ކާފިއުއާ ހިލާފުވެގެން ދެ ހަފުތާގެ ތެރޭގައި 550 މީހުން ޖޫރިމަނާކޮށްފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ އޮގަސްޓް 22 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހާ ހަމައަށް ކާފިއުއާ ހިލާފުވި 1143 މީހަކަށް ނަސޭހަތްދީ، 550 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ކާފިއުއާ ހިލާފުވެގެން ޖޫރިމަނާ ކުރަނީ 1،000 ރުފިޔާގެ މަގުންނެވެ. އެހެން ކަމުން އެ މުއްދަތުގެ ތެރޭގައި ކުރި ޖޫރިމަނާއިން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 550،000 ރުފިޔާއަށް އަރާނެ އެވެ.
އެ މުއްދަތުގައި އެއް ދުވަހުގެ ތެރޭގައި ކާފިއުއާ ހިލާފުވެގެން އެންމެ ގިނަ މީހުންނަށް ނަސޭހަތްތެރިވެ، އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވަނީ 22 އޮގަސްޓްގަ އެވެ. އެ ދުވަހު އެކަނިވެސް 147 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު، 60 މީހުން ޖޫރިމަނާކޮށްފައިވެ އެވެ.
ފުރަބަންދަށް ލުއިތަކެއް ދިން ފަހުން ކޮވިޑް19ގެ ކޭސްތައް ފެންނަ އަދަދު އިތުރުވާން ފެށުމުން، ކާފިއުއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރޭގަނޑު 10:00 - ފަތިހު 5:00އާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމުގެ އިތުރުން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00އާ ދެމެދު އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.