ޝިޕިން އޭޖެންޓުން ރެގިޔުލޭޓު ކުރުމާ ގުޅޭ ގަވައިދު އެކުލަވާލުމަށްފަހު، އެ ގަވައިދު އުވާލުމުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އޭސީސީ އިން ވަނީ އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ޔަގީން ކޮށްދީފިއެވެ. މައްސަލަ ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. މިނިސްޓަރު ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ 70 މީހުންގެ ސޮޔާއެކު އެވެ.
އެމައްސަލަ ހުށަހަޅާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޝިޕިން އެޖެންސީތައް ރެގިޔުލޭޓު ކުުރުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އިން 16 ޖުލައި 2020 ވަނަ ދުވަހު ގެޒެޓުކުރި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އަދި އެ ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ގަވައިދު ހިންގާނީ ޓްރާންސްޕޯޓު އޮތޯރިޓީ އިން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައް ބެލެހެއްޓުމުގެ ކަންތައް ބަލަހައްޓާ މިނިސްޓްރީ އިން ކަން އެނގެން އޮންނަ ކަމަށާއި އެ ގަވައިދު އުވާލާ ޝިޕިިން އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް އިންޓާނަލް މެމޯއަކުން މިނިސްޓަރު ޓްރަންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމަށެވެ.
އަދި ގަވައިދު ތަންފީޒު ނުކުރެވޭތީ، ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން މިނިސްޓްރީ އަށް އެކަން ތަކުރާރުކޮށް އަންގާފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ބުނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ނަމަވެސް ޓްރާންސްޕޯޓު އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީ އިން ހަދަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލް ކުރުމަކީ އެ އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއްކަމަށާއި އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ޝިޕިން އެޖެންޓުންނާ ބެހޭ ގަވައިދު ބާތިލްކޮށްފައިވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސް ކުރުމެއް ނެތި ކަމަށާއި އެ އޮތޯރިޓީގެ ބަހެއް ނެތި މިނިސްޓަރު އަމިއްލަފުޅަށް ގަވައިދު އުވާލައްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒުފައިދާއެއް ހޯދައިދިނުމަށް ކަމަށް ފެންނާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީ ގައި ވަނީ އެދިފައެވެ.
ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެގެން ކަމަށް ބުނެ އެކުލަވާނި ގަވައިދު އުވާލީ އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ގެޒެޓު ކުރި، ގަވައިދު ބާތިލް ކުރި އިއުލާނުގައި ވެއެވެ.
ގަވައިދު އެކުލަވާލާ އާންމު ކުރި ފަހުން ތިން ފަހަރެއްގެ މަތިން އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށް ދިން ފުރުސަތު ތިން ފަހަރެއްގެ މަތިން ވަނީ އިތުރުވެސް ކޮށްދީފަ އެވެ.