ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ސިސްކޯ އިންސްޓްރަކްޓާ ޓުރޭނިންގް ސެންޓަރެއްގެ ދަރަޖަ ލިބިއްޖެ އެވެ.
އެ ދަރަޖަ ލިބިފައި ވަނީ މި މަހުން ފެށިގެން ކަމަށް އެމްއެންޔޫއިން ބުންޏެވެ.
ސިސްކޯ ނެޓްވޯކިންގް އެކަޑަމީއަކީ ކޮމްޕިއުޓަރު ވިއުގަތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީނު ކުރާ މަރުކަޒުތަކެކެވެ. މިއީ މިދާއިރާގައި މިހާރު ދުނިޔޭގައި އެންމެފާހަގަ ކޮށްލެވޭ ތަމްރީން ދޭ މަރުކަޒެވެ.
އެ ދަރަޖަ ލިބުމާ އެކު އެމްއެންޔޫގެ ފެކަލްޓީ އޮފް އެންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކޮންޕިއުޓަރު ސައިންސާއި އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވާ ހުރިހާ ދަރިވަރުން ދަސްވެނިވާއިރު އެމެއެންޔޫ އިން ދޭ ސަނަދުގެ އިތުރުން ސިސްކޯ ސެޓިފިކޭޝަން ވެސް ލިބޭނެ އެވެ.
ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަރު ޓުރޭނިންގް ސެންޓަރަކީ ސިސްކޯސެޓިފައިޑް ކޯސްތައް ހިންގުމަށް ބޭނުންވާ ހުނަރުވެރި މުދައްރިސުން ތަމްރީންކުރާ މަރުކަޒެކެވެ. އެމްއެންޔޫއަށް ލިބުނު ދަރަޖައާއެކު އެ މަރުކަޒުން މިސަރަހައްދަށް ބޭނުންވާ ސިސްކޯ އިންސްޓުރަކްޓަރުން ތަމްރީނުކުރެވިގެންދާނެކަމަށް އެމްއެންޔޫއިން ބުންޏެވެ.
އެއާއެކު އެމްއެންޔޫ ބޭރުގެ ގައުމު ތަކުގެ ދަރިވަރުންނަށް ހުޅުވާލަން އިތުރު ފުރުސަތެއް މިހާރު ތަނަވަސްވެފައިވާ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.