އެމްޕީއެލްއިން ދަންވަރު ޝިފްޓުގައި ދޭ ހިދުމަތްތަކުން ނަގާ ސާޗާޖު އުވާލަނީ

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޕީއެލްގެ ދަންވަރު ޝިފްޓުގައި ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ސާޗާޖު އުވާލަން އެކުންފުނިން ނިންމައިފި އެވެ.

އެމްޕީއެލްއިން ނެރުނު ނޯޓިސްއެއްގައި ބުނީ އެ ކުންފުނިން ރޭގަނޑު 23:30 އާއި ހެނދުނު 7:30އާ ދެމެދު ފޯރުކޮށްދޭ ހިދުމަތްތަކުން ނަގަމުންދާ 30 ޕަސެންޓުގެ ސާޗާޖު މިމަހުގެ 13ވަނަ ދުވަހުން ފެށިގެން އުވާލަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ވެސް ހަމަ އެ ތާރީހުން ފެށިގެން ބަދަލު ގެންނަން އެކުންފުނިން ވަނީ ނިންމާފަ އެވެ.

އެމްޕީއެލްގެ ހެޑް އޮފް ކާގޯ އޮޕަރޭޝަންސް އަހްމަދު އިނާން "ސަން"އަށް ވިދާޅުވީ ދަންވަރު ޝިފްޓުން ނަގާ ސާޗާޖު އުވާލަން ނިންމި މައިގަނޑު ސަބަބަކީ މުދާ ކްލިއާ ކުރާ އޭޖެންޓުން އެކި ނަންނަމުގައި ފީ ނެގުން ހުއްޓުވުމަކަށް ގެނައުމަށް ކަމަށެވެ.

"ސާޗާޖު ނަގަން ފެށީ 2015ވަނަ އަހަރު ދަންވަރު ޝިފްޓުގެ ހިދުމަތް ފެށުމުން. އެމްޕީއެލްއިން ސާޗާޖު ނަގަނީ ހަމައެކަނި ދަންވަރު ބާލާ ކޮންޓޭނަރުތަކަށް. އެ ޗާޖު ނަގަން ފެށީމަ އޭޖެންޓުން ޗާޖު ކުރަނީ ހުރިހާ ކޮންޓޭނަރަކަށް." އިނާން ވިދާޅުވި އެވެ.

އޭޖެންޓުން މިގޮތަށް ބައިވަރު ޗާޖުތައް ނަގާތީ ވިޔަފާރިވެރިންގެ ޝަކުވާ ލިބުމުން އެމްޕީއެލްއިން އޭޖެންޓުންނާ ބައްދަލުކުރި ކަމަށާއި ދަންވަރު ބާލަނީ ކޮން ކޮންޓޭނަރުތަކެއް ކަން ނޭނގޭ ކަމަށް އޭޖެންޓުން ބުނި ކަމަށް އިނާން ވިދާޅުވި އެވެ. އަދި ބަނދަރުގެ ނަމުގައި ޗާޖު ނުނަގަން އެދި އޭޖެންޓުންނަށް ސިޓީ ވެސް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޖެންޓުން މިގޮތަށް ފީ ނެގުން ހުއްޓުވަން ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުގައި އިތުރަށް ފީ ނަގަނީ އެމްޕީއެލްއިން ސާޗާޖު ނަގާތީ ކަމަށް އޭޖެންޓުން ބުނި ކަމަށް އިނާން ވިދާޅުވި އެވެ.

އެއާއެކު އެމްޕީއެލްގެ ބޯޑުން ނިންމީ ދަންވަރު ޝިފްޓުން ނަގަމުން އައި 30 ޕަސެންޓުގެ ސާޗާޖު އުވާލުމަށެވެ.

"ސާޗާޖު އުވާލީމަ އޭޖެންޓުންނަށް ދައްކާނެ ހުއްޖަތެއް ނޯންނާނެ އެމްޕީއެލްއިން ސާޗާޖު ނަގާތީއޭ އޭޖެންޓުން ޗާޖު ނަގަނީ ކިޔާފައި." އިނާން ވިދާޅުވި އެވެ.

ދަންވަރު ޝިފްޓުން ނަގާ ސާޗާޖު އުވާލުމާއެކު ދަންވަރު ޝިފްޓުގައި އެކުންފުންޏަށް ލިބެމުންދިޔަ އާމްދަނީއަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އަންނާނެ އެވެ. އަދި އެއާއެކު އަންނަ ލޮޅުން ކުޑަކުރަން ހޭންޑްލިން އާއި ވޯފޭޖު ޗާޖުތަކަށް އެކުންފުނިން ވަނީ ބަދަލު ގެނެސްފަ އެވެ.

އެހެން ނަމަވެސް ޗާޖުތަކަށް ގެނައި ބަދަލުތަކަކީ ވިޔަފާރިތަކަށް ހެޔޮ ބަދަލަކަށް ވެގެންދާނެ ކަމަށް އިނާން ވިދާޅުވި އެވެ.

މި ޗާޖުތަކަށް ގެނައި ބަދަލުތަކާ ގުޅޭ މައުލޫމާތު އެމްޕީއެލްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

comment ކޮމެންޓް