ސިންގަޕޫރު ސަފީރުކަމަށް އިބްރާޙިމް ޝަހީބަށް ރުހުން ދީފި

ސިންގަޕޫރު ސަފީރު ކަމަށް ރުހުން ދިން އިބްރާޙިމް ޝަހީބް ނައިބު ރައީސް ފައިސަލް ނަސީމްއާ ސަލާމް ކުރައްވަނީ ---

ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާޙިމް ޝަހީބަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސިންގަޕޫރު ސަފީރު ކަމުގެ މަގާމު ހުސްވީ، ކުރިން އެމަގާމުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވުންނެވެ.

ފޮރިން މިނިސްޓްރީގެ ގިނަ މަގާމުތަކަށް ފުރުއްވި އިބްރާހިމް ޝަހީބަށް މަޖިލީހުން ރުހުން ދިނީ 58 ވޯޓުންނެވެ.

އިބްރާހިމް ޝަހީބު ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީ ކަމާއި ޑިރެކްޓަރުކަންވެސް މީގެ ކުރިން ކުރައްވާފައެވެ. އަދި އޭނާ ވަނީ ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކްޓްރީކަންވެސް ކުރައްވާފައެވެ.

އޭގެ އިތުރުން އިބްރާހިމް ޝަހީބް ވަނީ ސިންގަޕީރުގެ ދިވެހި އެމްބަސީގެ ފަސްޓް ސެކެޓްރީ ކަމާއި އެކްޓިން ހައިކޮމިޝަނަރުކަންވެސް ކުރައްވާފައެވެ. އަދި އެހެނިގެން ބައެއް ގައުމުތަކުގެ އެމްބަސީގައިވެސް އޭނާ ވަނީ އެކި މަގާމުތައް ފުރުއްވާފައެވެ.

އިބްރާޙިމް ޝަހީބް ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޑަނޭޝަލް ރިލޭޝަން ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ޕްބަލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޭނާ ވަނީ މާސްޓާސް ހާސިލުކުރައްވާފައެވެ.

comment ކޮމެންޓް