ނިމިގެން ދިޔަ އިޓާލިއަން އޯޕަންސް ޓެނިސް ޓުއާގެ އެއްވަނަ ހޯދި އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުންތެރިންނަށް ދިން މުސާރައިގައި ތަފާތު ކުރުންތަކެއް ހުރިކަމަށް ބުނެ ގިނަ ސަޕޯޓަރުންތަކެއް ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފި އެވެ.
ވެރިރަށް ރޯމްގައި ކުރިއަށް ދިޔަ އިޓާލިއަން އޯޕަންސްގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ނޯވަކް ޖޮކޮވިޗް ހޯދި އިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސިމޯނާ ހަލެޕް އެވެ. މުބާރާތުގެ "ޕްރައިޒް މަނީ" ގެ ގޮތުގައި ޖޮކޮވިޗްއަށް ލިބުނު ފައިސާގެ އަދަދު 10 ޔޫރޯސް ސިމޯނާއަށް ވުރެން އިތުރުވެފައިވާއިރު، ކުޅިވަރުގައި ޖިންސީ ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ބުނެ މުބާރާތް އިންތިޒާމް ކުރި ފަރާތްތަށް ވަނީ ހޫނުފެނަށް ލައިފަ އެވެ.
ފައިނަލުގައި އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒްމަން އަތުން ޖޮކޮވިޗް ކުރި ހޯދީ 7-5 އަދި 6-3 އިންނެވެ. އެއާ އެކު ޖޮކޮވިޗްއަށް ރެކޯޑް 36 ވަނަ އޭޓީޕީ ކްރައުން ލިބުނު އިރު، މުބާރާތުން އޭނާއަށް ވަނީ 205,200 ގެ އިނާމު ފައިސާ ދީފަ އެވެ. އެކަމަކު ފައިނަލުގައި ކެރޮލީނާ ޕްލިސްކޯވާ ސީދާ ދެސެޓުން ބަލިކުރި ސިމޯނާއަށް ލިބިފައިވާ އިނާމު ފައިސާ 10 ޔޫރޯ މަދުވެއެވެ.
މި މައްސަލައިގައި އިޓާލިއަން އޯޕަންސްއާއި، ޓެނިސްގެ މައި އިދާރާއަށް ވެސް ގިނަބަޔަކު ފާޑުކިޔުންތައް އަމާޒުކޮށްފައިވާ އިރު، ޓެނިހުގެ މައި އިވެންޓުތަކުގައި މިފަދަ ކަންކަން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޓެނިހުގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ގޮވާލައިފަ އެވެ.
ކޮވިޑާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިތަކާ އެކު އޭޓީޕީ 1000 މާސްޓާސް މުބާރާތްތަކުގެ އިނާމް ފައިސާ ބޮޑުތަނުން މަދުކޮށްފައިވާ އިރު، މިފަހަކުން ވަނީ ޓެނިސް ކުޅުންތެރިންނަށް އެހީތެރިވުމަށް ފަންޑެއް ހުޅުވާފަ އެވެ.
ގްރޭންޑް ސެލޭމްއާ ޖެހިގެން ދެން އެންމެ ބޮޑު ޓެނިސް މުބާރާތުގެ ގޮތުގައި އޮތް އޭޓީޕީ މުބާރާތުގައި މީގެ ކުރިން ވެސް ޖިންސީ ތަފާތުކުރުންތައް އޮންނާތީ ގިނަބަޔަކު ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. މިދިޔަ އަހަރުގެ އިޓާލިއަން އޯޕަންސްގެ ޗެމްޕިއަންކަން ހޯދި ރަފައެލް ނަޑާލްގެ އިނާމް ފައިސާ އެފަހަރުގެ އަންހެން ޗެމްޕިއަން ޕްލިސްކޯވާއަށް ވުރެން ދެގުނަ އިތުރުވި އިރު، އެ ތަފާތު ނައްތާލުމަށް އޭރު ޓެނިސް އެސޯސިއޭޝަނުން ވަނީ މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.