އިސްލާމިކް މިނިސްޓްރީން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދަށް ދައިވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާކުރަން ފޮނުވީ އިއްޔެ އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. ޒިޔާދުގެ އިތުރުން އެ މައްސަލައިގައި އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދު (މ. މުހައްމަދީއާބާދު،) ގެ މައްޗަށް ދައުވާކުރުމަށް ވެސް އޭސީސީން ވަނީ ފޮނުވައިފައެވެ.
އޭސީސީން މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ 1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސް އޮފީހަށް އިސްލާމިކް މިނިސްޓްރީން ސިޓީ ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މައުލޫމާތު ހިމަނާ އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައިވަނީ އެ ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ،
އަދި އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރި ޑޮކްޓަރު އަހްމަދު ޒިޔާދު ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާއިރު، އެ ޕްރޮޕޯސަލްތަކަކީ ކިހިނެތް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އަދި އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލުން ނޫންކަމަށާއި، އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެހެންކަމުން، އެމަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަހީ ހެކިތަކުން ސާބިތުކުރެވޭތީ، ޑރ. ޒިޔާދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ވަނީ ނިންމައިފައެވެ.
އެއީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުންކުރުން ބަޔާންކުރާ މާއްދާތަކެވެ.
ހަމައެއާއެކު އެއްބަސްވުމުގައި ހުރި ކަންކަމަށް ބަލާއިރު، ދައުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކޮށްފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވޭތީއާއި، އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ޑރ. ޒިޔާދު ސޮއިކޮށްފައިވާތީ، އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުން ލިބި، އެސްޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައިވާތީ، އޭނާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ވަނީ ފޮނުވައިފައެވެ.
ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދާފައިވާއިރު، އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު، އެސްޖޭ ކޮންސްޓްރަކްޝަންއަށް މަޝްރޫއު ހަވާލުކުރުމަށް މަސައްކަތްކޮށްފައި ވާތީއާއި ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް، އިބްރާހީމް އަބްދުﷲ ސައީދު ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
އަދި ހަތަރެއް މާޗު 2018 ފައި މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާގޮތަށް އެސްޖޭ ކޮންސްޓްރަކްޝަންގެ ޕްރޮޕޯސަލްގައި ޒިކުރާ މިސްކިތް އަމާރާތްކޮށްދިނުމަށް އެފަރާތުން ހިމަނާފައިވަނީ، އަބްދުﷲ ސައީދު އެ މައުލޫމާތުތައް އެފަރާތަށް ދީގެންކަމަށް ބެލެވޭ ކަމަށެވެ.
ހަމައެއާއެކު އިބްރާހިމް އަބްދުﷲ ސައީދު އާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭތީއާއި، ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ހިމަނާފައިނުވާއިރު، އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް އަބްދުﷲ ސައީދު އެ ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އޭނާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ.
އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާއެކު ސޮއިކުރީ ޖުލައި، 9، 2018، ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރިއަށް ގެންދާ، އެ މަޝްރޫއަށް 130 މިލިއަން ރުފިޔާ ހަރަދުކުރާއިރު މިނިސްޓްރީން ވަނީ 30 މިލިއަން ރުިފޔާ ހަރަދުކޮށްފައެވެ. އަދި ބާކީ 100 މިލިއަން ރުފިޔާ ހަރަދުކުރަން ހަވާލުކުރީ ކޮންޓްރެކްޓާއަށެވެ. އޭގެ ބަދަލުގައި ހަތް ފަންގިފިލާ 10 އަހަރަށް ކޮންޓްރެކްޓާއަށް ލިބެއެވެ.
އެއްބަސްވުމުގެ ދަށުން ފުރަތަމަ ފަންގިފިލާ ބޭނުންކުރާނީ މިސްކިތުގެ ގޮތުގައެވެ. އަދި ބާކީ ފަންގިފިލާތައް ބޭނުންކުރާނީ އޮފީސް ޖާގަ ހިމެނޭގޮތަށެވެ.
އެއްބަސްވުމާއެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ އެ އެއްބަސްވުން މިދިޔަ އަަހަރު މޭމަހު ވަނީ ބާތިލްކޮށްފައެވެ. އަދި އޭގެ ބަދަލުގައި 141 މިލިއަން ނަގައިދިނުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ވަނީ ދައުވާކޮށްފައެވެ.
އެ ޕްރޮޖެކްޓާ ގުޅޭ އޮޑިޓު ރިޕޯޓުގައި ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.