ނަންނަ ކިޔައިދެނީ ބޭކިންގެ ލޯބި ވާހަކައެއް

ފިނިފެންމަލާއި، ޕިސްޓާޗިއޯ ލަވް އާއި، ޗޮކްލެޓް ޑްރީމްގެ ރަހައިން އެންމެންގެ ހިތް ދަމަައިގަތް އައިޝަތު ޝަނަން ނާޒިމް (ނަންނަ) އަކީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް ހޯމް ބޭކާ އެވެ. ދިވެހީން ދަންނަ، ދިވެހީންނަށް ކަމުދާ އަދި ދިވެހީންނާ ގަޔާވާ އެތަށް ރަހަތަކެއް މި ޒުވާނާގެ ހުނަރުވެރިކަމުން ވަނީ ގެނެސްދީފަ އެވެ.

ނަންނަ ބުނި ގާތުގައި އޭނާ އަޅާ ކޭކުތަކަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބިދާނެ ކަމަށް އޭނާއަށް ލަފާކޮށްލެވިފައިވެސް ނެތެވެ. މިއީ އެހާވެސް ކުޑަކޮށް، ވަރަށް އާދައިގެ ގޮތަކަށް އޭނާ ފެށި މަސައްކަތެކެވެ.

ބޭކްސް ބައި ނަންނަގެ ބައެއް އުފެއްދުން -- ފޮޓޯ: ނަންނަ

"ބޭކްސް ބައި ނަންނަ"ގެ ފެށުމަކީ ފޫހިފިލުވާލުމަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކޮންމެ ހުކުރު ދުވަހު ނަންނަ ގޭގައި ތައްޔާރުކުރަން ފެށި ފޮނިކާއެއްޗިއްސެވެ.

"ދެހާސްއަށާރައިގައި ނަންނަގެ ބޭކިން ޖާނީ ފެށުނީ. އެކި ފްރައިޑޭސްގެ މަތީން ހަދަން ފެށީ. ދެން ވަކި ހިސާބަކުން މީހުންވެސް ނަންނަ ކައިރީގައި އަހަން ފަށައިފި ވިއްކަންތޯ ތި ލަނީ. އޭރުގައި ބުނަން ވިއްކާކަށް އެއްވެސް އިންޓެންޝަން އެއް ނެތޭ. ފަހުން ވަކި ހިސާބަކުން އިންސްޓަންޓް ޕާޗޭސްއަށް ލާންފެށީ." ނަންނަ ކިޔައިދިނެވެ.

ފުލް ޓައިމް ވަޒީފާއެއްގައި އުޅެމުން ގޭތެރޭގައި ހުރި އާންމު ބައެއް ތަކެތި ބޭނުންކޮށްގެން ނަންނަ އޭރު އެކިއެކި ފޮނި އެއްޗެހި ތައްޔާރުކުރީ ހަމަ އަމިއްލަ ހިތްހަމަޖެހުމަށެވެ. ވިއްކުމެއް، ވިޔަފާރިއެއް ފެށުމުގެ ވިސްނުމެއް ހިޔާލެއްވެސް އޭރަކު އަދި އެއްގޮތަކަށްވެސް އޭނާގެ ނެތެވެ.

ބޭކްސް ބައި ނަންނަގެ ބައެއް އުފެއްދުން -- ފޮޓޯ: ނަންނަ

އޭނާ ތައްޔާރުކުރާ ފޮނިކާތަކެތީގެ ފޮޓޯތައް ފެނި އެތައް ބައެއްގެ ޑީއެމްތައް އޮހެން ފެށި އެވެ. ރަހަބަލާ ހިތްވި މީހުން ގިނަވުމުން އެންމެ ފުރަތަމަ އޭނާ ފެށީ އިންސްޓަންޓް ޕާޗޭސް އަށް އެއްޗެހި ވިއްކުމެވެ. އޭރު ވިއްކީވެސް ހަމައެކަނި ކުކީސް އެންޑް ކްރީމް ފަޖް އާއި ބިސްކަޓް ޕުޑިން އެކަންޏެވެ.

ރަށްޓެއްސެއްގެ ކިބައިން ލިބުނު ނަސޭހަތުގައި ހިފައި ބޭކިންގެ ދުނިޔެއަށް ނަންނަ ފުރަތަމަ ފިޔަވަޅު އެޅި އެވެ. އެ ދުވަސްވަރު ވިއްކަން ނަންނަ ޕޭޖަށް ޕޯސްޓްކުރާ ހުރިހާ ބާވަތެއްހެން ވިކިހުސްވެ އެވެ. އެންމެފަހުން، ބްރައުނީސް އާއި ކަށިކެޔޮ ކޭކު ފަދަ ބާވަތްތައް ލަސްލަހުން ނަންނަ ގެ ލިސްޓަށް އިތުރުވާން ފެށި އެވެ. އޭނާއަށް އާ ހިތްވަރެއް ލިބެން ފެށީ އެވެ. އަދި ގާތް މީހެއްގެ ނަސޭހަތުގައި ހިފާ ބޭކްސް ބައި ނަންނަ ގެ ނަމުގައި ބޭކިން އަށް ވަކިން އަމިއްލަ ޕޭޖެއް ތައްޔާރުކޮށް މަސައްކަތް އާ ހިތްވަރެއްގައި ފެށީ އެވެ.

ޕޭޖު ހެދިތާ އަދި އަހަރެއްހާ ދުވަސްވިއިރު، މީހުންގެ ތެރޭގައި ނަންނަގެ ނަން އެންމެ މަގުބޫލު ވެގެން ދިޔައީ މިފަހުން އައި "ޓްރެސްލެޝޭ"ގެ ފޯރިގަނޑުގަ އެވެ. އެކި ދިމަދިމާތަކުން އެކި ރަހަތަކުގެ ޓްރެސްލެޝޭތައް ތައާރަފްވެގެންދިޔައިރު، އެ ލިސްޓުގެ އެންމެ ކުރިން ޖާގަހޯދީ ނަންނަގެ "ފިނިފެންމަލާއި" "ޕިސްޓާޗިއޯ ލަވް" އެވެ.

ބޭކްސް ބައި ނަންނަގެ ބައެއް އުފެއްދުން -- ފޮޓޯ: ނަންނަ

ދިވެހި ސަރުބަތުގެ ރަހައަށް ހާއްސަކޮށް ތައާރަފްކުރި ފިނިފެންމަލަކީ ރޯސް ސިރަޕްގައި ޑިޕްކޮށް، މަތީގައި ވިޕް ކްރީމް ލޭޔާ އެއްހިމަނައި އަދި އޭގެ މައްޗަށް ރޯސް ބަޑް ހިމުންކޮށްފައި އަޅާފައި ހުންނަ ކޭކެވެ. ހުރިހާ ރަހައެއްވެސް ހަމަ "ޕާފެކްޓް' ވެފައި އަނގައަށް ވިރިގެންދާގޮތުން ހަމަ އެހެންމީހުންގެ ކޭކުތަކާ ތަފާތުވެފައި ހަމަ މީރީ އެވެ. އަދި ޕިސްޓާޗިއޯ އަކީ އެކި ބާވަތުގެ ނަޓްސްއަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ އުފެއްދުމެކެވެ. ސްޕޮންޖް ކޭކަކަށް ގޭގައި ނަންނަ ތައްޔާރުކުރާ ޕިސްޓާޗިއޯ މިލްކް އިންފިއުސް ކޮށް، ވިޕިން ކްރީމް އިން ފްރޮސްޓް ކުރުމަށްފަހު މައްޗަށް އަޅާފައި ހުންނަނީ ސޯލްޓެޑް ޕިސްޓާޗިއޯ އެވެ.

ނަންނަ ބުނި ގޮތުގައި ފުރަތަމަ ބޭކިން ނެގީ ހޮބީއެއްގެ ގޮތުގަ އެވެ. އެކަމަކު ފަހުން އެކަން އޭނާ އެންމެ ލޯބިކުރާ ޕެޝަންއަކަށް ބަދަލުވީ އެވެ. އޭނާގެ ބޭކިން މަސައްކަތް ކުރިއަށް ގެންދިޔައީ މާކެޓިން ދާއިރާގެ ވަޒީފާއެއް އޮފީހެއްގައި އަދާކުރަމުންނެވެ. އެކަމަކު، ވަޒީފާއިން ވަކިވެ ކުޑަ ބުރޭކެއް ނެގުމަށް ފަހު އަނބުރާ ވަޒީފާއެއް ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވި އެވެ. އެކި ދިމާތައް ބަލައި އެތަށް ދޮރެއްގައި ޓަކި ޖެހި އެވެ. ނަމަވެސް ނަސީބުގެ ދޮރު ހުޅުވުނީ މުޅިން އެހެން ދިމާލަކުންނެވެ.

ވަޒީފާއެއް ނުލިބި ގިނަދުވަސްވުމުން ހުރިހާ ސަމާލުކަމެއް ދެވެންފެށީ އޭރު ބޮޑުވެ ފައްކާވަމުން އައި ނަންނަގެ ކުޑަ ބޭކިން ވިޔަފާރި އަށެވެ. ވަކި ހިސާބަކުން އެއީ ހަމަ އެންމެ ރަނގަޅު ނިންމުންކަމުގައި ބަލައި ނަންނަ ކުރިއަށްވުރެ ބޮޑަށް މަސައްކަތް ފުޅާކުރި އެވެ. އޭނާގެ ހޮބީއެއްގެ ގޮތުގައި އޮތް ހޯމް ބޭކިން އޭނާގެ ވަޒީފާއަށް ބަދަލުވީ އެވެ.

ބޭކްސް ބައި ނަންނަގެ ބައެއް އުފެއްދުން -- ފޮޓޯ: ނަންނަ

ކުޑަ ނުތަނަވަސްކަމެއް މިފަހަކާއި ޖެހެންދެންވެސް މި ނިންމުމާއި ދޭތެރޭ ނަންނަގެ ހިތުގައި އޮތެވެ. ނަމަވެސް އެ ހުރިހާ ވަހުމެއް ފިލައިގެން ދިޔައީ ނަންނަގެ ހަޔާތުގައި ދިމާވި ހިތާމަވެރި ހާދިސާއަކުންނެވެ.

ނަންނަގެ މަންމަ ވަރަށް ބޮޑަށް ބަލިވުމުން ގޭތެރޭގެ ކަންކަން ބަލަހައްޓައިދޭނެ ކުއްޖަކަށް ބޭނުންވި އެވެ. މަންމަ އާއި ބައްޕަ ވަކިން މިވަގުތު އުޅޭއިރު، ބޮޑަށް ހުރި ދައްތައަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ފަރާތަކަށްވުމުން ގޭގައި ހުރެ މި ޒިންމާ ނެގުމުގައި ނަންނައަށް އެއްވެސް އުނދަގޫ ކަމަކަށް ނުވި އެވެ. ނަންނަގެ ހިތަށް ލިބޭ އެންމެ ބޮޑު ތަސައްލީ އަކީ ގޭގައި ހުރެ މަންމަ ބަލަމުން އަމިއްލަ މަސައްކަތެއް ކުރުމުގެ ހެޔޮ ނަސީބު އޭނާއަށް ލިބުމެވެ.

ބޭކްސް ބައި ނަންނަގެ ބޮޑު ފޮލޯވާސް ބޭސް އެއް ޓްވިޓާ، އިންސްޓަގްރާމް އަދި ފޭސްބުކްގައި މިހާރު އޮވެ އެވެ. ނަންނަ ބުނާގޮތުން އެހެން ވިޔަފާރިތަކާއި ނަންނައާ އޮތް އެންމެ ބޮޑު އެއް ތަފާތަކީ ކޮންމެ މަހަކު އެއްފަހަރު ނަންނަ އޭނާގެ އައިޓަމް ލިސްޓަށް އިތުރުކުރާ އާ ބާވަތްތަކެވެ. ކޮންމެހެން ހުރިހާ އެއްޗަކީ އަމިއްލަ އުފެއްދުންތަކަކަށް ނުވިޔަސް، އިންޓަނެޓްގެ އެހީގައި ދުނިޔޭގެ އެންމެ ހުޅަނގާއި އިރަށްވެސް މިއަދު މިއޮތީ ގުޅިފަ އެވެ. އެކި ރެސިޕީތައް ބަލައި ހޯދައި، ތަޖުރިބާކޮށް، ދިވެހީންނަށް ކަމުދާނެގޮތަކަށް އެ ގެނެސްދެވޭތޯ ނަންނަ މަސައްކަތްކުރެ އެވެ.

ބޭކްސް ބައި ނަންނަގެ ބައެއް އުފެއްދުން -- ފޮޓޯ: ނަންނަ

ކޮވިޑް-19 ކުރިންނަމަ ނަންނަ ބުނާގޮތުން ދުވާލަކަށް ފަސް އޯޑަރު ވަރު ލިބެ އެވެ. ގޭތެރޭގެ މަސައްކަތް ނިންމާލުމަށްފަހު މެންދުރު 12 ޖަހާއިރު ނަންނަ ފަށަނީ ބޭކިން އެވެ. އަދި މަސައްކަތް ނިންމާލައި ހިންދަމާލެވެނީ ހައެއްޖަހާއިރު އެވެ. ނަމަވެސް ލޮކްޑައުންއާ ހެދި އޯޑަރުތައް ލިބުން މަދުވެ މަޑުޖެހުނު ނަމަވެސް މިހާރު އަނެއްކާވެސް ކުރިއެކޭ އެއްގޮތަކަށް އޯޑަރު ލިބެން ފަށައިފިކަމަށް ނަންނަ ބުންޏެވެ.

އެންމެ ދެ ބާވަތަކުން ފެށި މަސައްކަތް އެތައް ބަޔެއްގެ ލޯތްބާއި ތަރުހީބާއި އެކު މިއަދު މިވަނީ މަގްބޫލު 11 ވައްތަރަށް އިތުރުވެފަ އެވެ. އެއްވެސް ވަރަކަށް ފޮނި އެއްޗެހި ކަމުނުދާ ނަންނަގެ ހިތުގައި ފޮނި އެއްޗެހިއްސަށް ޖާދުވީ ލޯތްބެއް އުފައްދައިދިން ފިނިފެންމަލާއެކު މިއަދު މައިލޯ އެފެއާއަކީ ވެސް ހަމަ އެލިސްޓުގެ ކުރީގައި ހިމެނޭ ބާވަތެކެވެ.

މީގެ ކުރިން މި މަސައްކަތްކުރުމުގައި މަންމަ އަތްގާތް ކޮށްދިން ނަމަވެސް މިހާރު މަންމަގެ ބަލި ހާލަތު ހުރިގޮތުން މަސައްކަތްކުރަނީ ނަންނަ އެކަންޏެވެ. އެޔާއެކު ދޮން އާއި ދޮންތި އަދި ނަންނައަށްް މިކަމުގައި އެކިގޮތްގޮތުން އެހީތެރިވެދޭ އެންމެންގެ ސަޕޯޓްވެސް ނަންނަ ނިކަން އުފަލާއިއެކު ބަލައިގަނެ އެވެ.

އާންމުކޮށް މިފަދަ ޕޭޖްތައް ހިންގާ ފަރާތްތަކުން ކޭކްތައް ޑެލިވާ ކުރިއަސް ނަންނަ ބުނާގޮތުން އޭނާއަށް އުޅެއުޅެވެސް ޑެލިވަރީގެ ހިދުމަތެއް ކުރިއަކަށް ނުގެންދެވުނެވެ.

"ނަންނަ ވަރަށް މަސައްކަތް ކުރިން ޑޭލިވަރީ ކުރެވޭތޯ. އެކަމު މަސައްކަތުގައި ބިޒީވެފައި އެކަނި ކުރާތީ އެކަމެއް ނުވޭ. އެކަމަކު ކައިރި ރަށްރަށަށް ގެންދަން ލިބޭ އޯޑަރުތައްވެސް ނަގަން. އެކަނި ހަމަ ޓެކްސީގައި ގޮސް ލާދެނީ ފެރީތަކަށް،" ނަންނަ ބުންޏެވެ.

މިދާއިރާގައި އަދި މިހާތަނަށް އެއްވެސް ވަރަކަށް ކޯހެއް އޭނާ ހަދާފައި ނުވި ނަމަވެސް، އަމިއްލަ ހިތްވަރުން ނަންނަ މަސައްކަތް ދަސްކޮށް އޭނާ އެންމެ ބޮޑަށް މަސައްކަތްކުރަމުން ދަނީ އުފަންދުވަސް ފަދަ އެކި މުނާސަބަތުތަކުގައި ކޭކުތައް އެޅުމަށެވެ. ދުރު މުސްތަގުބަލެއްގައި ނަންނަ އެންމެ އުންމީދުކުރަނީ އޭނާގެ ތަކެތި ވިއްކޭނެ ކުޑަ ކެފޭއެއް ނުވަތަ ބޭކްޝޮޕް އެއް ހުޅުވޭނެ ދުވަހަކަށެވެ.

comment ކޮމެންޓް