ކިތަންމެ މޮޅަސް އަޚުލާގެއް ނެތިއްޔާ މުޖުތަަމައުން އެމީހުން ބަލައެއް ނުގަންނާނެ: މުޝްތާގު

އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު

ކިތަންމެ މޮޅު ދަރިވަރެއް ނަމަވެސް އެ ދަރިވަރެއްގެ ރަނގަޅު އަޚުލާގެއް ނެތިއްޖެނަމަ މުޖުތަމައުއުން އެމީހުން ބަލައިނުގަންނާނެކަމަށް އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝާތާގު ރަޝާދު ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖުން ގދ. ތިނަދޫގައި އެޅި އާ ކެމްޕަސް ރޭ އިފްތިތާތްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގު ވަނީ އެ ކެމްޕަސްއިން ނުކުންނަ ކޮންމެ ދަރިވަރަކީވެސް އަޚުލާގު ރަނގަޅު ދަރިވަރަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.

"ރީތި ބިނާއެއް ހުރިކަމުގައި ވިޔަސް އެ ބިނާއަކުން އުނގެނިގެން ނުކުންނަ ކުދިންގެ ކިބައިގައި ރަނގަޅު އަޚްލާގެއް ނެތް ކަމުގައި ވާނަމަ އެކުދިންނަކީ އެއްވެސް ގޮތަކަށް މޮޅު ކުދިންކަމުގައި މުޖުތަމައު ބަލައެއް ނުގަންނާނެ،" މުޝަތާގު ވިދާޅުވިއެވެ.

ދަރިންނާ މުއާމަލާތްކުރާއިރު، ކަމެއް ނުކުރަން އެ ކުދިން ކައިރީގައި ބުނުމަށްވުރެ އެެހެން ގޮތްގޮތުން ޖުމްލަތައް ބޭނުންކުރުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

"ދަރިއެއްގެ ގާތުގައި ކަމެއް ނުކުރާށޭ ބުނުމަށްވުރެ، އެކަން ކުރެވުނީތީ ހިތާމަ ކުރަމޭ ނުވަތަ ނުކުރާށޭ ބުނުމަށްވުރެ ދަރިފުޅު ތިހާ ރަނގަޅު ބަސްއަހާ ކުއްޖަކު އެކަން ނުކުރިނަމަ ކިހާ ރަނގަޅު ހެއްޔޭ. ހިތްވަރު ލިބޭފަދަ ގޮތަކަށް ޖުމްލަތައް ބޭނުންކުރުން އެއީ ވަރަށް މުހިންމުކަމެއް،" މުޝްތާގު ވިދާޅުވިއެވެ.

ރަށްރަށުގައި އުޅޭ ނޭދެވޭ ކަންކަން ކުރާ ކުދިން އިސްލާހުކުރަން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ތެދުވުމަށް މުޝްތާގު ވަނީ ގޮވާލައްވައިފައެވެ.

"އަޅުގަނޑުމެން އެކަން އިސްލާހުކުރަން މަސައްކަތް ކުރަން ނުކުންނަންވީ. އަޅުގަނޑުމެން އެވާހަކަ އެ ކުއްޖެއްގެ ގާތުގަ ބުނަންވީ. އަޅުގަނޑުމެންގެ ހިތުގައި އެކަން ވާތްގަށް އެދި އަޒުމް ކަނޑައަޅަންވީވެސް އޭނާއަކީ މުޖުތަމައުއަށް ބޭނުންތެރި ކުއްޖެއްގެ ގޮތުގައި ހެދުމަށް ތިމަންނަ މަސައްކަތް ކުރާނަމޭ. އެހެން ނުވާނަމަ އަޅުގަނޑުމެންގެ މުޖުތަމައު ހަލާކުވެގެން ހިނގައިދާނެ،" މުޝްތާގު ވިދާޅުވިއެވެ،

އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެއް ކަން ފާހަގަަކުރައްވައި މުޝްތާގު ވިދާޅުވީ އަޅުގަނޑުމެން މަގުމަތީގައި އުޅޭއިރުވެސް ސާފުތާހިރުކަން ދަމަހައްޓަން ޖެހޭ ކަމަށެެވެ.

ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ނުކުންނަ އެވިޑް ކޮލެޖުގެ ދަރިވަރުންނަކީ އަހުލާގު ރަނގަޅު ދަރިވަރުންނަށް ވާންޖެހޭކަމަށް މުޝްތާގު ވިދާޅުވިއެވެ.

" އަޅުގަނޑަށް އެއްވެސް ސިފައެެއްގައި އެކަން އަޚުލާގު ދަށްކުއްޖެެއްގެ ގޮތުގައި ފާހަގަަކުރެެވިއްޖިއްޔާ ވަރަށް ބޮޑަށް މާފަށް އެދެމޭ އަޅުގަނޑު އެ ސެޓްފިކެޓްއެއްގައި ސޮއިނުކުރާނަމޭ" މުޝްތާގު ވިދާޅުވިއެވެ.

މުޝްތާގު ވިދާޅުވީ ތިނަދޫގައި އެވިޑް ކޮލެޖްގެ ކެމްޕަސް ގާއިމްކުރަން ބޭނުންވީ އޭނާގެ ބައްޕާފުޅު ތައުލީމަށްޓަކާ ހުވަދުއަތޮޅަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ދެމެހެއްޓެވުމުގެ ގޮތުންނެވެ. އަދި ތައުލީމީ އަޚްލާގީ ދަރިންތަކެއް ތިނަދޫގައި އުފެދި އެދަރިންގެ ޚިދްމަތް ތިނަދުއަށް ދާއިމީކޮށް ލިބިގެންދިއުމަކީ އަބަދުވެސް ބޭނުންވާގޮތްކަމުގައިވާތީއެވެ. އެވިޑް ކޮލެޖުގެ ކުރިމަގާ މެދު ވާހަކަދައްކަވަމުން މުޝްތާގު ވިދާޅުވީ، އެވިޑް ކޮލެޖު ޔުނިވަސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި، ޔުނިވާސިޓީގެ މައި ކެމްޕަސް ގާއިމް ކުރާނީ ތިނަދޫގައި ކަމަށެވެ.

އެވިޑް ކޮލެޖްގެ އަމިއްލަ ކެމްޕަހެއް ތިނަދޫގައި ހުޅުވިގެންދިޔުމަކީ ނުހަނު ފަޚްރުވެރިވާކަމެއްކަމަށާއި އަދި އެއީ ތިނަދުއަށާއި ތިނަދޫގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށް ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން ހާމަކުރިއެވެ. ފެށުނީއްސުރެ ތިނަދުއަކީ ތައުލީމީކަންކަމަށް މުޅިރާއްޖެއަށްވެސް މަޝްހޫރު ރަށަކަށްވެފައި އެވިޑް ކޮލެޖްގެ ބާނީ ރަޝާދަކީ ތިނަދޫގެ އުފަން ތިނަދޫގެ ލޭ ހުރި ޒުވާނަކާށްވެފައި ތިނަދޫގެ ތައުލީމީ ދަންމަރު އުޖާލާކޮށް ދެމެހެއްޓުމަށް ކެނޑިނޭޅި ކުރައްވަމުންގެންދަވާ ބުރަ އަގުހުރި މަސައްކަތަށްޓަކައި ތިނަދޫގެ ރައްޔިތުން އޭނާ އަށް ތައުރީފުކުރެއެވެ.

ރޭގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަސް ހުޅުވުމަށް އެހީތެރިވި އެންމެހާފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވިއެވެ. ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވީ، އެވިޑް ކޮލެޖްގެ ޗެއާމަން މުޝްތާގެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ޚިދްމަތް އަތްފޯރާފަދަ އަގެއްގައި ދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް ދެހާހަށްވުރެ ގިނަދަރިވަރުން ކޯސްތަކުގައި އެވިޑް ކޮލެޖުން ކިޔަވަމުން ގެންދެއެވެ.

comment ކޮމެންޓް