ޑުރަގު ބޭނުން ކުރި ކަމަށް ދެ ތަރިން އިންކާރުކޮށްފި

ބަތަލާ ޝްރައްދާ އާއި ސާރާ އިއްޔެ ވަނީ އެންސީބީއަށް ހާޒިރުކޮށްފައި--

ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ދަށުން އުފެދުނު ޑުރަގު މައްސަލާގައި އިންޑިއާގެ ނާކޮޓިކްސް ބިއުރޯ (އެންސީބީ) އިން ވަނީ ބޮލީވުޑްގެ ގިނަ ތަރިންނާ ސުވާލުކުރަން ފަށައިފަ އެވެ.

އެ ތަހުގީގު އެންސީބީއިން ބާރު ސްޕީޑުގައި ކުރިއަށް ގެންދާއިރު އިއްޔެ ވަނީ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ބަތަލާ ސާރާ އަލީ ޚާން އާއި ކާމިޔާބު ބަތަލާ ޝްރައްދާ ކަޕޫރު އާ ސުވާލުކޮށްފަ އެވެ. އެންސީބީ އަށް ދެތަރިން ހާޒިރުކުރީ ހެނދުނު 10:30 ގައެވެ. އަދި އެންސީބީއިން ދެތަރިން ނުކުތީ ހަވީރު 18:00 ވަނިކޮށެވެ.

އެންސީބީ އިން ސާރާ އާއި ޝްރައްދާ އާ ސުވާލުކުރި ނަމަވެސް ދެތަރިން ވެސް ވަނީ ޑުރަގު ބޭނުންކުރި ކަމަށް ދެކޮޅުހަދައިފަ އެވެ. ސުޝާންތުގެ ކުރީގެ ޓެލެންޓު މެނޭޖަރު އަދި ރިއާ ޗަކްރަބޯޓީގެ ކުރީގެ މެނޭޖަރު ޖަޔާ ސަހާ އާ ޝްރައްދާ އާ ދެމެދު ޑުރަގު ވާހަކަތަކެއް ދެކެވި އޭގެ ޗެޓުތައް ލީކުވިއިރު ޝްރައްދާ ވަނީ އެ ޗެޓުތަކަކީ އޭނާގެ ޗެޓު ލޮގްކަމަށް އެއްބަސްވެފަ އެވެ. "ޗިޗޯރޭ"ގެ ނިމުން ފާހަގަކުރުމަށް ސުޝާންތުގެ ފާމްހައުސްއަށް ދިޔަ ކަމަށާއި ނަމަވެސް އޭނާ އެއް އިރެއްގައި ވެސް ޑުރަގު ބޭނުންކޮށްފައި ނުވާކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ވަނީ ސުޝާންތު ޑުރަގު ބޭނުންކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އެންސީބީއިން ސީބީޑީ އޮއިލް ޕްރޮކިއުމަންޓްކުރިތޯ ޝްރައްދާ ގާތު އެހުމުން އޭނާ ވަނީ ހިމޭންވެފަ އެވެ.

ޝްރައްދާގެ އިތުރުން ސާރާ ވެސް ވަނީ ޑުރަގު ބޭނުންނުކުރާކަމަށް ބުނެފަ އެވެ. "ކެދާނަތު" އިން ސުޝާންތު އާއެކު ފެނިގެންދިޔަ ސާރާ ބުނީ ރިއާ ޗަކްރަބޯޓީ އޭނާ އަށްކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި ސާރާ ވަނީ ސުޝާންތު އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އެއްބަސްވެފަ އެވެ. އޭނާ ސުޝާންތު އާ ރުޅިވީ ކެރިއަރަށް ފޯކަސް ކުރުމުގެ ގޮތުން ކަމަށް ވެސް ސާރާ ވަނީ ބުނެފަ އެވެ.

ބޮލީވުޑްގައި ޑުރަގު މައްސަލައެއް މިހާބޮޑަށް ފެންމަތިވެފައިވީ ނަމަވެސް ބޮލީވުޑް ވަނީ އެކަމުގައި މުޅިން ހިމޭންވެފަ އެވެ.

comment ކޮމެންޓް