މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ވައިޓް އެލާޓެއް ވެސް ނެރެފައިވަނިކޮށެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 9:00 އިން ދަންވަރު 2:00އާ ހަމައަށް، ހއ. އަތޮޅާއި ފ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވާއިރު، މިރޭ ވެސް ކަނޑުމަތީގެ ހާދިސާއެއް ވަނީ ހިނގާފަ އެވެ.
އެ ހާދިސާގައި 26 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީގެ ލޯންޗެއް ކ. ކޮއްދިއްޕަރު ކައިރީގައި އޮތް ފަރަކަށް ވަނީ އަރާފަ އެވެ.