މިއަދު ޕޮޒިޓިވްވީ 99 މީހުން، 65 ދިވެހީން ހިމެނޭ

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު ކޮވިޑް 19 އަށް އިތުރު 99 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންވެސް ހިމެެނެއެވެ.

މިއަދު 99 މީހުން ޕޮޒިޓިވްވިއިރު އިއްޔެ ޕޮޒިޓިވްވީ 85 މީހުންނެވެ. އެއާއެކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 9427 އަށް އަރައިފައެވެ. އަދި ބަލިން 7903 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި 33 މީހުން ބަލީގައި ވަނީ މަރުވެފައެވެ.

ކޮވިޑާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ)އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިއްޔެގެ ހަޔަކުން މިއަދުގެ ހަޔަކަށް 1610 ސާމްޕަލް ޓެސްޓްކުރި ކަމަށާއި އޭގެ ތެރެއިން މާލެއިން 92 މީހުން ޕޮޒިޓިވްވެ އަތޮޅުތެރެއިން ހަތް މީހުން ޕޮޒިޓިވްވި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑްގެ އެކްޓިވް ކޭސް މިވަގުތު 20 ރަށެއްގައި އުޅޭ ކަމަށެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ބަލާލާއިރު ދަރުމަވަންތަ ހޮސްޕިޓަލްގައި ދެ ފަރާތެއް އެޑްމިޓްކޮށްފައިވާއިރު އޭގެން އެކަކު އައިސީޔޫގައި އަދި އަނެއްމީހާ ވެންޓިލޭޓަރުގައި އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އޭގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީޣައި 107 ފަރާތެއް އެޑްމިޓްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ހަތަރު ފަރާތެއް އައިސީޔޫގައި އަދި 103 ފަރާތެއް ވޯޑުގައި ފަރުވާ ދެމުންދާކަމަށް އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މިވަގުތު ގއ. ހޯޑެއްދޫ އަދި ގދ. މަޑަވެލި އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

comment ކޮމެންޓް