އާންމުންގެ ހަރަދުކުރުން ދަށްވެ، ވިޔަފާރިތަކުގެ ވިކުރާއަށް އަސަރުކޮށްފި

މެއި 12، 2020: މާލޭގެ ބާޒާރު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑާއެކު ދިރިއުޅެމުންދާތާ ހަ މަހަށްވުރެ ގިނަ ދުވަސްވީ އެވެ. ކޮވިޑު އައިސް ދިރިއުޅުމުގެ އެތައް އާދައެއް ބަދަލުކޮށްލައިފި އެވެ. ދިރިއުޅުމަށް ކުރި މަސައްކަތްތައް ހުއްޓާލަން ޖެހި އެތައް ބަޔެއްގެ އަތްމަތި ދަތިވެއްޖެ އެވެ. އެތައް ބަޔެއްގެ ވަޒީފާ ގެއްލި އިގްތިސާދީ ގޮތުން މުޅި ދުނިޔެ އަށް ވެސް އަސަރުކޮށްފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު އައި އިގްތިސާދީ ގޮންޖެހުންތަކުގެ އަސަރު ނުކުރާ މީހަކު ނެތެވެ. ބޮޑެތި ވިޔަފާރިތައް ބަނގުރޫޓުވެ، ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު އާންމު ރައްޔިތުމީހާ އަށް ކުރާ އަސަރު އެއަށްވުރެ ބޮޑެވެ. އިކޮނޮމިކް އަންސާޓެއިނިޓީ ނުވަތަ އިގްތިސާދަށް ވާނެ ގޮތާމެދު ޔަގީންކަމެއް ނެތި އަހަރެމެންގެ "ސްޕެންޑިން ބިހޭޭވިއާ" ނުވަތަ ހަރަދު ކުރާ ގޮތަށް މިވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.

އާންމުން ހަރަދު ކުރާ މިންވަރަށް އަންނަ ބަދަލާ ގުޅޭގޮތުން ކަންމަތީ ފިހާރައެއް ހިންގާ މީހަކު ބުނީ، ފާއިތުވި ހަތަރު މަސް ތެރޭ ވިޔަފާރީގެ ވިކުރާއަށް އަސަރުކޮށްފި ކަމަށެވެ. އާންމު ހާލަތުގައި ދުވާލެއްގެ މައްޗަށް 15،000 ސޭލްސް ޖެހޭ އެ ފިހާރައިގެ ސޭލްސް މިހާރު ވަނީ 5،000 އާއި 6،000 އާއި ދެމެދަށް ވެއްޓިފަ އެވެ. ބައެއް ދުވަސް ދުވަހު 3،500 ވެސް ޖެހޭ ކަމަށް ބުންޏެވެ.

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރޯދަ މަހުން ފެށިގެން މި ބަދަލު އަންނަން ފަށައިފި. އާންމުކޮށް ގޭގޭގައި ބޭނުންކުރާ ކާބޯތަކެތި ގަންނަ މިންވަރުވެސް މަދުވާން ފެށިކަން ފާހަގަ ކުރެވޭ. ކޮންމެހެން ބޭނުންވާ އެއްޗެހި ނޫނީ ނުގަނޭ. އެކަން ފާހަގަވޭ ސޭލްސް އަށް ބެލީމަވެސް. ކުރިން އާންމުކޮށް ދުވާލަކު 15،000 ސޭލްސް އަށް ޖެހޭނެ. މިހާތު 5،000 އިން މިފަނީ 3000 ޖެހޭ ދުވަސް ވެސް ދޭ. މިގޮތަށް ވިޔަފާރި ދަށްވެގެން ދާއިރު އެންމެ ބޮޑު ދައްޗަކީ ސަސްޓެއިން ކުރުން. ކަރަންޓާ ކުލި ދައްކާފައި އެއްވެސް އެއްޗެއް މިހާރު ނޯވޭ،" ވިޔަފާރިވެރިޔާ ބުންޏެވެ.

ކޮވިޑު19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި އެންމެ ބޮޑު ލޮޅުމަކީ ފަތުރުވެރިކަން ހުއްޓުމަކަށް އައުމެވެ. އިގްތިސާދުގެ މައިބަދަ ކަމުގައި ބަލަމުން އައި ސިނާއަތް ހުއްޓި، ގައުމަށް ލިބޭ އާމްދަނީ ހުއްޓުމާއެކު ހުރިހާ ދިމާއަކަށް އޭގެ އަސަރު ކުރަން ފެށި އެވެ. ސަރުކާރުގެ ސިވިލް ސާވިސް މުވައްޒަފުން ފިޔަވާ އެހެން ހުރިހާ މަސައްކަތްތެރިންގެ އާމްދަނީ އަށް އަސަރު ކުރި އެވެ. ޑޮލަރު ލިބޭ ވަރު މަދުވެ، ރުފިޔާގެ އަގު ވެއްޓި އިމްޕޯޓަށް ބަރޯސާވާ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެން ފެށި އެވެ.

ޖޫން 8، 2020: ނިއު ނޯމަލް އާއި އެކު މާލޭގެ މަޖީދީމަގު ބާރު ބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އާންމުކޮށް އަހަރެމެން ގެއަށް އެއްޗެހި ގަންނަނީ މަހަކަށް ވާވަރަށް. ކާޑުގެ އިތުުރުން ކާން ބޭނުންކުރާ އެއްޗެހި މަސްދުވަހަށް ވާވަރަށް ގަންނަން. ހަތަރު މީހުން އުޅޭއިރު ކެއުމަށް އަސްލު ބޮޑު ހަރަދެއް ކުރެވޭ. 3،000 އެވްރެޖުކޮށް ކާއެއްޗެއްސަށް ހަރަދުވޭ. އެކަމަކު ކޮވިޑު އައިތަނާ ދެ މީހެއްގެ ވަޒީފާ ގެއްލިއްޖެ. ވަޒީފާގައި ތިބި މީހުންގެ މުސާރަތައް ކުޑަ ކޮށްފި. ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް. މިހާރު ކެއުމުގެ ހަރަދު ކުޑަކޮށްގެން މިއުޅެނީ. ފާހަގަވޭ އެކަމަކު އެއްޗެހީގެ އަގުތައް މަހުން މަހަށް އުފުލޭކަން،" މާލޭގައި ކުއްޔަށް އުޅޭ އާއިލާ އަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އާމްދަނީއަށް އަސަރު ކުރުމަކީ މީހުން ފައިސާ ހޭދަކުރާ މިންވަރު ދަށަށް ދާނެ ކަމެކެވެ. އަނެއް ކޮޅުން އިގްތިސާދު ދަށްވާނަމަ، ފަހަށް ރައްކާކުރުމަށް މީހުން ވިސްނާނެ އެވެ. ބޭކާރު ހަރަދުތައް ކުޑަކޮށް، ކޮންމެހެން ބޭނުން ހަރަދެއް ނޫނީ ނުކުރުމަށް އިސްކަންދޭނެ އެވެ. ފަހުން އާމްދަނީ ނުލިބޭ ހާލަތެއް މެދުވެރިވެއްޖެނަމަ ބޭނުންކުރާނެ ފައިސާ ރައްކާކުރުމަށް ބަލާނެ އެވެ.

ހުޅުމާލޭގައި މަހުގެ ވިޔަފާރިކުރާ މީހަކު ބުނިގޮތުން ކުރިން އާންމުކޮށް 10،000 ރުފިޔާގެ ވިޔަފާރި ކުރި ނަމަވެސް އެ އަދަދު ވަނީ އެވްރެޖުކޮށް 3000 ރުފިޔާއަށް އަށް ދަށްވެފަ އެވެ. މިހާރު 1000 ރުފިޔާގެ ސޭލްސް ޖެހޭ ފަހަރުވެސް އާދެ އެވެ.

މާޗް 22، 2020: މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މަސް ގަންނަން އަންނަ މީހުން އެބަ ބުނޭ އަގު ކުޑަކޮށްދޭން. މިސާލަކަށް އަހަރެމެން 25 އަށް ނޫނީ 20 އަށް ކިލޯ ވިއްކިޔަސް އެބަބުނޭ އަތްމަތި ދައްޗޭ، އަގު ކުޑަކޮށްދޭށޭ. ވަރަށް ފާހަގަވޭ އާންމުންގެ އަތްމަތި މިހާރު ދަތިކަން،" އޭނާ ބުންޏެވެ.

މިހާލަތުގައި އާންމު ވިޔަފާރިތަކަށްވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު މުދާ އެތެރެކުރުމަށް ހޭދަކުރާ ފައިސާ ކުރިއާ އަޅާބަލާއިރު އިތުރުވުމަކީ މުދަލުގެ އަގު ބޮޑުވާނެ ކަމަކަށްވާތީ، ކޮންސިއުމާ ސްޕެންޑިން ދަށްވި ނަމަވެސް، އަގުތައް ތިރިކުރުމަކީ ވިޔަފާރިތަކަށް މި ދަނޑިވަޅުގައި ދަތިކަމަކަށް ވާނެ އެވެ.

ކޮންސިއުމާ ސްޕެންޑިން އިތުރު ކުރުމަށް ސަރުކާރަށް ސަބްސިޑީގެ ގޮތުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ދަނޑިވަޅުގައި ދަތިކަމެކެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ސަރުކާރުން އިންކަމް ސަޕޯޓު އެލަވެންސް ފޯރުކޮށްދިނުމަކީ މި ދަނޑިވަޅުގައި އިގްތިސާދަށް ލިބުނު ކުޑަ ނަމަވެސް ފަރުވާއެކެވެ.

ސަރުކާރުން ވަނީ ބައެއް ކަހަލަ ޓެކްސް ދެއްކުމަށް ވިޔަފާރިތަކަށް ލުއި ދީފަ އެވެ. މިއީވެސް އިގްތިސާދަށް ކުރާނެ އަސަރު ކުޑަކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެެ.

މި ހާލަތުގައި އެންމެ އިސްކަންދޭންވީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ދެން ހުރި ހަރަދުތައް މަޑުޖައްސައިލުމެވެ. "ލަގްޒަރީ ސްޕެންޑިން" ހުއްޓާލާ ކޮންމެހެން ބޭނުންޖެހޭ ޒަރޫރީ އެއްޗެއް ނޫނީ ނުގަނެ ފަރުޖައްސައިލުމެވެ. އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް ކިތައް މަސް ނަގާނެކަން އަންދާޒާ ކޮށްލަންވެސް އަދި ނޭނގެ އެވެ. މިކަން ހައްލު ވާނީ، ކޮވިޑުގެ ކަންކަން ހަމައަކަށް އެޅިގެންނެވެ. އެއީ އަދި ބުނަން ނޭނގޭ ގޮތެކެވެ.

comment ކޮމެންޓް