"އޭ ބަލަ ލަތީފާ" ނެށުމަކުން، އެންމެން ސިއްސުވާލައިފި

ޑައިނޮސިއެކް: އޭ ބަލަ ލަތީފާ އަށް ނެށުން ހުށަހަޅައިދިނީ މި ގްރޫޕުން -- ފޮޓޯ ޑައިނޮސިއެކް

"އޭ ބަލަ މިހިރަ ލަތީފާ... ކޮންތާކަށް ގޮއްސަތަ ތި އަންނަނީ؟"

މިއީ މީގެ 33 އަހަރު ކުރީން ދިވެހި ފިލްމު "އިތުބާރު" އިން އަޑު އިވުނު އަދި މިއަދާ ހަމައަށް ވެސް މި ފެންވަރުގެ ޑައިލޮގެއް މަދުން ނޫނީ ދިވެހި ފިލްމަކުން ނުފެންނަހާ ވަރުގަދަ ޑައިލޮގެކެވެ. މިފަހަކާއި ޖެހެންދެން މި ޑައިލޮގުން އަހަރެމެންނަށް ސިފަވަމުން އައީ ކުޅާދާނަ އެކްޓަރު އަދި މިއަދު އަހަރެމެންނާއި ވަކިވެގޮސްފައިވާ، ލެޖެންޑު ހާޖަރާއްތަގެ ކުޅާދާނަކަމާއި ހުނަރުވެރިކަމެވެ.

ހާޖަރާއްތަގެ އަޑުން އިވުނު މި ޑައިލޮގް އަދިއަދަށްވެސް އަހަރެމެންގެ ކަންފަތުގައި ހަރުލާފައި ހުރިއިރު، މީގެ ތިން ދުވަސް ކުރިން ދިވެހި ޒުވާން އަންހެން ކުދިންތަކެއް މިވަނީ މި ޑައިލޮގަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފަ އެވެ. ޑައިލޮގް ކިއުމުގެ ބަދަލުގައި މި ހުނަރުވެރިން އަހަރެމެންނާއި ހިސާބަށް ޑައިލޮގް ގެނެސްދިނީ ނެށުމުގެ ތެރެއިންނެވެ.

މިއީ ކޮންތަނަކުން ނިކުތް ހުނަރުވެރިންނެއް ހެއްޔެވެ؟

މި ވީޑިއޯ އިން ފެނިގެންމިދަނީ "ޑައިނޮސިއެކް" ނަމަކަށް ކިޔާ ތިން އަންހެން ކުދިންގެ ގްރޫޕެކެވެ.

ޑައިނޮސިއެކް އިން ފެނިގެންމިދާ ތިން ހުނަރުވެރިންނަކީ ފާއިތުވި 20 ވަރަކަށް އަަހަރު ދުނިޔޭގެ އެކި ގައުމުތަކުގައި ޕާފޯމިން އާޓްސް ކިޔަވާ ދަސްކޮށް، އުގަންނައިދީ އަދި އަމަލީގޮތުން ކުރަމުން އައި ތިން ކުދީންނެވެ. މިގޮތުން ޖަރުމަނާއި، ސިންގަޕޫރު، އިޓަލީ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ސްވިޒަލޭންޑުން ޖުމްލަ ގޮތެއްގައި އެކި ކޯސްތަކާއި ޕްރޮގްރާމްތަކެއް މި ތިން ހުނަރުވެރިން ވަނީ ފުރިހަމަ ކޮށްފަ އެވެ. "އޭބަލަ ލަތީފާ" އަކީ މި ގްރޫޕުން ޕާފޯމިން އާޓްސްގެ ދާއިރާގައި ކުރަމުން އައި މަސައްކަތަކަށް އިތުރުވީ ރަން ބޮޅެކެވެ.

މުޅި ސޯޝަލް މީޑީއާގައި މި ތަރީންގެ " އޭ ބަލަ ލަތީފާ" ވައިރަލް ވެފައިވާއިރު މިއީ ނެށުމުގެ ތެރެއިންވެސް އާދައިގެ ނެށުމެއް ނޫނެވެ. އެއްވެސް ކަހަލަ މިއުޒިކެއް، ރާގެއް ނެތި، ޑައިނޮސިއެކް އިން ފައިހަމަ ކުރަމުން ދިޔައީ ހާޖަރާއްތަގެ މި ލެޖެންޑަރީ ޑައިލޮގްގެ ރިދަމް އަށާއި ޕެޓާންއަށް ބަލައިގެން އެވެ.

މި ބާވަތުގެ ނެށުމަށް ކިޔަނީ މޫވްމަންޓް ތިއޭޓާ އެވެ. އެއްވެސް މިއުޒިކަކާ ނުލައި ގިނަފަހަރު ނެށުންތެރިން ވާހަކައެއް ހުށަހަޅަމުން ދާއިރު، ވާހަކަ ކިޔައިދެނީ ހަށިގަނޑަށް ގެންނަ ހަރަކާތްތަކުންނެވެ.

ނެށުމުގެ ދާއިރާ މިދަނީ ބަދަލުވަމުން. އެކި ހިޔާލުތަކާއި ޓެކްނިކްތައް ތައާރަފްވަމުން އަންނަ ވަރަކަށް މިކަން މިދަނީ ފުޅާވެ ޓްރާންސްފޯމްވަމުން. ކޮލިޓީ ހުރިނަމަ އާ ތަފާތު ހިޔާލުތަކަށް މީހުން ކެތްމަދުވެފައި ތިބިކަން އެބަ ހާމަވޭ،" ޑައިނޮސިއެކް އިން ބުންޏެވެ.

ގާތްގަނޑަކަށް 1:32 މިނިޓްގެ މި ކުރު ޑައިލޮގް، ނެށުމެއްގެ ސިފައިގައި އާންމުންނާ ހިސާބަށް ގެނެސްދިނުމަށް މި ގްރޫޕުން ދެ ހަފްތާއެއްހާ ދުވަސް ޕްރެކްޓިސް ކުރި އެވެ. އަދި ވީޑިއޯގައި ފެނިގެންދާ ކޮސްޓިއުމުތަކަކީވެސް ހަމަ މި ވީޑީއޯއަށް އާއިލާގެ އެކި މެންބަރުންގެ ފަރާތުން އެއްކޮށްފައިވާ ހެދުންތަކެވެ.

މި ގްރޫޕުން މީގެކުރިން ވެސް ބައެއް ހުށަހެޅުންތައް ޔޫޓިއުބް މެދުވެރިކޮށް ގެނެސްދީފައިވެ އެވެ. " އޭ ބަލަ ލަތީފާ" ވީޑިއޯ އަށް ލިބުނު ތަރުހީބަކީ މި ޒުވާން ނެށުންތެރިންނަށް ހަމަ "ޝޮކެކެވެ". މި ޒުވާނުން ބުނާ ގޮތުގައި އެ ގުރޫޕްގެ ހުށަހެޅުމަކަށް މިހާ ބޮޑު ތަރުހީބެއް ލިބިގެން ހިނގައިދާނެ ކަމަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ. މި ތަރުހީބާ އެކު މިފަދަ ހުށަހެޅުންތައް ބަލާލަން މީހުން ބޭނުންވެފައިވާކަން ހާމަވާތީ ޑައިނޮސިއެކް އިން ތިބީ ނިކަން އުފަލުންނެވެ. އެ ހިތްވަރާ އެކު "ޑައިނޮސިއެކް" އޮތީ އާ ހުށަހެޅުންތަކަކަށް ތައްޔާރަށެވެ.

comment ކޮމެންޓް