ހާސިލް - 27

ނޭވާ ނުލެވިގެން އުޅުނު ޖައުފަރުގެ އަނގައިން އޭނާ ކެއްސާލުމާއެކު ލޭ އަންނަން ފެށިއެވެ. އެވަގުތު އޭނާގެ އެއްފަރާތުގައި އިން މީހަކު ގެ ހަޅޭކުގެ އަޑު ފްލައިޓް ތެރޭގައި ގުގުމާލިއެވެ.

ކުރިމަތީގައި އޮތް އެތީގެ މޫނަށް ބަލަހައްޓައިގެން އޮތް ޖައުފަރުގެ މޫނު ބިރުން ހުދު ކަފަކޮޅަކަށް ވިއެވެ. ހީވަނީ ހަށިގަނޑުގެ ލޭ ދައުރުވުމަށް ވެސް އަސަރުކުރުވީ ހެންނެވެ. އޭނާއަށް އެފަދަ ގޮތަކަށް ގެއްލުން ދޭން މަސައްކަތް ކުރީތީ އޭނާ ވަނީ ފުރާނައަށްޓަކައި ބިރުގަނެފައެވެ. މަރުވެދާނެތީ ޖައުފަރު ބި ރުގަތެވެ. އޭނާ އަދި މަރުވާކަށް ބޭނުމެއް ނޫނެވެ. އަދި އަމްދުން މިފަދަ ގޮތަކަށް އޭނާގެ ފުރާނަ ދާކަށް ޖައުފަރު ބޭނުމެއްނޫނެވެ. ހިތުގެ ހިނގުން ވެސް ހިނދުކޮޅަކަށް މަޑު ޖެހިލިއެވެ. ޖައުފަރަށް ހިންދިރުވައިލެވުނީ ވެސް އުނދަގުލުންނެވެ. ކަރަށް ފަހަރަކަށް ވުރެ ފަހަރެއް ވާންވަމުން ދިޔައެވެ.

"އާތް..." އަމިއްލަ އަތުން ކަރުގައި ޖައުފަރަށް ހިފުނީ އޭނާގެ އަމިއްލަ ބާރަކު ނޫނެވެ. އެއީ އާދަޔާ ޚިލާފް ބާރެކެވެ. އަތް ތިލައަށް ބަލައިލަމުން ޖައުފަރު އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ. އެކަމަކު، އޭނާގެ އަރުތެރެއިން ވެސް ބަހެއް މިއަދަކު ބޭރެއް ނުވިއެވެ. ހީވަނީ ނޭނގޭ ބާރަކުން އޭނާގެ ދުލުގައި ހިފައްޓާލާފައި ވާހެންނެވެ. ނޭވާ ހާސްވެގެން ޖައުފަރަށް ތެޅިގަނެވުނެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ އޭނާގެ ކަރުން އެ އަތް ނައްޓައިލެވޭތޯއެވެ.

ކައިރީގައި އިން އަންހެން މީހާ ވެސް ހައިރާންކަމާއެކު، ޖައުފަރަށް ބަލަން ފެށިއެވެ. އޭނާގެ ހިތަށް ވެސް ވެރިވެފައިވަނީ ބިރުވެރިކަމެވެ. އުރުގައި އިން ތުއްތު ކުއްޖާއަށް އެ މަންޒަރު ނުދައްކަން ވެގެން އޭނާ އެ ކުއްޖާގެ މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ.

"އޭތް އޭނައަށް ކޮންމެވެސް ކަމެއް ވަނީ!" އެއްފަރާތު ސީޓުގައި އިން މީހަކު ބުނެލި އަޑު އިވުނެވެ.

"ކްރޫ ކުއްޖަކަށް ގޮވާލަބަލަ!" އިތުރު މީހަކު ބުނެލިއެވެ. ބަލަން ތިބި މީހުންނަށް ހީވަނީ ޖައުފަރު އޭނާގެ ކަރުގައި އަމިއްލައަށް ހިފައިގެން އުޅެނީ ހެންނެވެ. އެހެންކަމުން އެއިން ކޮންމެ މީހެއްގެ މޫނުމަތީގައި ވެސް ވަނީ ހާސްކަމެވެ. ބިރުވެރިކަމެވެ.

ފަހަތު ސީޓުގައި އިން މީހަކު ފަހަތުން ޖައުފަރުގެ ކޮނޑުގައި ކޮއްޓައިލިއެވެ. އޭނާއަށް އެ އަތް ދަމައިގަނެވުނީ އެ ހަށިގަނޑު އާދަޔާ ޚިލާފަށް ހޫނުވީތީއެވެ.

"އަހަންނަށް އޭރުވެސް ހީވިއޭ މީނަ ހަމައެއް ނޫން ހެން. " ފްލައިޓް ތެރޭގައި އިން މީހަކު ބާރަށް ބުނެލިއެވެ. އޭނާ އިނީ ޖައުފަރާ ހެދި އުނދަގޫވެފައެވެ.

ގެލީގައި އުޅުނު އާރާއާއި ޖިނާންއާ ޒީޝާންމެން ތިން މީހުންނަށް ވެސް އެކަކު އަނެކަކަށް ބަލައިލެވުނީ ކެބިންތެރެ އާދަޔާ ޚިލާފަށް އަޑުގަދަ ވާހެން ހީވާތީއެވެ.

"އާރޫ. ލެޓްސް ގޯ އެންޑް ޗެކް!" ޒީޝާން ޖިނާންއަށް އަވަސް ނަޒަރެއް ދީފައި، އެނބުރުނީ އާރާއާ ވީ ފަރާތަށެވެ. އެކަކު އަނެކަކަށް ބަލައިލައި ބޯ ޖަހައިލުމަށްފަހު، ގެލީއިން ނުކުމެގެން ދެމީހުން ދުއްވައިގަތީ އެ އަޑު އަންނަ ދިމާލަށެވެ.

ޒީޝާންމެންނަށް އެހިސާބަށް ދެވުނުއިރުވެސް، ޖައުފަރު ތެޅި ފޮޅެނީއެވެ. އޭނާ އޮތީ އަމިއްލަ ކަރުގައި ހިފައްޓައިގެންނެވެ. އޭރު ކަރަށް ބާރުވެފައި ހުރި ދިމާލުގައި އަތުގެ އިނގިލީގެ ނިޝާންތައް ވެސް ހުއްޓެވެ. ހިސާބަކަށް ނޫފައި ގަނެފައިހުރިހެން ހީވި ނަމަވެސް، އާދަޔާ ޚިލާފަށް އެތަންތަނުގައި ރަތްކަމެއް ހުރިކަން ޒީޝާންއަށް ފާހަގަ ކުރެވުނެވެ. އާރާއަށް ސިހުނުވަރުން އަނގަމަތީގައި އަތް އަޅައިލެވުނެވެ.

ކެއްސައިލުމާއެކު ޖައުފަރުގެ އަނގައިން ލޭތައް އޮހެން ފެށިއެވެ. މާ ގިނަ އިރެއް ނުވެ އޭނާގެ ނޭފަތުން ވެސް ލޭ އަންނަން ފެށިއެވެ. ޖައުފަރާ ކައިރިއަށް ޖެހިލާ ޒީޝާން އެ އަތުގައި އަތް ޖައްސައިލިއެވެ. އޭނާއަށް ވެސް ކަންތައް ކުރަންވީ ގޮތް ނޭނގުނީއެވެ. ސިކުނޑިން މަސައްކަތް މަޑުޖައްސައިލީހެން ހީވެއެވެ. ޖައުފަރުގެ ކަޅި މައްޗަށް އަރަން ފެށުމާއެކު ޒީޝާންއާ އާރާއަށް ހަމަބިމަށް އާދެވުނު ފަދައެވެ. އަވަސްއަވަހަށް ޖައުފަރު ކައިރިއަށް ޖެހިލާ އެ ދެމީހުން ޖައުފަރަށް ފަރުވާދޭން އަވަސްވިއެވެ. ޒީޝާންގެ ހަޔާތުގައިވެސް މިފަދަ ކަމަކާ މި ދިމާވީ އަލަށެވެ. އެހެންކަމުން އޭނާ ހުރީ ހިސާބަކަށް ނުތަނަވަސްވެފައެވެ.

"އާރޫ... ފަސްޓް އެއިޑް ކިޓް އެންޑް ޖިނާއަށް ވެސް ގޮވާލަދީބަލަ" ހަދާނެ ގޮތަކާ މެދު ވިސްނަމުން ޒީޝާން އަވަސް އަވަހަށް ބުނެލިއެވެ. އާރާ ބޯ ޖަހައިލުމަށްފަހު ގެލީއާ ދިމާލަށް ދުއްވައިގަތެވެ.

ޖައުފަރުގެ ކޮނޑުގައި ހިފައްޓައިލަމުން ޒީޝާން، ޖައުފަރުގެ އަތްކަރުން ނެއްޓުވޭތޯ މަސައްކަތް ކުރިއެވެ. ޖައުފަރުގެ މުޅި ހަށިގަނޑުގައި ވެސް މަޑުމަޑު ތުރުތުރު އެޅުމެއް އުފެދިފައިވެއެވެ. ޒީޝާން، ޖައުފަރުގެ އަތުގައި އަތް ޖައްސާލައިގެން އިރުކޮޅަކު މަޑުކޮށްލިއެވެ. ކުރީ ފަހަރާ ތަފާތުކޮށް މިފަހަރު އެ ހަށިގަނޑުގައި ވަނީ ފިނިކަމެކެވެ. އެ ފިނިކަން ޒީޝާން ހާސް ކުރުވިއެވެ. ހަމަ އެ އެވަގުތެވެ. ކުއްލިއަކަށް ފްލައިޓް ޓާބިއުލެންސް ވާން ފެށުމާއެކު ޒީޝާން ކުޑަކޮށް އަރި އަޅާލާ ގޮތްވިއެވެ. އަނެއްފަރާތު ގޮނޑީގައި އަތް ޖައްސައިލެވުނު ކަމީވެސް ނަސީބެކެވެ. ފައިގެ ހުޅުމައްޗަށް ތަދުވި ނަމަވެސް ޒީޝާންއަށް އެކަމަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ޖައުފަރަށެވެ.

"ވަޓް ހެޕެންޑް؟" ޖިނާން، އާރާއާއެކު އައިސް ހުއްޓެމުން ހާސްކަމާއެކު އަހައިލިއެވެ.

"ނޭނގެ ހެލްޕް މީ..." ޒީޝާން ޖިނާންއަށް ބަލައިލިއެވެ. ޖިނާން އަވަސްވީ ޖައުފަރު ސީޓުން ބައިލުވާ އެތަނުގައި ރީތިކޮށް ބާއްވާލާށެވެ. ފްލައިޓް ތެރޭގައި މީހުންގެ އަޑު ފަށްގަނޑު ގަދަވާން ފެށިއެވެ. ކުރީ ސީޓު ތަކުގައި ތިބި ބައެއްމީހުން އެ ދިމާލަށް އެއްވާން ފެށިއެވެ. ޖިނާން ޒީޝާންއާ އާރާއާ ދެމީހުންގެ އެހީތެރިކަމާއެކު، ޖައުފަރު ސީޓުން ބައިލުވާ ތިރީގައި ބާއްވައިލިއެވެ.

ޖިނާންއާ ޒީޝާންއާ ދެމީހުން މަސައްކަތް ކުރީ ޖައުފަރުގެ އަތް އޭނާގެ އަމިއްލަ ކަރުން ނެއްޓުވޭތޯއެވެ. އެމީހުންނަށް އެކަން ކާމިޔާބުވީ ދެ ތިން ހަތަރު ފަހަރު މަސައްކަތް ކޮށްގެންނެވެ. ޖައުފަރަށް އޮކްސިޖަން ނުލިބޭހެން ހީވެ، ޖިނާންމެން، ޖައުފަރަށް އޮކްސިޖަން ދޭން ފެށިއެވެ. މާސްކް އަޅުވާފައި އޮތްނަމަވެސް އިރުއިރުކޮޅުން އޭނާގެ ކެއްސުމާއެކު ލޭ އާދެއެވެ.

"ވީ ޝުޑް އިންފޯމް ދިސް ޓު ދަ ކެޕްޓަން އޭޒް ސޫން އޭޒް ޕޮސިބަލް. ދިސް އިސް ސީރިއަސް! " އާރާއަސް ބުނެވުނެވެ. ޒީޝާން ވެސް ބޯ ޖަހައިލިއެވެ.

"ލެޓްސް ޗެކް ވެދާ ވީ ހޭވް އަ ޑޮކްޓަރ އޮން ބޯޑް... ބަޓް ބިފޯރ ދެޓް ލެޓްސް އިންފޯމް ކެޕްޓަން.." ޖިނާން ބުނެލިއެވެ.

އޮކްސިޖަން މާސްކް އަޅުވާފައި އޮތް ޖައުފަރުގެ ނޭވާ މަޑުވަމުން ދާހެން ޒީޝާންމެންނަށް ހީވިއެވެ. ޖިނާން ޖައުފަރުގެ ބޯ ރީތިކޮށް ތިރިކޮށްލާ ކަރު އުފުލައިލިއެވެ. އޭނާގެ ބޭނުމަކަށްވީ ޖައުފަރަށް ނޭވާލާން ފަސޭހަ ކޮށްދިނުމެވެ. ޖައުފަރު އުނދަގުލުން އޭނާގެ އަތުން ކެބިންގެ މައްޗަށް އިޝާރާތް ކޮށްލިއެވެ. ޒީޝާންމެން އެ ދިމާލަށް ބަލައިލި ނަމަވެސް، އެމީހުންނަށް އިތުރު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. ޖައުފަރުގެ ހަރަކާތްތައް ހުއްޓުނީ ވެސް އެވަގުތެވެ.

އާރާ ގޮސް ކެޕްޓަނަށް ގުޅައިލިއެވެ. ވީ ގޮތް އޭނާ އޮޅުން ފިލުވައިދިނެވެ. ކަންތައް ކުރަންވީ ގޮތާ ބެހޭގޮތުން ސުވާލުވެސް ކޮށްލިއެވެ.

ފްލައިޓް ތެރޭގައި ޑޮކްޓަރެއް އިންތޯ އެނައުންސް ކުރެވުނެވެ. ނަސީބު ދެރަކަމުން ފްލައިޓް ތެރޭގައި ޑޮކްޓަރެއްވެސް ނެތެވެ. ޖައުފަރުގެ ވިންދު ދިޔައި ހިނދެއް ހިނދަކަށް މަޑުވަމުންނެވެ. އޭނާގެ ހަރަކާތްތައް ވެސް ވަނީ އެކީ ކަހަލަ ގޮތަކަށް ހުއްޓިފައެވެ.

"ހާޓް އެޓެކް؟" ޒީޝާންއަށް ސުވާލުކޮށްލެވުނެވެ. ޖިނާންއާ ޒީޝާންއާ ދެމީހުން ޖައުފަރަށް ސީޕީއާރް ދޭން ފެށިއެވެ.

"ޖީބުގަ އެބައޮތް ކަންނޭގެ ކޮންމެވެސް އެއްޗެއް... ޗެކް އިޓް ފޯ މީ ޕްލީޒް!" ޖިނާން ބުނެލި އެވެ. ޒީޝާން ޖައުފަރުގެ ޖީބުގައި އޮތް ވޮލެޓް ނަގާ އޭގެ ތެރޭގައި އޮތް އައިޑީކާޑުގައި ވާ ނަން ކިޔައިލިއެވެ.

"ޖައުފަރު..." އާރާ ދިޔައީ ހިނގަމުންދާ ހުރިހާކަމެއްގެ އަޕްޑޭޓް އިރުއިރުކޮޅާ އަރްޒަންއަށް ދެމުންނެވެ. އަރްޒަން ބުނެގެން އާރާ ކޮކްޕިޓްތެރެއަށް ދިޔައެވެ. ޖައުފަރުގެ ސީޓް ނަންބަރު ބުނެލަމުން އާރާ ވެސް އޭނާއަށް އެނގޭ މިންވަރަކުން ހުރިހާ އެއްޗެއް ކިޔައިދިނެވެ.

"ޖައުފަރު..." އާރާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް ޖައުފަރުގެ ނަން ބުނެލުމާއެކު، އަރްޒަންއަށް ދެބުމަ ގާތް ކޮށްލެވުނެވެ. އޭނާ ކޮންމެވެސް ތަނަކުން އެ ނަން އަޑު އެހިހެން ހީވިއެވެ. އާރާ ދިޔުމާއެކު އަރްޒަން އަޔާންއަށް ބަލައިލިއެވެ.

"ޖައުފަރު... ޖައުފަރު... ޖައުފަރު... އަހަރެން ކޮންމެވެސް ތަނަކުން އެ ނަން އަޑުއެހިން..." އަރްޒަންގެ ސިކުނޑީގައި އެ ނަން ގުގުމައިލިއެވެ.

" ޖައުފަރު އުޅޭނެ ބައިވަރު!" އަޔާން ބުނެލިއެވެ.

" އައި ތިންކް ވީ ޝުޑް ޑައިވާޓް ދި ފްލައިޓް. "

އަރްޒަންގެ މޫނުމަތީގައި ވެސް ވަނީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރެވެ. ފުރައިގެން އަދި ވީ އެންމެ ތިރީސްމިނެޓެވެ. އަރްޒަންއަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ އަނބުރާ މާލޭ ކޮޅަށް ފްލައިޓް އަނބުރައިލުމެވެ. އަޔާން ވެސް ބޯ ޖަހައިލިއެވެ.

ގުޅައިލުމަށްފަހު އެތެރޭގެ ހާލަތު އަރްޒަން ބަލައިލިއެވެ. ކެބިންތެރޭގެ ހާލަތު އިހުނަށްވުރެ ސަކަރާތްވީތީ އަރްޒަން ނިންމީ ފްލައިޓް އަނބުރައިލާށެވެ. އިތުރު ގޮތެއް ނެތީތީއެވެ. ފްލައިޓް ޑައިވާޓް ކުރުމަށްފަހު، އަރްޒަން އެއާރޓްރެފިކް ކޮންޓްރޯލާ އާއި ވާހަކަ ދެއްކިއެވެ. އެންމެ ފުރަތަމަ ވާހަކަ ދެއްކުމުން ހުއްދަ ލިބޭގޮތެއް ނުވިއެވެ. އެމީހުން ބުނީ އިތުރު ފްލައިޓެއް ޖައްސަން ތައްޔާރުވަމުން ދާކަމުގައެވެ. އެ ފްލައީޓް ޑިލޭ ވެއްޖެނަމަ އެހެން ހުރިހާ ފްލައިޓަކަށް އޭގެ އަސަރުކޮށް ޑިލޭ ވާނޭކަމުގައެވެ. އެ ފްލައިޓް ޖައްސަންދެން މަޑުކޮށްލެވޭނޭތޯ އެ ކޮޅުން ސުވާލުކުރިއެވެ. އަރްޒަންގާތަށް ހިސާބަކަށް ރުޅި އަންނަ ގޮތްވިއެވެ.

"މިކޮޅުން ވެސް ހަމަ ވަރަށް އެމަރޖެންސީއޭ! އަ ޕެސެންޖާސް ލައިފް އިޒ އިން ޑޭންޖަރ" އެންމެ ފަހުން ރުންކުރު ރާގަކަށް އަރްޒަންއަށް ބުނެވުނެވެ. އެއީ އޭނާ ދުވަހަކުވެސް ވާހަކަ ދެއްކިގޮތެއް ނޫނެވެ. އެކަމަކު މިއަދު އޭނާއަށް ކެތް ނުކުރެވުނީއެވެ. އަޔާންއަށް ބަލައިލި އިރުވެސް އަރްޒަން އިނީ ދެބުމަ ގޮށް ޖަހާލައިގެންނެވެ.

"ޕަސެންޖަރ އިޒް އިން އަ ވެރީ ކްރިޓިކަލް ކޮންޑިޝަން.. ދެއާޒް ނޯ މެޑިކަލް ޑޮކްޓަރ އޮން ބޯޑް!" އަރްޒަން ބުނެލިއެވެ.

*****

އެ ޚަބަރު ކުންފުނީގެ އިސްވެރިންނަށް ލިބުމާއެކު، އެމީހުން ވެސް ކުއްލި ބައްދަލުވުމެއް ބާއްވަން އަވަސްވަގެތެވެ. އޭގެ ތެރޭގައި އަންވަރާއި އިރުޝާމް ވެސް ހިމެނެއެވެ. އެއާރޕޯޓް އޮފީސް ތެރެވެސް ހަލަބޮލިވިއެވެ. ޑިސްޕެޗް އޮފިސަރުން ވެސް އުޅެނީ އަތް މަތި އަވަސް އަރުވައިލައިގެންނެވެ. އެއާރޕޯޓް ރޭމްޕް މެނޭޖްމެންޓްގެ އެތެރޭގައި ތިބި މީހުންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ.

"އެއާރޓްރެފިކް ކޮންޓްރޯލް ޓަވަރ އިން ދެންމެ ގުޅާފަ ބުނެފި ޕަސެންޖަރ އަކަށް ކަމެއް ދިމާވެގެން އެމަރޖެންސީކޮށް ފްލައިޓެއް ލޭންޑް ކުރާ ވާހަކަ. ޗެކް ވިޗް ގޭޓް އިޒް އެވައިލަބަލް..." ކަމާލު އައިސް ވަތްއިރު، އެތަނުގައި މަސައްކަތްކުރާ ސީނިއަރ ކުއްޖަކު ރައުދާ އާ ވާހަކަ ދައްކަނީއެވެ. ރައުދާ ކޮންޕިއުޓަރަށް ނަޒަރު ހުއްޓައިލިއެވެ. ކަމާލު އައިސް ކައިރިއަށް ހުއްޓުމާއެކު ރައުދާ ކަމާލަށް އަވަސް ނަޒަރެއް ދީފައި ގޭޓްގެ ނަންބަރު ބުނެލިއެވެ.

"އެ ގޭޓް ވެސް ދެންމެ އެ ނިމުނީ..." ގަޑީގެ ގޮތުން އެންމެ ގޭޓެއް ފިޔަވާ ހުރިހާ ގޭޓެއް ވެސްއެހާ ބިޒީ އެވެ.

ހުއްޓާނުލާ ޖައުފަރަށް ސީޕީއާރް ދިނުމުގައި ޖިނާން އާއި ޒީޝާން ހަރަކާތްތެރިވަމުން ދިޔައެވެ. ޖައުފަރުގެ ގާތުގައި އިން އަންހެން މީހާގެ އުރުގައި އިން ކުޑަކުއްޖާ އޭރު ވެސް ރޮމުން ދިޔައެވެ. އެ އަންހެން މީހާއަށް ވެސް އެ ތުއްތު ކުއްޖާ މަސަލަސްކުރުން ވީ އުނދަގޫ ކަމަކަށެވެ.

ފްލައިޓް ޖައްސަށް ހުއްދަ ލިބުމާއެކު، އަރްޒަން އެކަން އެނައުންސް ކޮށްލިއެވެ. އާރާ ކެބިންތެރޭގެ ހާލަތު ބެލިއެވެ. އޭނާ ކަންތައް ކުރަންވާ ގޮތުގެ އިރުޝާދުދެމުން ދިޔައެވެ.

"އައި ތިންކް..." ޖިނާންއަށް ބަލައިލުމަށްފަހު، ކަޅި ހުއްޓިފައި އޮތް ޖައުފަރަށް ބަލައިލަމުން ޒީޝާންއަށް ބުނެވުނެވެ. އޭނާއަށް އެ ބަސްތައް އަނގައިން ބޭރުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"ބަޓް ވީ ޝްޑުންޓް ސްޓޮޕް..." ޖިނާން ބުނެލިއެވެ.

*****

އޮފީސްތެރޭގައި ތިބި އަންވަރުމެންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ.

"ފުލުހުން ތަހުގީގުވެސް ކުރާނެ ވަރުގެ މައްސަލައެއް މީ. އެންމެ ފަހުން ޚަބަރު ލިބުނީ އޭނަގެ އެއްވެސް ހަރަކާތެއް ނެތްކަމުގައި" އަންވަރު އޭނާގެ ނިތުގައި އަތް ހިންގައިލިއެވެ. ކުންފުނީގެ އެންމެ އިސްވެރިޔާ ވެސް ހުރީ ކަންތައް ބޮޑުވެފައެވެ.

އެއާރޕޯޓަށް ޖައްސަން އޮތް ހުރިހާ ފްލައިޓެއް ޑިލޭވަމުން ދިޔުމާއެކު، އެއާރޕޯޓްތެރެ ވެސް އެކީ ހަލަބޮލިވެއްޖެއެވެ. އެއްބަޔަކު ވާނުވާ ނޭނގިފައި ތިބިއިރު، އަނެއްބައި މީހުންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ހުރިހާ ފްލައިޓްތަކެއް އެއްފަހަރާ ޑިލޭ ވާން ފެށުމުން ކޮންމެވެސް ގޯހެއް އުޅޭކަމުގައި ގިނަމީހުނަށް ފަހުމްވިއެވެ. ޕަސެންޖަރ ސާވިސަސް އާއި އެއާރޕޯޓް ސެކިއުރިޓީ ގުޅިގެން އެއާރޕޯޓް ގެ ހާލަތު ވަރަށް ގާތުން ބަލަމުން ދިޔައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ފްލައިޓް ޖެއްސުމާއެކު، އެ ޚަބަރު މުޅި ޝޯޝަލް މީޑިއާގައި ފެތުރިގަތީ ރޯ ފަތްތަކެއްގައި އަލިފާންގަނޑެއް ޖެހުމުން އެ އަލިފާންގަނޑު އެ ފަތްތަކުގައި ފެތުރުގަންނާނެހާ ބާރަށެވެ. އެއްބައި ނިއުސް ޗެނަލްތަކުން އެ ޚަބަރު ބްރޭކިން ނިއުސްގެ ގޮތުގައި ވެސް ގެންނަމުން ދިޔައެވެ. ފޯނު ކޯލުތައް އަންނަ ވަރުން އަންވަރު މެން ތިބީ ހާސްވެފައެވެ. މިވަގުތު އެއްވެސް މީޑިއާއަކަށް އެއްވެސް މައުޟޫމާތެއް ހިއްސާކުރުން އެހާ ރަނގަޅު ނޫން ކަމުގައި އެމީހުންނަށް ވެސް ޤަބޫލުކުރެވުނީއެވެ. މިކަމަކީ ބޮޑު ތަހުގީގެއް ހިންގާނޭ ކަމެއްކަމުގައި އެމީހުންނަށް ޔަޤީން ކުރެވުނީތީއެވެ.

*****

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ފްލައިޓް ޖެއްސިއިރު އެންބިއުލަންސް ވެސް އޮތީ ތައްޔާރަށެވެ. ޖައުފަރު ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ޖައުފަރު އޮތީ މަރުވެފައި ކަމުގައި ޑޮކްޓަރުން މައުލޫމާތު ދިނެވެ.

ޓީވީ ދޮށުގައި އިން ފިރާޤުވެސް ދިޔައީ އެ ޚަބަރު ބަލަމުންނެވެ. އަންވަރަށް ގުޅައިލުމުން ވެސް ފޯނެއް ނުނަގައެވެ.

ޓީވީން ޖައުފަރުގެ ނަން ހާމަކޮށްލި ވަގުތު ފިރާޤުގެ ހަރަކާތްތަކަށް ވެސް މަޑުޖެހުމެއް އައެވެ. އޭނާއަށް އައިނު ރަނގަޅުކޮށްލަމުން ދެލޯ ބޮޑުކޮށްލެވުނެވެ. އިތުރަށް ސަމާލުވެލިއެވެ.

"ޖައުފަރު..." ފިރާޤުގެ މޫނުމަތިން ހިސާބެއްގެ ހާސްކަމެއް ފެންނަމުން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން އިރުކޮޅަކު އިނުމަށްފަހު، ފިރާޤު އަނެއްކާވެސް އަންވަރަށް ގުޅައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް