3،004 މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން ކޮވިޑް އެންޓިބޮޑީ ފެނިފައިވޭ

ކޮވިޑަށް ޓެސްޓްކުރަން އޭޑީކޭގައި ބެހެއްޓި މެޝިން-- ފޮޓޯ: އޭޑީކޭ

ކޮވިޑް19 އާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 3004 މީހެއްގެ އެންޓިބޮޑީ ޓެސްޓު ހެދި އިރު، އޭގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ ބުރަ މަސައްކަތުގެ ކުރީ ސަފުގައި މަސައްކަތްކުރާ އެތައް ބަޔަކު ވައިރަހަށް ހުށަހެޅިފައި ތިބުމަކީ ގާތް ކަމެއް ކަމަކަށް ވާތީ، އެމީހުންގެ އެންޓިބޮޑީ ޓެސްޓް ހަދައިދިނުމަށް އޭޑީކޭއިން ނިންމީ ޖުލައި މަހުއެވެ.

ކުރީސަފުގައި މަސައްކަތްކުރާ މީހުންނާއި އެމީހުންގެ ގޭގައި ދިރިއުޅޭ މީހުން އަދި ޑެލިވަރީ ހިދުމަތުގައި މަސައްކަތްކުރާ މީހުންނަށް އަމާޒުކޮށްގެން ކޮވިޑް19 އެންޓިބޮޑީ ޓެސްޓު ހަދައިދިނުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔައީ މުޅިން ހިލޭ އެވެ.

ރޯޗް ކޯބާސް އެލެކްސިސް އީ411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ހެދި ޓެސްޓުތަކުގެ ނަތީޖާ އޭޑީކޭ އިން މިއަދު ވަނީ އާންމުކޮށްފައެވެ. އޭޑީކޭ އިން ވަނީ 3،004 މީހެއްގެ އެންޓިބޮޑީ ޓެސްޓު ހަދައިދީފައެވެ. އޭގެ ތެރެއިން 125 މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވެއެވެ. އެއީ ސާމްޕަލްގެ 4.1 ޕަސެންޓު މީހުންނެވެ.

މީހެއްގެ ހަށިގަނޑުގައި އެންޓިބޮޑީ ހުރުމުގެ މާނައަކީ، ކުރިން އެމީހަކަށް ބަލި ޖެހިފައި ހުރުމެވެ.

އޭޑީކޭ އިން ބުނީ އެ 125 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓުކޮށްފައި ނުވާ މީހުން ކަމަށާއި އެހެންކަމުން އެމީހުން ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އަލާމާތް ފެނިފައިނުވާކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެންޓިބޮޑީ ޓެސްޓު ހެދި މީހުންގެ ތެރޭގައި 412 ސިއްހީ ހިދުމަތްތެރެއިން ހިމެނެއެވެ. އޭޑީކޭ އިން ބުނީ ސިއްހީ ހިދުމަތްތެރިންގެ ހަތް ޕަސެންޓު މީހުންގެ ޓެސްޓް ޕޮޒިޓިވް ކަމަށެވެ.

ކުންފުނިތަކުގައި މަސައްކަތް ކުރާ 1،257 މީހުންގެ އެންޓިބޮޑީ ޓެސްޓު ހެދި އިރު، އޭގެ ތެރެއިން ހަ ޕަސެންޓު މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވެއެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ ކުންފުނިތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިތައް ވެސް ހިމެނެއެވެ.

އޭޑީކޭ އިން ލަފާކުރާ ގޮތުގައި ގްރޭޓާ މާލެ އޭރިއާގައި ފްރަންޓްލައިންގައި މަސައްކަތްކުރާ 90،000 މީހުން އުޅޭނެއެވެ. އަދި އެންޓިބޮޑީ ޓެސްޓުގެ ނަތީޖާ ދައްކާގޮތުން ހަތަރު ޕަސެންޓު މީހުންގެ އެންޓިބޮޑީ ހުރި އިރު، ވައިރަހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މަސައްކަތްތަކުގައި އުޅޭ މީހުންގެ ހަ ޕަސެންޓު މީހުންގެ އެންޓިބޮޑީ އެބަހުއްޓެވެ.

އަދި އެއިން އެއްވެސް މީހަކު މީގެކުރިން ކޮވިޑަށް ޓެސްޓުކޮށްފައި ނުވާތީ، އެމީހުންނަކީ ކޮވިޑުގެ އެއްވެސް އަލާމާތެއް ނުފެނި ބަލިން ރަނގަޅުވެފައިވާ މީހުން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އޭޑީކޭގެ ނަތީޖާތަކުން ދައްކައެވެ.

އޭޑީކޭއިން ބުނީ މި ހޯދުންތަކުގެ އަލީގައި މީހުންގެ އެންޓިބޮޑީ ޓެސްޓުކުރުމުގެ މުހިންމުކަން އެނގިގެންދާ ކަމަށެވެ.

އޭޑީކޭއިން ވަނީ އެ ހޯދުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ. އަދި އެއީ ރާއްޖޭގެ ކޮވިޑް19ގެ ހާލަތު ދެނެގަތުމަށް ކުރާ މަސައްކަތަށް އޭޑީކޭއިން ވެދޭ އެހީތެރިކަމެއް ކަމަށާއި، އަދިވެސް އިތުރު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ތައްޔާރަށް އޮތް ކަމަށް ބުނެފައިވެއެވެ.

އޭޑީކޭއިން ބުނީ ރާއްޖޭގެ ކޮވިޑް19 ގެ އަސްލު ހާލަތު ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓުކޮށް އިތުރު ދިރާސާތައް ކުރުން މުހިންމުކަމަށް އެ ހޮސްޕިޓަލުން ދެކޭ ކަމަށެވެ.

އޭޑީކޭ އިން ކޮވިޑް19 އަށް ޕީސީއާރު ޓެސްޓު ކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން އެންޓި ބޮޑީ ޓެސްޓް އަދި ރެޕިޑް ޓެސްޓުވެސް އެ ހޮސްޕިޓަލުން ހަދައެވެ.

މިހާތަނަށް ރާއްޖެއިން 9،494 މީހަކަށް ބަލިޖެހިފައިވާކަން ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރެއިން 8،033 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

comment ކޮމެންޓް