ޓީޓީ އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި

އައިއޯއައިޖީގެ ޓީޓީ ޑަބަލް އިވެންޓުގައި ރަން މެޑަލް ހޯދި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީ އާއި ރިހި މެޑަލް ހޯދި މުއީނާ މުހައްމަދާއި ފާތުމަތު ޖުމާނާ--- ފޮޓޯ// އެމްއޯސީ

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބުނެ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް އެ އެސޯސިއޭޝަނުގެ އިންތިހާބީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ އިރު، އިންތިހާބު ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން ނިންމައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އިންތިހާބުގެ މައްސަލައިގައި އެސޯސިއޭޝަނާ ދެކޮޅަށް އެ އެސޯސިއޭޝަންގެ މިހާރު އޮތް އެކްސްކޯގެ މެންބަރު އަދި ކުރިއަށް އޮތް އިންތިހާބުގައިވެސް އެކްސްކޯއަށް ވާދަ ކުރާ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް ވަނީ މައްސަލަ ވައްދާފަ އެވެ. އަދި މި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، މައްސަލައިގެ އިޖުރާއީ އަޑުއެހުން އިއްޔެ ވަނީ ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ.

ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، އެ އެސޯސިއޭޝަނުގެ އިންތިހާބު އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. އެހެންކަމުން ތާޅަފިލި އަލިބެ ވަނީ އިންތިހާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދެފައެވެ.

އެގޮތަށް އަމުރު ނެރެ ނުދޭން ސިވިލް ކޯޓުން ނިންމިކަން ހާމަކުރައްވަމުން ކުޅިވަރުގެ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ ކުޅިވަރުގެ މުސްތަގުބަލު އުޖާލާ ކަމަށާއި ކޯޓުން އަމުރު ނެރެނުދިނުމުން ޓީޓީގެ ދުނިޔޭގެ ޖަމިއްޔާގެ އަސާސީ ގަވާއިދާއި އޮލިކްޕިކް ޗާޓަރާއި އަދި އައިއޭއެސްއޯއެފްގެ ސްޓެޗޫސްތައް ނެގެހެއްޓިފައިވާ ކަމަށެވެ.

އެ މައްސަލަ ކޯޓަށް ވައްދަން ޖެހުނީ، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅުމުން، އެތަންތަނުން ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ޖަވާބުތަކެއް ދީފައިވާކަމަށް ގަބޫލުކުރެވޭތީ ކަމަށް މައްސަލައިގައި އަލިބެގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް މިއީ ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށާއި، އައިޓީޓީއެފްއިން މިފަހުން ފޮނުވާފައިވާ ބަޔާނެއްގައި ރާއްޖޭގެ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފުރިހަމައަށް އެ އިދާރާއިން އިތުބާރުކުރާ ކަމަށާއި، ޓީޓީގެ ނިންމުންތައް އެތަނުން ނިންމުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވެފައިވާ ކަމަށް ޓީޓީ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އައިޓީޓީއެފްއިން ދާދި ފަހުން ވަނީ ރާއްޖެއަށް އިންޒާރުކޮށް ސިޓީއެއް ފޮނުވައިފަ އެވެ.

އައިޓީޓީއެފްގެ މެންބާ ރިލޭޝަން ޑައިރެކްޓާ މުނީރު ބައްސާހް، ސޮއި ކުރައްވައި ޓީޓީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ޓީޓީއޭއެމްގެ އަސާސީ ގަވާއިދު ބަދަލު ކުރުމަށް އެދި، އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ތިން މެންބަރަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ގަވާއިދުގެ ތެރެއިން ހުށަހަޅާފައިވާ ކަމެއް ނޫންކަން ޓީޓީއޭއެމުން ފޮނުވި ސިޓީގައި ހިމަނާފައިވާ މައުލޫމާތުން އެނގިގެންދާ ކަމަށެވެ.

އަދި އެހެންމެ މިފަދަ މައްސަލައެއް ޖައްސާނަމަ ހިންގާ ކޮމިޓީގެ 50 އިންސައްތަ ތާއީދު އެ ކޮޅަކަށް ލިބިގެން މެނުވީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.

ޓީޓީގެ މައްސަލަ ގޯސްވެ، އިންތިހާބުގެ ފޯރިގަދަވެފައިވާ އިރު، ތިން ފަރާތަކުން ވަނީ ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ. ޓީޓީގެ އިންތިހާބު ބޭއްވުމަށް އެ އެސޯސިއޭޝަނުން ތާވަލު ކޮށްފައި އޮތީ މާދަމާއަށެވެ.

comment ކޮމެންޓް