ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީ ވެގެން ކަމަށް ބުނެ އެކުލަވާނި ގަވައިދު އުވާލައިފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ އެ ގަވައިދު އުވާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ.
"މިގަވައިދުގައި ބައިނަލްއަގުވާމީ މިންގަޑުތަކާއި ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމާއެކު، މުރާޖާކުރުމަށް ޓަކައި މިގަވައިދު އުވާލި ވާހަކަ އާންމުކޮށް އަންގާ އިއުލާނުކުރީމެވެ" އެ އޮތޯރިޓީ އިން ބުންޏެވެ.
މި ގަވައިދު އެކުލަވާލާ އާންމު ކުރި ފަހުން ތިން ފަހަރެއްގެ މަތިން އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށް ދިން ފުރުސަތު ތިން ފަހަރެއްގެ މަތިން ވަނީ އިތުރުވެސް ކޮށްދީފަ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން ގެޒެޓުކޮށް، އިއްޔެ އުވާލި ގަވައިދު ބުނާގޮތުން ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.
ކޮންސައިނީއަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ސީދާގޮތުންނާއި ނުސީދާގޮތުންވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެ ކަަމަށް ބުނެފައިވެ އެވެ.
ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާގެ ފީ އެއް ނެގިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން އެޖެންޓެއް މެދުވެރިވެގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި އުޅަނދު ދަތުރުކުރާއިރު ދިމާވާ ނުރައްކައުތެރި ހާދިސާތަކާއި ތިމާވެށްޓަށް ގެއްލުން ލިބޭފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކަށް ދޭންޖެހޭ އެންމެހައި އެހީތެރިކަން ދިނުމާއި، އޭޖެންޓުގެ އިހުމާލުން ހިނގާ ކަންކަމުގައި ދެވަނަ ފަރާތަކަށށް ލިބޭ ގެއްލުންތައް ހައްލުކޮށްދިނުމުގައި އޭޖެންޓު މަސައްކަތް ކޮށްދޭންވާނެ ކަމަށްވެސް އެ ގަވައިދު ބުންޏެވެ.
މި ގަވާއިދު އެކުލަވާލި އިރު ބުނެފައިވަނީ ގަވައިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ ކުރިން ޓްރާންސްޕޯޓުން ބުނީ 112 ފަރާތަކުން އެ ގަވައިދުގެ ދަށުން ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. ގަވައިދު އުވާލާ އިއްޔެ ގެޒެޓުގައި ވަނީ ޝާއިއު ކޮށްފަ އެވެ.