އަދީބުގެ ދައުވާތައް ބާތިލުކުރި ގާޒީ ސަސްޕެންޝަނުގެ މުއްދަތު ހަމަވެ ވަޒީފާއަށް

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އިއްވި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކުރަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދު، އެ ދައުވާތައް ބާތިލު ކުރި މައްސަލައިގެ ތަހުގީގަށް ސަސްޕެޑް ކުރި މުއްދަތު ހަމަވެ އޭނާ ވަޒީފާއަށް ނުކުމެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، މިި ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ގާޒީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، ގޮތެއް ނިންމަވަމުންނެވެ.

ދައުވާތައް ބޭރުކޮށްލި މައްސަލަ ބަލާދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުއްވީ ޕީޖީ އޮފީހުގެ ފަރާތުންނެވެ. އެމައްސަލައިގެ ތަހުގީގަށް ގާޒީ އިސްލާމާއީލް ސަސްޕެންޑް ކުރީ ދެ މަސް ދުވަހަށެވެ.

އެ މުއްދަތު ހަމަވެ އޭނާ ވަނީ މިއަދު ވަޒީފާއަށް ނުކުންނަވާފަ އެވެ. ޖޭއެސްސީއިން ބުނީ ގާޒީ އިސްމާއީލްގެ މައްސަލަ މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

އެ ދައުވާތައް ބާތިލު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް މިއަދު ސުޕްރީމް ކޯޓުގައި އޮންނާނެ އެވެ. ދައުވާތައް ބާތިލު ކުރީ ގޯސްކޮށް ކަމަށް އަދީބު ވަނީ ހައިކޯޓުގައި އެއްބަސްވެވަޑައިގެންފަ އެވެ.

comment ކޮމެންޓް