ވ. ތިނަދޫ އާ އިންޖީނުގޭގެ ބިންގާ އަޅައިފި

ތިނަދޫ އާ އިންޖީނުގޭގެ ބިންގާ އެޅުން --- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން ވ. ތިނަދޫގައި އަޅާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

އިންޖީނުގޭގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުގުނީ އެވެ.

ސްޓެލްކޯ އިން ބުނީ ތިނަދޫގައި މިހާރު ކަރަންޓުގެ ހިދުމަތްދެމުންގެންދާ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އެ ރަށުގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އެޅުމަށް ސްޓެލްކޯއަށް ތިނަދޫއިން ބިމެއް ހަމަޖައްސާދެއްވާފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތިނަދޫ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުގުނީ ވިދާޅުވީ ތިނަދޫ އަކީ 2010 ވަނަ އަހަރު ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު، ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެ ކަމަށާއި ސްޓޭލްކޯ އިން އެ ރަށުގެ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑަ، އެންމެ ޖަނަރޭޓަރެއް ކަމަށެވެ.

ނަމަވެސް އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ސްޓެލްކޯ އިން ފޯރުކޮށްދީފައިވާނެ ކަމަށާއި، މިއަދު މި ގިރާ ކުރަނީ އާ ހަރުފަތެއް ކަމަށް މުގުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓެލްކޯގެ ހިދުމަތް ގުޅިފައި ވަނީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކަށް ކަމަށާއި ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ސްޓެލްކޯގެ ދައުރު ބޮޑުކަމަށް ވެސް ވިދާޅުވި އެވެ.

"ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތައް ފުރިހަމަ ކުރުމަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް، ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމާއި، ރައްޔިތުންނަށް އިންޖީނުގެ ދުމާއި، އަޑުން ދިމާވާ ދަތިތައް ހައްލުކުރުމަށް އެތަކެއް މަސައްކަތެއް ސްޓެލްކޯއިން މިގެންދަނީ ކުރަމުން." މުގުނީ ވިދާޅުވި އެވެ.

މުގުނީ އިތުރަށް ވިދާޅުވީ، އަލަށް އަޅާ އިންޖީނުގޭގެ މަސައްކަތް ނިމުމާއެކު، ސްޓެލްކޯއިން ތިނަދޫއަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ފުރިހަމަވެ، ރަނގަޅުވެގެންދާނެ ކަމަށެވެ. ތިނަދޫގެ އިތުރުންވެސް ސްޓެލްކޯއިން ހިދުމަތްދެމުންގެންދާ ރަށްރަށުގައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންގެންދަވާ ކަމަށް އެމްޑީ ވިދާޅުވި އެވެ.

ތިނަދޫގައި އަލަށް އަޅާ އިންޖީނުގެއަކީ އެރަށަށް ބޭނުންވާ ކަރަންޓުގެ ލޯޑް މަތިވަމުންދާ ވަރަކަށް އެކަމަށް ކޭޓާ ކުރުމަށްޓަކައި އެއް މެގަވޮޓްގެ ހަތަރު އިންޖީނު ބެހެއްޓޭ ވަރަށް ތަރައްގީ ކުރެވޭނެ އިންޖީނުގެއެކެވެ. މި އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅަށް ނިމޭނެ ކަމަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

comment ކޮމެންޓް