ކުޅިވަރު އިންތިހާބުތަކުގައި ކޯޅުން، ހައްލެއް ނެތީތަ؟

ޓީޓީ އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު (އައްޔަ) [ކ]، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް [މ]، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް [ވ] -- ސަން ފޮޓޯ

ރާއްޖޭގައި މިފަހަކަށް އައިސް ބޭއްވި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ބޭއްވީ ބޮޑު ކޯޅުންގަނޑެއް ތެރޭގަ އެވެ. މައްސަލަ ގޯސްވެ އެއްބަޔަކު ކޯޓަށް ދިޔައިރު، މަޖިލީހުން ވެސް މައްސަލަ ބަލަން އުޅެފި އެވެ. ކޮންމެ ފަހަރަކުވެސް މައްސަލަ އޮއްބާލަނީ ބައިނަލް އަގުވާމީ ފެޑެރޭޝަނުން ސަސްޕެންޝަނުގެ އިންޒާރު އައުމުންނެވެ. މިކަން ހަމަ އަބަދަށް މިހެން ނުވެ ދާނެ ގޮތެއް ހޯދާ ބަލަން ޖެހިފައިވާތާ މިހާރު ކޮން ދުވަހެއްހެއްޔެވެ؟

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން، އެފްއޭއެމްގެ އިންތިހާބަށް ބަލާލާއިރު، އެފްއޭއެމްގެ އިންތިހާބު ބޭއްވީ ކުޅިވަރު ގާނޫނާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ވެސް ވަކި މާއްދާތަކަކާ ހިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އެ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެފްއޭއެމާ ގުޅޭ މައްސަލައެއް ބަލަމުންދާތީ އެ އެސޯސިއޭޝަނުގެ އިންތިހާބު ފަސްކުރަން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް އެދުނު ނަމަވެސް އެފްއޭއެމުން ވަނީ ފީފާ އާއި އޭއެފްސީގެ އެންގުމާ އެއްގޮތަށް ބާއްވަން ކަނޑައެޅި ތާރީހުގައި އިންތިހާބު ބާއްވައިފަ އެވެ.

އެފްއޭއެމްގެ ރައީސްކަމަށް ދެވަނަ ދައުރަކަށް ހޮވުނު ބައްސާމް އަދީލް ޖަލީލް އަދި އެކްޒެކެޓިވް ކޮމިޓީއަށް ހޮވުނު މެމްބަރުން --- ފޮޓޯ/ އެފްއޭއެމް

އެ މައްސަލަ ގަނޑުގެ ކޯޅުން ނުނިމި، އަދިވެސް މަޖިލީހުގެ ބައެއް މެމްބަރުން އެ މައްސަލަ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްގެ ބޮލުގައި އަޅުވާ އިރު، ދެފަހަރެއްގެ މަތިން ޖަވާބުދާރީ ވުމަށް މިނިސްޓަރު ވަނީ މަޖިލީހުގެ ތަޅުމަށް ހާޒިރު ވެސް ކޮށްފަ އެވެ.

އޭގެ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު ރާއްޖޭގެ ވޮލީ އެސޯސިއޭޝަންގެ މައްސަލައިގައިވެސް ފިނި ހަނގުރާމައެއް ހިނގާ، ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އިން ރާއްޖެއަށް ފަހުގެ އިންޒާރު ދީފައިވަނިކޮށް އެކަން ހުއްޓުވީ މިނިސްޓަރު މަހްލޫފް ސީދާ ސްވިޒަލެންޑަށް ވަޑައިގެން އެފްއައިވީބީގެ ރައީސް އަރީ ގްރާސާއާ ބައްދަލުކުރައްވައިގެންނެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑަޝިޕާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކުރުމަށް ފަހު ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު 10 ވަނަ ދުވަހު ވީއޭއެމް ހިންގުން ނޯމަލައިިޒިން ކޮމިޓީއަކާ ހަވާލުކޮށްފައިވާ އިރު، އެފްއައިވީބީން އެކަން ބަލައިނުގަތީ އެވެ.

އެ ކޮމިޓީގެ ދައުރު ހަމަވެ، އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮއްވައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ މެމްބަރު ކްލަބްތަކުން އިސްނަގައިގެން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެ ކްލަބްތަކުން ވަނީ އެ އެސޯސިއޭޝަނުގެ ރައީސް ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފަ އެވެ.

ޒުވާން ވޮލީ ޓީމު އިއުލާންކޮށް، ޓީމަށް ހިތްވަރު ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފް --- ފޮޓޯ/ ވީއޭއެމް

ދެން މަޖިލީހުން ޖެހުނީ މިފަހަކަށް އައިސް ރާއްޖެއިން ބައިނަލް އަގުވާމީ މައިދާނުގައި އެންމެ ބޮޑެތި ކާމިޔާބީތައް ހޯދި ޓޭބަލް ޓެނިހަށެވެ. ކޯޓު މަރުހަލާއެއްގައި އިންތިހާބު ފަސްކުރަން އެދިފައިވަނިކޮށް އިއްޔެ ވަނީ އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވައިފަ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލައިގައި އެސޯސިއޭޝަނާ ދެކޮޅަށް އެ އެސޯސިއޭޝަންގެ ކުރީގައި އޮތް އެކްސްކޯގެ މެންބަރު އަދި ނިމިދިޔަ އިންތިހާބުގައިވެސް އެކްސްކޯއަށް ވާދަ ކޮށް ބަލިވެގެން ދިޔަ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ.

އަލިބެ ބުނި ގޮތުގައި އެ މައްސަލަ ކޯޓަށް ވައްދެން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅުމަށް ފަހު ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށެވެ.

ދެން އޮތް ހައްލަކީ ކޮބާ؟

ޓީޓީ އެސޯސިއޭޝަންގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފަހަތުގައި އަލިބެ ހުރިއިރު، އަލިބެ އެންމެ ބޮޑު ކަމަކަށް އޭރު ފާހަގަ ކުރި ކަމަކީ ކުޅިވަރުތަކުގެ ފަހު ނިންމުން ރާއްޖެއިން ނިންމާނެ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި މައްސަލަތައް ތަހުގީގުރާނެ ގާނޫނާއި ގަވާއިދުތަކެއް އެކުލަވާލާފައި ނެތްކަމެވެ.

ޔުނިވަރސިޓީ އޮފް ލަންޑަން އިން މާސްޓަރސް އޮފް ލޯ ފުރިހަމަކޮށްފައިވާ، އަދި މާސްޓަރސް އިން ސްޕޯރޓްސް ލޯ (ޔުނިވަރސިޓީ އޮފް ޔެއިޑާ، ސްޕެިއިން) ފުރިހަމަކުރަމުންދާ އެފްއޭއެމްގެ ލޯޔަރު މުހައްމަދު ޖައުޝަން ވިދާޅުވީ، ދިވެހި ރާއްޖޭގެ ކުޅިވަރު ގާނޫނަށް މިހާރުން މިހާރަށް ވެސް ގެންނަންޖެހޭ ބައިވަރު އިސްލާހުތަކެއް އެބަހުރި ކަމަށެވެ. އަދި އެ މައްސަލަ ކުޅިވަރާ ބެހޭ އެސޯސިއޭޝަންތަކުން އެކި ސިފަ ސިފައިގައި މިހާރު ކުޅިވަރާ ބެހޭ މަޖިލީހަށް ހުށައަޅާފައިވާނެ ކަމަށް ޖައުޝަން ވަނީ ވިދާޅުވެފަ އެވެ.

"އެ މަޖިލީހުން [ސްޕޯޓްސް ކައުންސިލް] އިން މިކަމުގެ މަސައްކަތް މިހާރުވެސް ވަރަށް ބުރަކޮށް ކުރަމުން ދަނީ. އަދި ގާނޫނުގައި އާބިޓްރޭޝަން ޓްރިބިއުނަލްއެއް ގާއިމު ނުކުރެވި އޮތީ. އެހެން ނަމަވެސް ޓްރިބިއުނަލްއާ ގުޅޭ މަސައްކަތްތައް ކުރުމަށް މިހާރު ސްޕޯޓްސް ކައުންސިލުން ވަނީ ކޮމިޓީއެއް އެކުލަވާލައިފަ،" ގައިގަނޑަކަށް 13 އަހަރު ވަންދެން ކުޅިވަރު ދާއިރާގައި މަސައްކަތް ކޮށްފައިވާ ޖައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި، ސްޕޯޓްސް ކައުންސިލްގެ ކޮމިޓީގައި ބައިވެރިވުމަށް ދައުވަތު ލިބި ގަބޫލު ކޮށްފައިވާނެ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އާބިޓްރޭޝަން ޓްރިބިއުނަލްއެއް އެކުލަވާލައި ގަވާއިދު އިސްލާހު ކުރައްވާނެ ކަމަށާއި، އޭރުން ކުޅިވަރު އެސޯސިއޭޝަންތަކުގައި މި ހިނގާ ހަމަނުޖެހުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ބައިނަލްއަގުވާމީ އެކި އެކި ފެޑެރޭޝަންތަކުން މިހާތަނަށް އެތައް ފަހަރެއްގެ މަތިން ރާއްޖެއަށް އިންޒާރުކޮށްފައިވާ އިރު، މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކޯޗު މުހައްމަދު ނިޒާމް ވެސް ވަނީ މިކަން ހައްލު ކުރެވިގެންދާނީ ކުޅިވަރާ ބެހޭ އާބިޓްރޭޝަންއެއް އެކުލަވާލައިގެން ކަމަށް ބުނެފަ އެވެ. ކުޅިވަރުތަކުގެ ތެރޭގައި ހިނގަމުން ގެންދާ "ޑާޓީ ގޭމް" ތަކުން ސަލާމަތް ވުމަށް ގާނޫނުގައި ހުރި ލޫޕް ހޯލްތައް ދިރާސާކޮށް އެކަމަށް ވީއެންމެ އަވަހަަށް ހައްލެއް ހޯދުމަށް ނިޒާމްބެ ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް