ބޭލްއާ ދޭތެރޭ އެއްވެސް ޒާތީ ކަމެއް ނެތް: ޒިދާން

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އެ ޓީމުގެ ފޯވާޑް ގެރެތު ބޭލްއާ އެކު --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސްއިން އެ ޓީމަށް ކުރިން ކުޅުނު މިހާރު ރެއާލް މެޑްރިޑްގެ ވިންގް ގަރެތު ބޭލް ގެންނަން ނިންމާފައިވާ އިރު، ބޭލް ކުލަބު ބަދަލުވަނީ ޒާތީ މައްސަލައެއް އޭނާއާ މެދު އޮވެގެން ނޫން ކަމަށް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި މެޑްރިޑުގެ ފުރަތަމަ 11 އިން ފުރުސަތު މަދުވެ، ޓީމުގެ ފޮޓޯތަކުން ވެސް ގެއްލޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ބޭލްގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައި އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ކުރީ ސީޒަނުގައި ވެސް ޓީމު ދޫކޮށްލަން އަންގާފައިވާ ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ދާދި ފަހުން ބުނީ ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް ޓޮޓެންހަމަށް ބަދަލުވުމުގެ މަޝްވަރާތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.

ބޭލް،31، ދުނިޔޭގެ ރެކޯޑް އަގަކަށް 2013 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ރެއާލަށް ބަދަލުވީ 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. ފުރަތަމަ ދެތިން ސީޒަން ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދައި، ބޮޑެތި ކާމިޔާބީތަކެއް ވެސް އޭނާ ހޯދި އިރު، އަނިޔާތަކާއި ފޯމުގެ މައްސަލަތަކަށްފަހު ބޭލްގެ އަލިގަދަ ތަރި އޮއްސެން ފެށީ 2017 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓޮޓެންހަމުން ވަނީ ރެއާލުން ބޭނުންވާ ލޯން ފީ ދައްކަން އެއްބަސްވެފަ އެވެ. އަދި ލޯން އެއްބަސްވުމުގެ ދަށުން ބޭލްގެ މުސާރައިގެ އެއް ބައި ދައްކާނީ ރެއާލުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެއާއެކު ބޭލް މެޑްރިޑް ދޫކޮށްލަނީ ޓީމުގެ ކޯޗު ޒިދާންއާ ދެމެދު އުފެދިފައިވާ މައްސަލައަށް ހައްލެއް ނުލިބުމުގެ ސަބަބުން ކަމަށް ރިޕޯޓްތަކުން ބުނެފައިވާ އިރު ޒިދާން ވަނީ އެކަން ދޮގުކޮށް ބޭލްއަށް ތައުރީފް ކޮށްފަ އެވެ.

"ބޭލް ކުލަބު ދޫކޮށްލާ ވާހަކައިގައި އަހަރެންނަށް ނަފުރަތު ކުރުމަކީ އަހަރެން އަޅާލާނެ ކަމެއް ނޫން. އެކަމުގެ ހަގީގާތް ވަރަށް ތަފާތު. ބޭލްއާ ދެމެދު ޒާތީ އެއްވެސް ކަމެއް ނެތް. އޭނާ މިކުލަބަށް ކޮށްދިން ހިދުމަތްތަކަކީ އަގުހުރި މަސައްކަތްތަކެއް. އެކަން ދުވަހަކު ވެސް ބަދަލެއް ނުވާނެ،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ، މިހާރު ކުރިއަށްދާ ޓްރާންސްފާގެ އެއްވެސް ކަމެއްގައި ބޭލްއާ ރަސްމީކޮށް ވާހަކަ ނުދައްކާ ކަމަށާއި އަދި އޭނާ އަކީ މެޑްރިޑްގެ ކުޅުންތެރިއެއް ކަމަށެވެ.

"އަދިވެސް ބޭލް އަކީ އަހަރަމެންގެ ކުޅުންތެރިއެއް. ބޭލް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް. އޭނަގެ ޓްރާންސްފާގެ ކަންކަން އަހަރެން ނުބަލަން."

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ސީޒަނުގައި ސެވިއްޔާ އަށް މޮޅު ކުޅުމެއް ދެއްކި ރެގީލޯން ޓޮޓެންހަމާ ގުޅޭ އެއްބަސްވުމުގައި އޭނާ ނޫނީ ރެއާލުން ބޭނުން ނަމަ ވަކި ކަންތައްތަކެއް ފުރިހަމަކޮށް އަލުން ރެއާލާ ގުޅުމުގެ އިހުތިޔާރު ލިބޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް