ގުރުއާނުގެ ނޫރުން: ނޫހުގެފާނުގެ ހަޔާތްޕުޅުން އަދުގެ މައިންބަަފައިންނަށް ފިލާވަޅެއް

ކީރިތި ގުރުއާނުގައި ނަންގަނެވިފައިވާ ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަތަކުގެ ތެރެއިން ނޫހު އަލައިހިއްސަލާމްގެ ވާހަކަ ވަނީ އިބުރަތުން ފުރިގެންނެވެ. ނޫހުގެފާނުގެ ގައުމުގެ މީހުންނަށް އިސްލާމު ދީނަށް ގޮވާލެއްވުމުގައި 950 އަހަރުވަންދެން އެކަލޭގެފާނު ދެމިހުންނެވި އެވެ. ނަމަވެސް ހުދު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ފިރިހެން ދަރިކަލަކު ވެސް އެ ދައުވަތަށް އިންކާރު ކުރެއްވި އެވެ.

ނޫހުގެފާނުގެ ވާހަކަ ކީރިތި ގުރުއާނުގައި ތަކުރާރުކޮށް އެތަކެއް ފަހަރެއްގެ މަތިން ބަޔާންކޮށްފައިވެ އެވެ. އަދި އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ވާހަކަތަކަށް ހާއްސަކޮށް، ސޫރަތުއް ނޫހުވެސް ބާވާލެއްވުނެވެ. މި އާޔަތްތައް ބާވާލެއްވުނީ ކީރިތި ރަސޫލާ މުހައްމަދުއް ސައްލައްﷲ އަލައިހި ވަސައްލަމްއަށް ތަސައްލީ އެއްގެ ގޮތުގައި ވެސްމެ އެވެ.

ގުރުއާނުގެ ނޫރުގެ ދެވަނަ އެޕިސޯޑުގައި ޝެއިޚް މުހައްމަދު ނިމާލް މި ހިއްސާކޮށްދެއްވަނީ ނޫހުގެފާނުގެ ހަޔާތްޕުޅުން އަހަރެމެން ދަސްކުރަންވީ ކެތްތެރިކަމުގެ ރިވެތި ފިލާވަޅެވެ.

ކީރިތި ގުރުއާނުގައި ﷲ ވަހީކުރައްވާފައިވެ އެވެ؛

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ - (29:14) [އަލް އަންކަބޫތު 14]

މާނައީ: ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ނޫހުގެފާނު، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވީމެވެ. ފަހު، އެކަލޭގެފާނު 50 އަހަރު ފިޔަވާ، އެއްހާސް އަހަރު (އެބަހީ 950 އަހަރު) ދީނަށް ގޮވާލެއްވުމަށް އެއުރެންގެ ތެރޭގައި ހުންނެވި އެވެ. ފަހެ އެއުރެން އަނިޔާވެރިން ކަމުގައިވާ ހާލު ތޫފާން (ގެ އަޒާބު) އައިސް އެއުރެންނަށް ޖެހުނެވެ.

މިހާ ގިނަ ދުވަހު، މެދުކެނޑުމެއްނެތި ހިތްވަރާއިއެކު ދީނަށް ގޮވާލެއްވުމުގައި އެކަލޭގެފާނު ސާބިތުވެ ހުންނެވުމަކީ ކެތްތެރިކަމާއި ހެޔޮ އަގީދާގެ ސާބިތުކަން ނުހަނު ފުރިހަމައަށް ހާމަވާ ކަމެކެވެ.

މިއަހަރުތަކުގައި އެކަލޭގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނަށް މަލާމާތްކޮށް އިހާނެތި އެތަށް ބަހެއް ރައްދުކުރި އެވެ. މިގޮތުން އެކަލޭގެފާނު ބެންނެވި ނައުކޮޅަކީ އެއްގަމުގައި ދުއްވަން ބަންނަވާ ނައުކޮޅެއްތޯ އާއި، އެކަލޭގެފާނަކީ ތަންދޮރު ނުދަންނަ މޮޔައެއްކަމަށްވެސް ބުންޏެވެ. ނަމަވެސް މި ހުރިހާ ބަސްތަކަކަށްވެސް އެކަލޭގެފާނު ދެއްވި ޖަވާބަކީ، ކެތްތެރިކަމެވެ.

وَيَصْنَعُ الْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِ سَخِرُوا مِنْهُ ۚ قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ - (11:38) [ހޫދު:38]

މާނައީ: އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވި އެވެ. އެކަލޭގެފާނުގެ قوم ގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ. އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ.

ހެޔޮގޮތަށް މަގުދައްކައިދޭ މީހުންނަށް، އޮތީ ނޫހުގެފާނުގެ މި ދެއްކެވި ނަމޫނާއިން އިބްރަތް ހާސިލްކުރުމެވެ. މީހުންގެ ފަރާތުން ލިބޭ ބަދު ބަސްތަކާއި، ކުރިމަތިވާ ހުރަސްތަކާއި ސާބިތުވެ ކުރިމަތިލައި އެ ގޮތުގައި ދެމިހުރުމުގެ މުހިންމުކަމެވެ.

قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا - (71:5) [ ނޫހު: 5]

މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ قوم ގެމީހުންނަށް (إيمان ވުމަށް) ރެއާއި، ދުވާލު ތިމަންކަލޭގެފާނު ގޮވައިލެއްވީމެވެ.

އެހެން ނަމަވެސް ރެއާއި ދުވާލު އެކަލޭގަފާނު ގައުމުގެ މީހުންނަށް ދީނަށް ގޮވާލެއްވުމުގައި އެ ހޭދަކުރެއްވި ވަގުތުތަކާއި ދުވަސްތަކުގެ އާހިރު ނަތީޖާއަަކަށްވީ އެ މީހުން އިތުރަށް ޖާހިލު ވުމެވެ. އިތުރަށް ހައްދުފަހަނަ އަޅައިގޮސް ނުކިޔަމަންތެރިކަން ބޮޑު ކުރީ އެވެ.

އެމީހުންގެ އަމަލުތައް ހުރިގޮތް ކީރިތި ގުރުއާނުގައިވެސް މާތްﷲ ވަހީކުރައްވާފައިވެ އެވެ. މިގޮތުން ނޫހުގެފާނުގެ ގައުމުގެ މީހުން އެކަލޭގެފާނުގެ ވާހަކަފުޅުތަކަށް ބީރު ކަންފަތެއް ދިނުމުގެ ގޮތުން ކަންފަތަށް އިނގިލިތައް ކޮށްޕާލައިގެން އަދި ފޭރާންތަކުން އެމީހުން އެކަލޭގެފާނަށް ފޮރުވިގެންނަަކަމަށް ގީރިތި ގުރުއާނުގައި ބަޔާން ވެގެންވެ އެވެ. އެހާވެސް މަލާމާތާއި އިހާނެތިކަން އެކަލޭގެފާނަށް ރައްދު ކުރި އެވެ.

އެކަލޭގެފާނަށް އިންކާރު ކުރި މީހުންގެ ތެރެއިން ހިމެނިގެންވީ އެކަކަކީ އެކަލޭގެފާނުގެ ދަރިކަލުންނެވެ. ގައުމުގެ މީސްތަކުންނަށް ދީނަށް ގޮވާލެއްވުމުގައި މިހާ ބޮޑެތި ބުރަތަކެއް ތަކުލީފުތަކެއް އުފުއްލެވި ބޭފުޅަކު، ދަރިކަލަކު ހެޔޮ މަގަށް ގެނައުމަށް އުފުއްލަވާނޭ ބުރަ ތަސައްވަރުވެސް ނުކުރެވޭނެ ކަން ކަށަވަރެވެ.

އެހެންނަމަވެސް އެކަލޭގެފާނު އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ނަސޭހަތްތެރިވި އެވެ. ހެޔޮ މަގު އަންގަވައިދެއްވުމުގައި ހިތްވަރު އެލުވައެއް ނުލައްވަ އެވެ.

އެންމެ ބޮޑު އެއް ފިލާވަޅަކީ ނަތީޖާ އަދި ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް، މައިންބަފައިން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހިގެން ނުވާނެ ކަމެވެ. އަދި ދަރިއަކު ގޯސްވެ ނުބައި މަގު އިހުތިޔާރު ކުރާ ހާލަތުގައި ދެ ދުވަސްވަންދެން ނަސޭހަތްދީފައި ދެން އޭނާ ތިމަންނަގެ ބަހެއް ގަބޫލެއް ނުކުރިއޭ ބުނެ ދޫކޮށްލުމުގެ ބަދަލުގައި ގަދައަޅައި އަދިވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ.

އެކަލޭގެފާނުގެ ނައުކޮޅައިގެން ދަތުރުކުރަން ފެއްޓެވިއިރު ދަރިކަލުން އެކަނި ހުންނެވި މަންޒަރު ފެނިވަޑައިގަތުން ވިދާޅުވި ކަމަށް ގުރުއާނުގައި ވެއެވެ.

وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَىٰ نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَب مَّعَنَا وَلَا تَكُن مَّعَ الْكَافِرِينَ - (11:42) [ހޫދު:42]

މާނައީ: އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ!

މިއީ މައިންބަފައިންނަށް ހުރި ކިހާ އަގުމާތް ފިލާވަޅެއްތޯ އެވެ. އެންމެ ނުބައި މަގު އިހުތިޔާރު ކުރި ލޮލުގެ ކޮއި ފަދަ ދަރިފުޅާއި މުހާތަބުކޮށް އެންމެ ފަހު ވަގުތުކޮޅުގައިވެސް އެކަލޭގެފާނުގެ މުހާތަބު ކުރެއްވީ ކިހާ ލޯތްބާއި އޯގާތެރިކަމާއިއެކުގައި ހެއްޔެވެ.

ދަރިންނަށް ގޯސްކަމެއް ކުރެވުމުން އަމަލުކުރަންވީ ގޮތުގެ ފުރިހަމަ ނަމޫނާއެއް ނޫހުގެފާނު މި ވަނީ ދައްކަވާފަ އެވެ. ދަރިފުޅު ގޯސްމަގަކުން ދާކަމުގައިވާނަމަ އޭނާ އެހުރީ ބޮޑުވެފައި ކަމަށާއި މައިންބަަފައިން ބުނާ ބަސް ގަބޫލު ނުކުރާނޭ ކަމަށްބުނެ އެގޮތުގައި ދަރިފުޅު ދޫކޮށްލުމަށްވުރެ، އެ ކުދިންނަށް އަޅާލާ މައިންބަފައިންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުންމަތީ ދެމިތިބެންވީ ކަމުގެ މުހިންމު ފިލާވަޅު މި ހާދިސާއިން ނަގައިދެ އެވެ.

އެމީހަކު އިހުތިޔާރު ކުރިމަގުގެ ޖަޒާ ﷲ އެމީހަކަށް ދެއްވާނެ އެވެ. ނަމަވެސް ތިމާގެ މަސްއޫލިއްޔަތަށް ފުރިހަމައަށް ޒިންމާދާރުވާން މައިންބަފައިން އަަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަން ނޫހުގެ ފާނުގެ މި ވާހަކަތަކުން އެނގި ހާމަވެ އެވެ.

comment ކޮމެންޓް