ވައިކަރަދޫ ކަނޑޫފާވެސް މަރުގެ ތުންފަތްމަތީ

ހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި: ކަނޑޫފަލުގެ 75 ޕަސެންޓު މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ -- ފޮޓޯ/ އަލީ ރިފްހާން

މީގެ ދެ ހަފްތާ ކުރިން ހދ. ވައިކަރަދޫ، އަލީ ރިފްހާން ރަށަށް ދިޔަ އިރު ރަށުގެ މަލަމަތިން ކުރިން ނުފެންނަ މަންޒަރެއް ފެނުނެވެ. ރަށުގެ އިރުމަތީ ފަރާތުގައި އޮންނަ ކަނޑޫފަލުގެ ބައެއް ގަސްތައް މަރުވެ ހިކިފައި ހުރި މަންޒަރެވެ. އޭރު ރަށު މީހުންނަށްވެސް އޮތީ އެކަން ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވިފަ އެވެ.

ވެގެން އުޅޭ ގޮތެއް ބަލަން ރިފްހާން އިއްޔެ ކަނޑޫފަލަށް ދިޔަ އެވެ. ފެނުނީ ގަސްތައް މަރުވެ ގުދުރަތީ ގޮތުން ރީތި އެ މާހައުލު ވީރާނާވަމުންދާ މަންޒަރެވެ. ޑްރޯން އަރުވައި ބަލާލިއިރު ކަނޑޫފަލުގެ ބޮޑު ބައި މަރުވެއްޖެ އެވެ. ރިފްހާން ލަފާ ކުރާ ގޮތުގައި ގާތްގަނޑަކަށް 75 ޕަސެންޓު ވަނީ މިހާރު މަރުވެފަ އެވެ. ބާކީ ހުރީ، ކަނޑޫފަލުގެ ބޭރުފަށުގައި ވަށައިގެން ހުރި ބޮޑެތި ގަސްތަކެއް އެކަންޏެވެ.

ކަނޑޫފަލަށް ގޮސް ވަން އިރު ރިފްހާންއަށް އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ކުރިން ހުރި ވަރާ ގާތަށްވެސް އެތަނުގައި ފެން ނެތް ކަމެވެ. ކުރިން ފައިގެ ތަނބިކައްޓާ ހަމައަށް ފެން ހުރި ތަން އޮތީ މުޅިންހެން މިހާރު ހިކިފަ އެވެ.

ހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި: ކަނޑޫފަލުގެ 75 ޕަސެންޓު މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ -- ފޮޓޯ/ އަލީ ރިފްހާން

އޭނާ ކިޔައިދިން ގޮތުގައި މަރުވެފައި ހުރި ގަސްތައްވެސް ހުރީ އެއްކޮށް ހިކިފަ އެވެ. ހުރިހާ ފަތެއް ވަނީ ފައިބާފަ އެވެ. ރިފްހާން ސިފަ ކުރި ގޮތުގައި އެތަން ހީވަނީ "ބިމަށް ދަނޑިތަކެއް ޖަހާފައި" ހުރިހެންނެވެ.

"ބޮޑެތި ގަސްތައް ނޫން ކުދި ހުރިހާ ގަހެއް މަރުވެފައި، ބިމުން ފަޅާފައި ހުރި ކަނޑޫތައްވެސް، އެއްކަލަ ކިރިޔާ ކުރި ލާފައި ހުރި ކުޑަ ކަނޑޫތައްވެސް ހުރީ މަރުވެފައި،" ރިފްހާން އެ މަންޒަރު ސިފަކޮށްދިނެވެ.

ވައިކަރަދޫ ކަނޑޫފަލުގެ ސަލާމަތުން ހުރި ބައެއް ގަސްތަކުގެ ފަތްތައް -- ފޮޓޯ/ އަލީ ރިފްހާން

މަދު ފަތްކޮޅު ހުރި ގަސްތަކުގައިވެސް ފަތްތައް ހުރީ މިލާމޯޅިވެފައިކަން އޭނާއަށް ފާހަގަ ކުރެވުނެވެ.

"ގަސްތައް ހުންނަނީ އަވި ގަދަވެެގެން މިލާ ގޮތަށް ނޫނީ ފެން ނުލިބިގެން މިލާ ގޮތަށް މިލާފައި ހުންނަނީ. ގިނަ ގަސްތަކުގެ ފަތްތައް އެއްކޮށް ވެރިފައި ހުރީ،" ރިފްހާން ކިޔައިދިނެވެ.

ވައިކަރަދޫއާ 10 ވަރަކަށް މިނެޓު ދުރުގައި އޮންނަ ނޭކުރެންދޫ ކަނޑޫފަލަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކަނޑޫފަލެވެ. އެ ކަނޑޫފަލުގެ ބޮޑު ބައެއްވެސް މިހާރު ދަނީ މަރުވަމުންނެވެ. އަދި ހއ. ކެލާގެ ކަނޑޫފަލަށްވެސް ޖެހިފައި ވަނީ މި ހާލެެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ ގުޅިގެން ނޭކުރެންދޫ އަދި ކެލާގެ ކަނޑޫފާ ދިރާސާ ކުރި އެވެ. ދެ ރަށުގެ ކަނޑޫފަލުންވެސް ފަނިފަކްސަ ފެނުނެވެ. އަދި ކެލާގެ ބައެއް ގަސްތަކުން "ރޫޓް ރޮޓް" ނުވަތަ މޫ ފީވުން ފާހަގަ ކުރެވުނެވެ. އެއީ ފަންގަސްގެ ސަބަބުން ދިމާވާ ކަމެކެވެ.

ހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި: ކަނޑޫފަލުގެ 75 ޕަސެންޓު މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ -- ފޮޓޯ/ އަލީ ރިފްހާން

ވައިކަރަދޫ ކަނޑޫފަލުން އެއްވެސް ފަންޏެއް ނުފެންނަ ކަމަށް ރިފްހާން ބުންޏެވެ. ރޫޓް ރޮޓް ހުރި ކަމެއް އޭނާއަކަށް ނޭނގެ އެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ރިފްހާން ރަަށަށް ދިޔަ އިރުވެސް ކަނޑޫފާ އޮތީ ވަރަށް ރީއްޗަށެވެ. އޭރު ނޭކުރެންދޫ ކަނޑޫފާ މަރުވާ މައްސަލަ އުޅުނީ ފެންމަތިވެގެންނެވެ. އެކަމަކު، ވައިކަރަދޫ ކަނޑޫފަލުން އެފަދަ ނިޝާނެއް އޭރަކު ނުފެނެ އެވެ.

"މަ ޖޫންގައިވެސް ދިޔައިން އެތަނަށް. އޭރު ވަރަށް ހެލްތީކޮށް ހުރީ ހުރިހާ ކަމެއް. އޭރަކު މިކަހަލަ އެއްވެސް ކަމެއް ނެތް،" ރިފްހާން ބުންޏެވެ.

މި އަހަރުގެ ޖޫން މަހު ނަގާފައިވާ ވައިކަރަދޫ ކަނޑޫފާ ސަރަހައްދުގެ އޭރިއަލް ފޮޓޯއެއް: އޭރު ގަސްތައް މަރުވުމުގެ ނިޝާނެއް ނުފެނޭ -- ފޮޓޯ/ އަލީ ރިފްހާން

ބާރު ސްޕީޑުގައި ކަނޑުފާ މަރުވަމުން ދިޔުމަކީ ރިފްހާންގެ ކަންބޮޑުވުމެކެވެ. އޭނާ ބުނީ މި ރޭޓުގައި މަރުވާ ނަމަ އެތަން އަބަދަށް ނެތިގެން ހިނގައިދާނެތީ އެވެ.

"ވަރަށް އަވަހަށް ހަލާކުވަމުން އެބަދޭ. ކައިރިފަށް އެކަނި ރަނގަޅަށް ހުރީ. މަށަށް ނޭނގެ ކިހާ ދުވަހަކު ކަމެއް އެތަން އޮންނާނީ،" ރިފްހާން ބުންޏެވެ.

ކަނޑޫފާ މަރުވާ މައްސަލަ މިހާރު ވަނީ ރަށު ކައުންސިލުގެ ސަމާލުކަމަށްވެސް އައިސްފަ އެވެ. ކައުންސިލުގެ ރައީސް އަހުމަދު ނަސީމް "ސަން"އަށް ވިދާޅުވީ، ކަނޑޫފާ މަރުވާކަން ފާހަަގަކުރެވުނުތާ އަދި މަހެއްހާ ދުވަސްވެސް ނުވާ ކަމަށެވެ.

އިއްޔެ ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ފާހަަގަ ކުރެވުނީމަ އަޅުގަނޑުމެން މަޝްވަރާ ކުރީ އެތަން ދިރާސާ ކުރަން އެތާ ތެރެއަށް ވަންނަން ދާން،" ރިފްހާން ވިދާޅުވި އެވެ.

އީޕީއޭ އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސަމާލުކަމަށް އެކަން އަދި ގެނެސްފައި ނުވާ ކަމަށްވެސް ނަސީމް ވިދާޅުވި އެވެ. ނަމަވެސް، އެކަންވެސް ކުރަން އިއްޔެ މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދު އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

ހއ. އަދި ހދ. އަތޮޅުގެ ރަށްތަކުގެ އިތުރުން ށ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކުގެ ކަނޑޫފާތައްވެސް މަރުވަމުން އެބަދެ އެވެ. އެގޮތުން ށ. ބިލެތްފަހި، ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ފާހަގަ ކުރެވެ އެވެ.

ކަނޑޫ ގަހަކީ އުތުރާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ކަނޑޫފާތަކުން ކަނޑޫ ވައް ލިބެން ހުރުމުން އުތުރުގެ ބައެއް ރަށްރަށް ބަނޑުހައިހޫނުކަމުން ސަލާމަތްވި އެވެ. އޭގެ އިތުރުން، ކަނޑޫ އޮޑިދޯނިފަހަރުގެ ފަށަން ލުމަށް ކަނޑޫ ގަހުގެ ލަކުޑި ބޭނުން ކުރެ އެވެ.

ކަނޑޫފާތަކުން ފެނުނީ ފީ މޫތަކާއި ފަނިފަކްސާ!

comment ކޮމެންޓް