އިންޑިއާގެ އެހީގައި ކޮޅުފުށީގައި މަގުބައްތި ޖަހައި ނިންމާލައިފި

ކޮޅުފުށީގައި މަގުބައްތި ޖަހައިފައި-- ފޮޓޯ: ކޮޅުފުށީ ކައުންސިލް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ.ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިންމާލައިފިއެވެ.

މިއީ މިދިޔަ އަހަރު އިންޑިއާއިން ރާއްޖެއަށް ދިން 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހިންގި 1.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު ވަނީ ވާޗުއަލް ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން ކޮޅުފުށި ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮޅުފުށިގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަޝްރޫޢަކީ އެރަށުގެ ރައްޔިތުންނަށް ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ އެހީ ހަމަޖައްސަވައިދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮޅުފުށީގެ މަތުގަތައް އަލިކުރެވުމުން، އެރަށުގައި ހިންގާ ކުށްތައް މަދުކުރެވި، ރަށުގެ ރައްޔިތުންނަށް މަގުތައް ބޭނުންކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮޅުފުށީ ކައުންސިލްގެ ރައީސް ހުސައިން ޝާމިލް "ސަން" އަށް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އެރަށުގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދުތަކެއްގައި 115 މަގު ބައްތި ޖަހައިފައިވާ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދީފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިން ހިންގާ މަޝްރޫއުތައް މެނޭޖްކުރަމުންދަނީ މަޝްރޫއު ހިންގާ ރަށްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެންނެވެ.

comment ކޮމެންޓް