ތެލް އަވީވުން ގުދުސަށް އެމްބަސީ ބަދަލު ކުރާ ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ސާބިއާ

އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: އޭޕީ

ތެލް އަވީވް (ސެޕްޓެމްބަރު 5): އިސްރާއީލްގައި ހުންނަ ސާބިއާގެ އެމްބަސީވެސް ތެލް އަވީވުން ގުދުސަށް ބަދަލު ކުރާނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވި ގޮތުގައި ސާބިއާއިން ވަނީ ގުދުސަކީ އިސްރާއީލާގެ ވެރިރަށް ކަމަށް ބަލައިގަނެފަ އެވެ. އަދި އެގައުމުގެ އެމްބަސީ އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން ތެލް އަވީވުން ގުދުސަށް ބަދަލު ކުރާނެ އެވެ.

"ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަނެ އެތަނަށް އެމްބަސީ ބަދަލު ކުރަން ސާބިއާގެ ރައީސް ނިންމެވުމުން އެކަމަށް އަޅުގަނޑު ޝުކުރު އަދާ ކުރަން، އަދި މި ކާމިޔާބީގައި އަޅުގަނޑުގެ އެކުވެރިޔާ ރައީސް [ޑޮނަލްޑް] ޓްރަމްޕް އަދާ ކުރެއްވި ދައުރަށްވެސް ޝުކުރު އަދާ ކުރަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

އިސްރާއީލް އާއި ފަލަސްތީނުގެ މައްސަލައިގައި އެއްބަސްވުމަކަށް އާދެވި، ސުލްހަ ގާއިމު ކުރެވެންދެން ބޭރުގެ ގިނަ ގައުމުތަކުން އިސްރާއީލަށް ކަނޑައަޅާ ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކޮށްފައި ހުންނަނީ ތެލް އަވީވްގަ އެވެ. ނަމަވެސް ޑިސެމްބަރު 2017އިގައި އެމެރިކާގެ ސަރުކާރުން ވަނީ ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބަލައިގަނެ، އެގައުމުގެ އެމްބަސީ ތެލް އަވީވުން ގުދުސަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން، އެމެރިކާއާ އެއްގޮތަށް އެމްބަސީ ބަދަލު ކުރީ ގުއަޓަމާލާއިން އެކަންޏެވެ. އަދި ސާބިއާ އަކީ ގުދުސަށް އެމްބަސީ ބަދަލު ކުރަން ނިންމި ޔޫރަޕްގެ ފުރަތަމަ ގައުމެވެ.

ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ ސެކްރެޓަރީ ޖެނެރަލް ސާއިބު އުރައިގާތު ވިދާޅުވި ގޮތުގައި އެ ނިންމުން ގުޅިފައި ވަނީ ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބު ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާ އެވެ. އަދި ޓްރަމްޕް އަނެއްކާވެސް ވެރިކަމަށް ގެނައުމަށް އޭނާގެ ޓީމުން ކޮންމެ ފިޔަވަޅެއްވެސް އަޅާފާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެއީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި އިސްރާއީލުން ގުޅުން ގާއިމު ކުރަން ނިންމުން ފަދަ ނިންމުމެއް ކަމަށާއި އެއީ މެދުއިރުމަތީގެ ސުލްހައަށްޓަކައި ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލާއިި ޔޫއޭއީން މިދިޔަ މަހުގެ 13އިގައި ހެދި ސުލްހައިގެ އެއްބަސްވުމާ އެކު ޔޫއޭއީ ވަނީ ފާއިތުވި 70 އަށް ވުރެ ގިނަ އަހަރުތަކުގެ ތެރޭގައި އިސްރާއިލާ ފުރިހަމައަށް ގުޅުންތައް ގާއިމު ކުރި ތިން ވަނަ އަރަބި ދައުލަތަށް ވެފަ އެވެ.

comment ކޮމެންޓް