ކަނޑޫފާތަކުން ފެނުނީ ފީ މޫތަކާއި ފަނިފަކްސާ!

އީޕީއޭ އަދި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޓީމު ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ތެރޭގައި ހަރަކާތްތެރިވަނީ -- ފޮޓޯ/ އީޕީއޭ

ހދ. ނޭކުރެންދޫ އިބްރާހިމް މާއޫޒު، 26އ. ކުޑައިރު ރައްޓެހިންނާއެކު އެ ރަށު ކަނޑޫފާ ސަރަހައްދުގައި އޮންނަ ފެންގަނޑަށް ގޮސް އެތަނަށް އަންނަ ކަނބިލިތައް ހިފައި އުޅުނެވެ. އެއީ ކަނޑޫފަލާ ގުޅިފައިވާ އޭނާގެ ކުޑައިރުގެ އެންމެ ފޮނި އެއް ހަނދާނެވެ. އޭނާ ސިފަ ކުރި ގޮތުގައި އޭރު އެއީ ނިކަން ގޮސްބޯ، ފެހި، ހިތްގައިމު މާހައުލެކެވެ. އެ ކަނޑޫފަލަކީ ރަށުގެ ފަހުރެވެ.

ނަމަވެސް، މިއަދު ނޭކުރެންދޫ ކަނޑޫފަލުން އެ މަންޒަރެއް ނުފެނެ އެވެ. ފެންނަނީ އެ ގުދުރަތީ މުއްސަނދިކަން ނެތި ފަނާވާ މަންޒަރެވެ. ވީރާނާ ކަމެވެ. އެ ކަނޑޫފަލުގެ ކަނޑޫގަސްތަކުގެ ފަތްތައް ފައިބައި، ގަސްތައް ހިކި، މަރުވަނީ އެވެ. މުޅި ކަނޑޫފަލުގެ ތިންބައިކުޅަ އެއްބައިހާ ސަރަހަރުގެ ޒަމާން ހިނގައްޖެ އެވެ. ހއ. ކެލާގެ ކަނޑޫފަލުގެ ހާލަކީވެސްމި އެވެ. އެ ރަށުންވެސް ފުޓުބޯޅަ ދަނޑަކަށް ވުރެ ބޮޑު ސަރަހައްދެއް މަރުވެއްޖެ އެވެ. މިހާ ބޮޑަށް ކަނޑޫފާ މަރުވި ދުވަހެއް އެ ރަށުގެ މުސްކުޅިންވެސް ހަނދާނެއް ނުހުރެ އެވެ. ސަރުކާރުން ހިމާޔަތްކޮށްފައިވާ މި ދެ ކަނޑޫފަަލަށް މިކަން މިހާ ބޮޑަށް ދިމާވާން ފެށީ މި އަހަރުގެ ފެބްރުއަރީ، މާޗް ހިސާބުގަ އެވެ.

މި ކަނޑޫފާތަކަށް މިވަނީ ކިހިނެއްކަން ދެނެގަތުމަށް އެންމެ ފުރަތަމަ ދިރާސާއެއް ފެށީ ބޭރުގެ މާހިރުންގެ ލަފައާއެކު ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ހަރަކާތެއް ކަމަށްވާ ސޭވް މޯލްޑިވްސްއިންނެވެ. ފަހުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި، ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއިން ވަނީ އަތޮޅު ތެރޭގައި ތިބި މުވައްޒަފުންތަކެއް އެއްކޮށް، ޓީމެއް އެކުލަވާލައި އެ ދެ ރަށުގެ ކަނޑޫފާ ދިރާސާ ކުރަން ފޮނުވާފަ އެވެ. އެ ދިރާސާގެ ފީލްޑް ސާވޭ މިހާރު ވަނީ ނިންމާލައިފަ އެވެ.

ހއ. ކެލާގެ ކަނޑޫފަލުގެ ސަރަހައްދެއްގެ ކަނޑޫ ގަސްތައް މަރުވެފައި: ފަހުގެ ތާރީހެއްގައި އެ ރަށުން މިހާ ބޮޑަށް ކަނޑޫ ގަސް މަރުވެފައި ނުވޭ -- ފޮޓޯ/ އަހުމަދު ޝަރަފް (ކެލާ)

ދިރާސާގައި ބެލި ކަންކަން

ނޭކުރެންދޫ އަދި ކެލާ ކަނޑޫފާ ދިރާސާ ކުރި އިރު އީޕީއޭ އާއި މިނިސްޓްރީގެ ޓީމުން ގިނަ ކަންތައްތަކެއް ބެލިއެވެ. ގަސްތައް މަރުވަމުގައި މޫސުން، ފިނިހޫނުމިން، ވައިގެ ތެތްކަން، ފެނުގައި ހުރި ލޮނުގެ އަސަރު، ކާނާ، ވާރޭފެން ލިބޭ މިންވަރު، ފެނުގެ ކޮލިޓީ ފަދަ ދިރުން ނެތް ވަސީލަތްތަކުގެ ރޯލު އޮތްތޯވެސް ބެލިއެވެ. އަދި ގަސް ތޮރުފާ ފަނިފަކްސާ ނުވަތަ ދިޔަބޯ ފަނިފަކްސާގެ ބާވަތްތަކާއި، ފަންގަސް، ބެކްޓީރިއާ އަދި ގަހަށް ޖެހޭ ވައިރަސް ބަލިތައް ފަދަ ދިރުން ހުރި އެއްޗެހީގެ ސަބަބުން ދިމާވާ ކަމެއްތޯވެސް ބެލިއެވެ.

އުތުރުގެ ދެ ކަނޑޫފަލެއް މަރުވާ ސަބަބު ހޯދަން އީޕީއޭ އާއި އެގްރިކަލްޗާ މިނިސްޓްރީގެ ދިރާސާއެއް

ކަނޑޫފަލުގެ އެންމެ މުހިންމު އެކައްޗަކީ އެ ތަނުގެ ފެންގަނޑެެވެ. މޫސުމަށް އަންނަ ބަލަދާއި އިންސާނުން ކުރާ ކަންކަމުގެ ސަބަބުން އެ ފެންގަނޑަށް އަސަރުކޮށްފިނަމަ، އެތަނުގެ ދިރުންތަކަށް އަސަރު ކުރާނެވެ. އަދި ގަސްތަކުގެ ހެދިބޮޑުވުމަށް ހުރަސްއެޅިދާނެ އެވެ. އެހެންކަމުން، ފެނުގެ ތަހުލީތައް ހެދުން ވަރަށް މުހިންމެވެ. އީޕީއޭ އަދި މިނިސްޓްރީގެ ދިރާސާގެ އަމަލީ މަސައްތަކުގައި، ދެ ރަށުގެ ކުޅީގެވެސް އަށް ސަރަހައްދަކުން ފެނުގެ ސާމްޕަލް ނެގި އެވެ. އެއީ އެ ފެނުގެ ޕީއެޗް (ފެންގަނޑުގެ އެސިޑިޓީ ނުވަތަ އަލްކަލިނިޓީ)، އީސީ (އިލެކްޓިރިކަލް ކޮންޑަކްޓިވިޓީ) އަދި ސެލިނިޓީ (ލޮނުގެ އަސަރު ހުރިވަރު) ބެލުމަށެވެ.

އީޕީއޭ އަދި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޓީމު ހދ. ނޭކުރެންދޫ ކަނޑޫފަލުގެ ތެރޭގައި ހަރަކާތްތެރިވަނީ -- ފޮޓޯ/ އީޕީއޭ

ދެ ރަށުގެ ކަނޑޫފަލުން ބޮޑު ދެ ސަރަހައްދަކުން ގަސްގަހުގެ މައުލޫމާތުވެސް އެއްކުރި އެވެ. މިގޮތުން ކެލާގެ ދެ ސަރަހައްދުކުން ޖުމްލަ 577 ގަސް އަދި ނޭކުރެންދޫގެ ދެ ސަރަހައްދަކުން ޖުމްލަ 738 ގަހުގެ މައުލޫމާތު އެއްކުރި އެވެ. އެއްކުރި މައުލޫމާތުގެ ތެރޭގައި ގަހުގެ ބާވަތާއި، ގަހުގެ ބޮޑުމިނާއި، ލަފާކުރެވޭ އުމުރުފުރާ އަދި ލިބިފައިވާ ގެއްލުން ހިމެނެ އެވެ. ލިބިފައިވާ ގެއްލުން ރިކޯޑްކުރުމަށްޓަކައި ގަހުގެ ތޮށިގަނޑު، މޫ، ފަތްތައް، ގަސްގަނޑު އަދި ގަހުގެ އެހެނިހެން ބައިތަށް ބަލައި ރަނގަޅަށް ހުރި ގަސްގަހުގެ ބައިތަކާއި، ހަލާކުވެފައި ހުރި ގަސްތަކާ އަޅާކިޔެ އެވެ. ހަލާކުވެފައި ހުރި ގަސްތަކުން ފެންނަންހުރި ބަލީގެ ނިޝާންތަކާއި، ފެނުނު ފަނިފަކްސާގެ ވައްތަރާއި، ފަނިފަކްސާގެ އަދަދުވެސް ރިކޯޑް ކުރި އެވެ.

މި ކަންކަމުގެ އިތުރުން، ކަނޑޫފަލަށް އަސަރުކޮށްފާނެ ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއެއް ދެ ރަށުގައިވެސް ހިންގިތޯ ބެލި އެވެ. އެފަަދަ ކެމެއް ދެ ރަށުގައިވެސް ކޮށްފައި ނުވެ އެވެ.

މި ދިރާސާގައި ތާރީހީ ގޮތުން ދިމާވެފައި ހުރި މައްސަލަތައް ކަމާ ބެހޭ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުން ގާތުގައި އަހާ ބަލައިގެން ހޯދި އެވެ. ތާރީހީ ގޮތުން މިފަދަ ކަމެއް ދިމާވިކަމުގެ ރަސްމީ ރެކޯޑެއް ނެތެވެ. ނަމަވެސް، ފަނިތަކެއްގެ ސަބަބުން ނޭކުރެންދޫ ކަނޑޫފާ މަރުވާތީ އެ ރަަށުގެ މީހުން ދުން އަރުވައިގެންނާއި، ފަންޑިތަ ހަދައިގެން އެ މައްސަލަ ހައްލު ކުރި ކަމަށް އެ ރަށުގެ މުސްކުޅިން ބުނެ އުޅެ އެވެ.

ނޭކުރެންދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި -- ފޮޓޯ/ ސޭވް މޯލްޑިވްސް

މޫ ފީވުމާއި، ފަނިފަކްސާ

ދިރާސާގައި ޖަވާބު ހޯދުން އެންމެ މުހިންމު އެއް ސުވާލަކަށްވީ ކެލާ އަދި ނޭކުރެންދޫގައި ކަނޑޫފާ މަރުވަމުންދަނީ އެއް ސަބަބަކާ ހުރެތޯ އެވެ. އެގްރިކަލްޗާ މިނިސްޓްރީއިން ބުނި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން، އެ ދެ ރަށުގައި ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައިގެ ތަފާތުތަކެއް ފާހަގަކުރެވުނެެވެ.

މިގޮތުން ކެލާގެ މަރުވެފައިހުރި ބައެއް ގަސްތަކުގައި "ރޫޓް ރޮޓް" ނުވަތަ މޫފީވުމުގެ އަލާމާތްތަކެއް ފާހަގަކުރެވުނެ އެވެ. ނޭކުރެންދޫ ކަނޑޫފަލުގައި ހުރި ގަސްތަކުން މި ނިޝާންތައް ފާހަގަ ކުރެވިފައެއް ނުވެ އެވެ. ރޫޓް ރޮޓް އަކީ ފަންގަސްގެ ބާވަތްތަކުގެ ސަބަބުން ގަސްގަހަށް ދިމާވާ ބައްޔެކެވެ. އެހެންކަމުން، އެ މޫތަކުގެ ސާމްޕަތަކެއްވެސް ނަގާފައިވެ އެވެ.

ކެލާއިން ރޫޓް ރޮޓް ފެނުނު އިރު، ދެ ރަށުންވެސް ގަސް މަރުވެފައިވާ ސަރަހައްދުން ގަސްތަކުގެ ހެދިބޮޑުވުމަށް ހުރަސްއެޅިދާނެ ކަމަށް ބެލެވޭ ދެ ބާވަތުގެ ފަނިފަކްސާއެއް ފެނިފައިވެ އެވެ. މީގެ ތެރެއިން އެއް ފަންޏަކީ ގަހުގެ މޫތަކާއި ތޮށިގަނޑުގެ ދޭތެރެ، އަދި ތޮރުފައިގެން ލަކުޑިގަނޑުގެ ތެރޭގައި އުޅޭ ވައްތަރެކެވެ. ދެ ރަށުންވެސް ގަސްތަކާ ކައިރީގައި، ފެންގަނޑުގައި އުޅޭ ފަންޏެއް ފެނިފައިވެ އެވެ. އަދި ދެ ރަށުންވެސް މަޑީގެ ބާވަތެއް ފެނިފައިވާއިރު، އެ ދެ ރަށުން ފެނުނު މަޑީގައި ކުދި ތަފާތު ތަކެއް ހުރެ އެވެ. މި ފަނިފަކްސާތަކުގެ އެކި އުމުރުފުރާތަކުގެ ސާމްޕަލްތައްވެސް ނަގާފައިވެ އެވެ.

ހދ. ނޭކުރެންދޫ ކަނޑޫފަލުން ފެނުނު ފަންޏެއް -- ފޮޓޯ/ އީޕީއޭ

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޕްލާންޓް ޕްރޮޓެކްޝަން އެންޑް ކަރަންޓީން ސާވިސްސްގެ ޑިރެކްޓަރު ގާސިތު މުހައްމަދު ވިދާޅުވީ، މި ފަނިފަކްސާތަކަކީ އާނމުކޮށް ކަނޑޫފަލުގެ މާހައުލުގައި އުޅޭއެއްޗަކަށް ވެސް ވެދާނެ ކަމަށާއި މާހައުލަށް އަންނަ ބަދަލެއްގެ ސަބަބުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަވެފައި ހުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި އެއީ ބޭރު އެހެން ސަރަހައްދަކުން ކަނޑޫފަލަށް އައިސްފައިވާ އެއްޗަކަށްވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަނިފަކްސާއެއްގެ ސަބަބުން މާ ބޮޑަށް ގަސްތައް މަރުވާ ނަމަ އެއީ ޕެސްޓެއްގެ ގޮތުގައި ބެލެވޭނެ އެވެ.

"މި ފަނިފަކްސާތަކަކީ އާނމުކޮށް ކަނޑޫފަލުގެ މާހައުލުގައި އުޅޭއެއްޗަކަށް ވެސްވެދާނެ އަދި މާހައުލަށް އަންނަ ބަދަލެއްގެ ސަބަބުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަވުންވެސް އެކަށީގެންވޭ. އަދި ވެދާނެ ކައިރި ސަރަހައްދަކުން ފަހުން އައި އެއްޗަކަށްވެސް. ފަހުން އިންޓްރޮޑިއުސް ވެފަ ހުންނަ ފަނިފަކްސާތައް، ޕެސްޓަކަށް ބަދަލުވުން ނޫނީ އިންވޭސިވްވުމުގެ ފުރުސަތުއޮވޭ،" ގާސިތު ވިދާޅުވި އެވެ.

ތަފާތު ބާވަތެއްގެ ފަނިފަކުސައެއް ފަދަ އެއްޗެއް ރަށަކަށް އަންނާނީ ކިހިނެއްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އެހެން ގައުމުތަކުން ބެހިގެން އަންނަ ލަކުޑި ފަދަ އެއްޗެހިން ފަނިފަކުސާ އެރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ކައިރި ސަރަހައްދަކުން އައިސްފިއްޔާ އަޅުގަނޑުމެންނަށް ލަފާކުރެވެނީ، މެގްރޫވްސްތައް މި ހުންނަނީ ބީޗްއާ ސަރަހައްދުގައި ދެއްތޯ، ދެން އުދަ އަރާފައި ފައިބާ އިރުގައި ލަކުނޑިއާއި އެކު އެއް ސަރަހައްދުން ނޫނީ އެއްރަށުން އަނެއް ރަށަށް ދިޔުން ކަމަށް ބެލެވެނީ. ހަމަ އައިސްދާނެ ކެރެލާ ސަރަހައްދުންވެސް،" ގާސިތު ވިދާޅުވި އެވެ.

ހދ. ނޭކުރެންދޫ ކަނޑޫފަލުން މަރުވެފައިވާ ސަރަހައްދެއް -- ފޮޓޯ/ ސޭވް މޯލްޑިވްސް

އީޕީއޭ އާއި މިނިސްޓްރީއިން ހެދި ދެ ރަށުގެ ކުޅީގެ ފެނުގެ ތަހުލީލުތަކަށް ބަލާއިރު، ދެ ރަށުގެވެސް ފެންގަނޑުގައި ކާނާ ހުރި މިންވަރާއި ލޮނުގެ އަސަރު ހުރީ ކަނޑޫފަލުގައި ގަސްހެދުމަށް އެކަށޭނަ މިންވަރަކަށެވެ. ނަމަވެސް، ދިރާސާގެ މަސައްކަތްތައް ކުރެވުނީ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރަމުން ދިޔަ ދުވަސްވަރެއްގައި ކަމުން އެ ނަތީޖާއަށް މުޅިން ބުރަވެވޭކަށް ނެތް ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ސާމްޕަލްތައް ބޭރުގެ މާހިރުންނަށް، ނަތީޖާ އަދި ނުލިބޭ

މި ދިރާސާއިން، މިހާތަނަށް ރޫޓް ރޮޓްއާއި، ފަނިފަކްސާ ފެނިފައިވާނަމަވެސް، ގަސްތައް މަރުވާ ސީދާ ސަބަބެއް އަދި ނޭނގެއެވެ. އެކަން އެނގޭނީ ހޯދުނު މައުލޫމާތަށް ބަލާފައި ކަމާ ބެހޭ މާހިރުން ގޮތެއް ނިންމުމުންނެވެ. ފަހަަރެއްގައި ގަސްތައް މަރުވަނީ އެންމެ ސަބަބަކަށް ނުވެ، ބައިވަރު ސަބަބުތަކާ ހުރެ ކަމަށްވެސް ވެދާނެ އެވެ.

އެގްރިކަލްޗާ މިނިސްޓްރީއިން ބުނި ގޮތުގައި، ކެލާ އާއި ނޭކުރެންދޫއިން އެއްކުރި މައުލޫމާތުތައް މިހާރު ވަނީ މި ދާއިރާއިން އޭޝިޔާ ޕެސިފިކް ސަރަހައްދުގެ އެންމެ ތަޖުރިބާކާރު ފަންނީ މާހިރުންނާއި ހިއްސާކޮށްފަ އެވެ. އެއީ ކެރެލާ ފޮރެސްޓް ރިސާޗް އިންސްޓިޓިއުޓް (ކޭއެފްއާރްއައި) އަދި އޭޝިއާ ޕެސިފިކް ފޮރެސްޓްރީ އިންވޭސިވް ސްޕީޝީޒް ނެޓްވޯކްގެ ތަޖްރިބާކާރުންނެވެ.

ހދ. ނޭކުރެންދޫ ކަނޑޫފާތެރެ: މިއީ ގަސްތައް އެހާ ބޮޑަށް މަރުވެފައި ނުވާ ސަަރަހައްދެއް -- ފޮޓޯ/ ސޭވް މޯލްޑިވްސް

މިނިސްޓްރީގެ ޑިރެކްޓަރު ގާސިތު ވިދާޅުވީ، ދިރާސާގެ ނަތީޖާ ލިބެން އަދި ދެ ހަފްތާ ވަރު ނަގާނެ ކަމަށެވެ. އަދި ކަނޑޫފާ މަރުވުމުގެ މައްސަލައަށް ހައްލެއް ހޯދާނެ ގޮތެއް އެނގޭނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަތީޖާ ލިބުނީމަ، އަޅުގަނޑުމެން ބަލާނީ އެތަނުގައި ރީޕްލާންޓު ކުރަންވީތޯ. ކަނޑޫ އިންދަންވީތޯ ނޫނީ ކަނޑޫ ބަހައްޓާފައި ރީޖެނެރޭޝަންއަށް ދޫކޮށްލަންވީތޯ. މަރުވެފައި ހުރި ގަސްތައް ނަގަންވީތޯ. ފަނިފަކްސާގެ ސަބަބުން ނަމަ އެތަނަށް ބޭހެއް ޖަހަން ޖެހޭތޯ. ފެންގަނޑަށް ބޭސް ނުޖެހޭނެތީ ބަޔޮލޮޖިކަލް އެއްޗެއްތޯ ގެންނަންވީ، ބަޔޯކޮންޓްރޯލް އެޖެންޓެއްތޯ އެ ފަނިފަކްސާ ކޮންޓްރޯލު ކުރަން ހޯދަން ޖެހޭނީ. ރަށުގެ ރައްޔިތުންގެ ފެންވަރުގައި ކޮން ކަންކަމެއްތޯ ކުރެވޭނީ،" ގާސިތު ވިދާޅުވި އެވެ.

"ކޮންމެ ކަމެއް ކުރިޔަސް ވަރަށް ބޮޑަށް ޔަގީންވީމަ ފިޔަވަޅު އަޅާނީ،"

ބޮޑުތިލަދުންމަތީގެ ކަނޑޫފާތަކެއް މަރުވަނީ، ސަބަބެއް ނޭނގޭ!

comment ކޮމެންޓް