ބޭސްފަރުވާ ހޯދާ ފަރާތްތަކާއި ދަރިވަރުންނަށް ކާޑު ލިމިޓް އިތުރުކޮށްދޭނަން: ބީއެމްއެލް

ޑޮލަރުގެ ތާށިކަމާ ހުރެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ބޭރުގައި ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރި ނަމަވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދޭން އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

އެގޮތުން އިންޓަނެޓް ބޭންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާ އެކު ބޭންކަށް ޖެހެނީ ހުށަހަޅާށެވެ.

ބޭންކުން ބުނީ އެގޮތަށް ލިބޭ ހުށަހެޅުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށް ފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅައި އެކަން އަންގާނެ ކަމަށެވެ.

މީގެ އިތުރުން މިހާރެކޭ ވެސް އެއްގޮތަށް ކޮލެޖް، ޔުނިވަސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ އެވެ. އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެ އެވެ.

މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮަލަރު ނެގޭނެ އެވެ. އަދި އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު އެޓީއެމް އިން ނެގޭ ފައިސާގެ އަދަދަށް ބަދަލެއް ނާދެ އެވެ.

ބޭންކުން މިއަދު އިއުލާންކޮށްފައި ވަނީ، ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރާ ހަމައަށެވެ. ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށެވެ.

މިކަމުގެ ސަބަބުން 95 ޕަސެންޓް ކަސްޓަމަރުންނަށް އެކަމުގެ އަސަރު ނުކުރާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ. އަދި ބޭންކުން ބުނީ އެ ބަދަލު ގެންނަން މަޖުބޫރުވީ، ޓޫރިޒަމް ދަށްވެފައިވުމުން ޑޮލަރު ލިބުމަށް ދަތިވެފައި ވާތީ، ޒަރޫރީ ބޭނުންތަކަށް ޑޮލަރު ބަހައްޓަން މަޖުބޫރުވެގެންނެވެ.

comment ކޮމެންޓް