ރަޝިއާއިން އިންޑިއާއަށް 100 މިލިއަން ކޮވިޑް ވެކްސިން ވިއްކަނީ

އިންޑިއާގެ މީހަކު ހުންހުރިތޯ ޗެކްކުރަނީ -- ފޮޓޯ: ރޮއިޓާސް

ރަޝިއާއިން އިންޑިއާއަށް 100 މިލިއަން ކޮވިޑް ވެކްސިން ވިއްކަން ނިންމައިފި އެވެ.

ސްޕަޓްނިކް-ވީ ގެ ނަމުން ނަން ދީފިއިވާ އެ ވެކްސިނުގެ 100 މިލިއަން ޑޯސް، އިންޑިއާގެ ފާމަސޫޓިކަލް ކުންފުންޏެއްކަަށްވާ ޑރ. ރެޑީސް ލެބޯޓަރީއަށް ވިއްކުމަށް ރަޝިއާގެ ސޮވެރިން ވެލްތު ފަންޑުން މިހާރު ވަނީ ނިންމައިފަ އެވެ.

ޑރ. ރެޑީސްއަކީ މުޅި އިންޑިއާގެ އެންމެ ނަން މަޝްހޫރު އެއް ފާމަސޫޓިކަލް ކުންފުންޏެވެ.

ޑރ. ރެޑީސްއާ ގުޅިގެން ރަޝިއާއިން ވަނީ އެ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތަކުގެ ތިން ވަނަ ފޭސް އިންޑިއާގައި ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެ ޓްރަޔަލްތައް ނިމުމާއެކު މިއަހަރު ފަހުކޮޅު ވެކްސިންގެ ޑޯސްތައް ފޯރުކޮށްދެވޭނެކަމަށް ވަނީ ބުނެފަ އެވެ.

ރަޝިއާއިން ކޮވިޑް ވެކްސިނަށް ލައިސަންސް ދޫކުރިއިރު އެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުުކުރަން ހަދާ ކްލިނިކަލް ޓްރަޔަލްތަކުގެ ތިން ވަނަ ފޭސް އަދި ނުނިމެ އެވެ. ތިން ވަނަ ފޭސް ނުނިންމައި ވެކްސިނަށް ލައިސަންސްދިން ފުރަތަމަ ގައުމަކީވެސް ރަޝިއާ އެވެ.

ރަޝިއާއިން ބުނީ އެ ވެކްސިންގެ ފުރަތަމަ ދެ ފޭސްގެ ތަހުލީލްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން މިހާރު ވަނީ އެ ވެކްސިން 300 މިލިއަން ޑޯސް އިންޑިއާގައި އުފައްދަން ވެސް ނިންމައިފަ އެވެ. -- އިންޑިއާ ޓުޑޭ

comment ކޮމެންޓް