކުންފުނީގެ އޭރުގެ ތިން ބޯޑު މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ނަޒީމްގެ އިތުރުން އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ، އެމްއާރުޑީސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ މުހައްމަދު ރިޔާޒު (ވޮލީ ރިޔާޒް) އާއި މއ. ޔެލޯޑައިމަންޑް، އަހްމަދު ރަޝީދު، ގ.މާބަދި، އަދި މުހައްމަދު އަލީދީދީ ގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، 2014 ވަނަ އަހަރު އެމްއާރުޑީސީއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިން ކްރާފްޓް ގަންނަ އަގުގެ 50 ޕަސަންޓަށްވާ ފައިސާ ދީފައިވަނީ އެކުންފުނީގެގެ ބޯޑު މެންބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށްކަމަށް ބުނާ މައްސަލަގައެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އެމައްސަލައަކީ، އޮކްޓޫބަރު 16، 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، ޑިސެމްބަރު 22، 2019 ގައި އެ މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަޙްޤީޤުކުރި ޓީމުން އެދިފައިވާތީ، އެ މައްސަލައިގެ ފައިލް އަލުން ހުޅުވައި ތަހްގީގު ފުރިހަމަ ކުރުމަށް މިހާރުގެ ކޮމިޝަންގެ މެމްބަރުން ނިންމިއެވެ. އޭސީސީން ބުނީ، ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާ މައްސަލައަކީ އެގޮތުން ފުރިހަމަކޮށްފައިވާ ތަހްގީގާގުޅޭ މައްސަލައެވެ.

އޭސީސީންގެ ތަހުގީގުން ފާހަގަވި މުހިންމު ކަންކަން:

ލޭންޑިން ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިން ކްރާފްޓް ގަންނަ ޖުމްލަ އަގުގެ 50 ޕަސަންޓަށްވާ 7.49 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދިނުމަށް ބޯޑުން ފާސްކޮށްފައިވާކަން.
އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރުމަށް، ނަޒީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗާ އެޕްރޫވްކުރީވެސް އޭނާގެ އެ ޢަމަލުގެ ނަތީޖާ އެނގިހުރެ، މަޤާމުގެ ނުފޫޒުބޭނުންކޮށްގެން އެ ކުންފުންނަށް ފައިދާ ހޯދައިދިނުމަށްކަން

comment ކޮމެންޓް