ނަވަލްނީއަށް މިހާރު މީހުން ދެނެގަނެވި، ސިޑިން ފައިބާ އުޅެވޭ

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ -- ފޮޓޯ: އިންސްޓަގްރާމް

ބާލިން (ސެޕްޓެމްބަރު 20): މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކޯމާއެއްގައި އޮތް ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް މިހާރު މީހުން ދެނެގަނެވި، ހޮސްޕިޓަލުގެ ސިޑިން ފައިބާ ހެދޭ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އިއްޔެ ނަވަލްނީ ވިދާޅުވި ގޮތުގައި އޭނާގެ ހާލު މުޅިން ރަނގަޅުވާން ދިގު މުއްދަތަކެއް ނަގާނެ ނަމަވެސް އެކަންވާނެކަން މިހާރު ވަނީ ސާފުވެފަ އެވެ. އަދި އޭނާ ސިޑިބަރިއަކުން ފައިބާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ހިއްސާ ކުރައްވާފަ އެވެ.

ނަވަލްނީ ވިދާޅުވި ގޮތުގައި ކޯމާއަށް ފަހު ދާދި ފަހަކާ ޖެހެންދެން އޭނާއަށް މީހުން ވަކިކުރަން ނޭނގެ އެވެ. އަދި ވާހަކަވެސް ނުދެއްކެ އެވެ. ނަމަވެސް މިހާރު އޭނާއަށް އެކަންތައްތައް ކުރެވެ އެވެ.

"އަދި ވެސް ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުރި، ނަމަވެސް ޝެރިޓޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ އެންމެ މުހިއްމު މައްސަލަ ހައްލުކޮށްފައި. އެއީ ކިރިޔަ ކިރިޔާ ދިރިއޮތް މީހެއްގެ ގޮތުގައި އަޅުގަނޑު އޮއްވާ، އިންސްޓަގްރާމްއިން ސްކޮރޯލްކޮށް، ލައިކް ކުރަން ޖެހޭ ޕޯސްޓުތައް އެނގޭ މީހަކަށް ހަދާފައި،" ނަވަލްނީ ސަމާސާ ކުރެއްވި އެވެ.

ނަވަލްނީ ކޯމާއަކަށް ދިޔައީ މިދިޔަ މަހުގެ 20ގައި ރަޝިއާގެ ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި އިންނަވަނިކޮށް ހޭނެތުނު ފަހުންނެވެ. އޭގެ ފަހުން ދެ ދުވަސް ވަންދެން ރަޝިއާގައި ފަރުވާ ދިނުމަށް ފަހު އޭނާ ޖަރުމަނުގެ ބާލިންގައި ހުންނަ ޝެރިޓޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ނަވަލްނީއަށް ވިހަ ދީފައިވާކަން އޭނާގެ ޓެސްޓުތަކުން އެނގެ އެވެ. އަދި ޖަރުމަނުގެ ސަރުކާރުން ވަނީ އޭނާއަށް ދީފައި ވަނީ ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި އުފެއްދި ކެމިކަލް ހަތިޔާރެއް ކަމަށްވާ ނޮވިޗޮކް ގުރޫޕުގެ ނާވް އޭޖެންޓެއް ކަމަށް ބުނެފަ އެވެ. އަދި ސުވިޑެން އާއި ފްރާންސުގައި ހެދި ޓެސްޓުތަކުން ވެސް އެކަން ހާމަވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ނަވަލްނީގެ ޓީމުން ބުނި ގޮތުގައި އޭނާ ސައިބީރިއާގެ ޓޮމްސްކްއިން ފުރާވަޑައިގަތުމުގެ ކުރިން ހުންނެވި ހޮޓެލުން ނެގި ފެންފުޅިއަކުން ނޮވިޗޮކް ވިހަ ވަނީ ފެނިފަ އެވެ. އެ ޓީމުން ބުނި ގޮތުގައި އެ ހޮޓަލުން ބައެއް ތަކެތި ނަގާ، ގައުމުން ބޭރަށް ފޮނުވީ ރަޝިއާ އިން މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރާނެކަން އެނގޭތީ އެވެ.

ނަމަވެސް ރަޝިއާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެގައުމުގައި ހެދި ނަވަލްނީގެ ލޭގެ ޓެސްޓުތަކުން ވިހައެއް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް