ކައުންސިލްތަކުގެ ނިޒާމު މަގުސަދަށް ފެއްތުން

މިހާރު ރާއްޖޭގައި ގާއިމު ކުރެވިފައިވާ، ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ނިޒާމު އޭގެ ރޫހުގައި ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. އޭގެ ސަބަބުތައް އެބަހުއްޓެވެ. އެހެންކަމުން މި ސަބަބުތައް އިތުރަށް ހޯދައިބަލައި އެންމެ ފައިދާހުރި ގޮތަކަށް އަމަލުކުރުމަށް އިތުރު ވިސްނުމަކަށް ދާން ވަނީ ޖެހިފައެވެ.

ޒަމާނުއްސުރެ އަތޮޅުތަކާއި ރަށްތައް ހިންގަމުން އައި ނިޒާމު ބަދަލުކޮށް އަތޮޅުތަކާއި ރަށްތައް ހިންގުމަކީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާ ބަޔަކު، ލާމަރުކަޒީ އުސޫލުން ކުރާ ކަމެއް ކަމުގައި ހަމަޖެހި މިހާރު މިދަނީ އެގޮތުގައި ހިނގަމުންނެވެ. މި ބަދަލު ގެނެވުނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން އެބަދަލަށް އަމުރުކުރާތީ އެވެ. ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ ގާނޫނު އެގޮތަށް އަމުރުކުރާތީ އެވެ. ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނުގެ މަގުސަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލްވަމުން ނުދާކަން ފާހަގަ ކުރެވެއެވެ. މި މަގުސަދު ފުރިހަމައަށް ހާސިލް ނުވުމުގެ ސަބަބުތައް އެބަހުއްޓެވެ.

ލާމަރުކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް ހިންގުމަކީ ދިވެހިންނަށް އާކަމެކެވެ. މިކަމުގެ އިލްމާއި ތަޖުރިބާ ހުރި މީހުންގެ ރާއްޖޭގައި ވަރަށް މަދެވެ. އެހެންކަމުން ގާނޫނު އަސާސީ ޑްރާފްޓް ކުރި މަރުހަލާގައި ވެސް މައްސަލަތަކަކާ ކުރިމަތިވި އެވެ. ރާއްޖޭގައި މިކަމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންގެ އިލްމާއި ތަޖުރިބާގެ ސައްހަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ސީދާގޮތެއްގައި ފޯރައިފައިވާ މިންވަރު ވަކިން ކުޑަ އެވެ. ސިޔާސީ ޕާޓީތަކުން ކައުންސިލްތަކުގެ ކޮންޓްރޯލް ހޯދުމަށްޓަކައި ފެތުރި ވާހަކަތަކުގެ ރޫހާއި ސައްހަކަމާ ގުޅިފައިވާ ކަންތައްތަކެއްގެ ސަބަބުން ރައްޔިތުންނަށް އޮޅުންތަކެއް އެރި އެވެ.

ރައްޔިތުންނަށް ރަނގަޅަށް މި ނިޒާމު އޭގެ މަގުސަދާ އެއްގޮތަށް ދޭހަނުވީ މި ނިޒާމު ތައާރަފުކޮށް އޭގެ މައުލޫމާތު އެންމެ ބޮޑަށް ފެތުރީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ އިލްމާއި ތަޖުރިބާ ހުރި މީހުންކަމަށް ނުވުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތެރިން "ދަންނަ" ލާމަރުކަޒީ ނިޒާމެއް ވޯޓުލާ މީހުންނާ ހަމައަށް ގެންދެވުމެވެ. ސިޔާސީ ޕާޓީތަކުން ލާމަރުކަޒީ ނިޒާމާއި ކައުންސިލްތަކުގެ ދައުރު ރައްޔިތުނަށް ކިޔައިދީފައިވަނީ އެމީހުން "ދަންނަ" ގޮތަށެވެ. އެހެންކަމުން މައިގަނޑު އެއް މަގުސަދެއްގައި ގާނޫނުގެ ރޫހާ އެއްގޮތަށް މި ނިޒާމު ރައްޔިތުންގެ ގިނަ ބަޔަކަށް ސާފުވެފައެއް ނުވެއެވެ. މި ގޮތަށް ސާފުކޮށްދޭކަށް ޕާޓީތަކަށް ވަގުތެއް ވެސް ނުލިބެ އެވެ.

މަޝްހޫރު ގާނޫނީ ވަކީލު މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، ކަން މިހެން ދިމާވުމުން، ލާމަރުކަޒީ ވިސްނުމަކީ ކޮބައިކަން ދެނެގަތުމަށް އާންމު މީހާއަށް ދަތިތަކެއް ދިމާވެއެވެ. ލާމަރުކަޒީ ވިސްނުމަކީ ކޮބައިކަން ސިޔާސީ ފިކުރެއްގެ ތެރެއިން ނޫންގޮތަކަށް އެނގެން އާންމު މީހާއަށް ބޭނުންވެ އެވެ. ނަޝީދުގެ ޚިޔާލު ފުޅުގައި ކަމަކާ މެދު ސިޔާސީ ގޮތުން ފިކުރެއް ބައްޓަން ކުރަންވާނީ ވެސް، ފުރަތަމަ އެކަމަކީ ކޮބައިކަން ރަނގަޅަށް އެނގިގެންނެވެ.

ރާއްޖޭގައި ކަން ހިނގައިފައިވާ ގޮތް ރަނގަޅަށް ދަންނަ މީހުންނަށް ނަޝީދުގެ ވާހަކަ ފުޅު ގަބޫލު ކުރަން ފަސޭހަވެދާނެ އެވެ. ނަމަވެސް އެއާ ގުޅިގެން އަމަލުތަކެއް ކުރާނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންކަމެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިއީ ތަޖުރިބާގެ މައްޗަށް އަމަލު ކުރަން ރަނގަޅު ވަގުތެކެވެ. އަނެއް އިންތިޚާބު ބޯމަތިވުމުގެ ކުރިންނެވެ. ކައުންސިލްތަކުން އަތޮޅުތަކާއި ރަށްތައް ހިންގޭ މިންވަރަށް ބަލައިގެންނެވެ. ރަނގަޅަށް ކުރެވޭ ކަންކަމާއި ރަނގަޅަށް ނުކުރެވޭ ކަންކަމުގެ ސަބަބު ހޯދައިގެންނެވެ. ވަކި ސިޔާސީ ފިކުރެއް އޮތަސް ކަމުގެ ހަގީގަތް ބަލައިގެންނެވެ. ވޭތުވެދިޔަ ތަނުގެ ޒިންމާ ހަމައެކަނި އެއްފަރާތުގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި ކަމުގެ ހުރިހައި ސަބަބަކަށް ބަލައިގެންނެވެ.

އަޅުގަނޑު ދުށްތަނުގައި ކައުންސިލްތަކުން އެންމެ އެދެވޭ ނަތީޖާ ނުނުކުންނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ ލާމަރުކަޒީ ނިޒާމެއްގެ ވިސްނުން ލިބިފައިވާ މިންވަރު ކުޑަވުމެވެ. ހޮވިފައިވާ ބައެއް ކައުންސިލަރުންގެ އިލްމާއި ތަޖުރިބާ އެވެ. ބައެއް ކައުންސިލްތަކުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުން ދައްކަމުންދާ ސުލޫކެވެ. ގާނޫނީ ދައުލަތެއްގެ ވިސްނުން ލިބިފައިވާ މިންވަރެވެ. ކައުންސިލެއްގެ ދައުރާއި ދައުލަތް ހިންގުމުގެ ބާރު ކަމަށްވާ ސަރުކާރުގެ ދައުރަށް ގިނަ ފަހަރަށް ރަނގަޅަށް ބަލައިނުލެވޭ ކަމެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ރޫހަށް ދެވަނަ ދަރަޖަ ލިބި، ހުއްޓުވުމާއި ވިޔަ ނުދިނުމުގެ ރޫހު އިސްކުރެވޭ ފަރާތްތަކެއް މިކަމުގައި ޝާމިލްވުމެވެ. ނަތީޖާ އަކީ ބައެއް ކަންކަން ނުވުމެވެ. ބައެއް ކަންކަން ލަސްވުމެވެ. ބައެއް ކަންކަން ބަލައިނުގަނެވުމެވެ. ހުރިހާ ކަމެއްގެ އާޚިރު ނަތީޖާ އަކަށް ވަނީ ރައްޔިތު މީހާއަށް ލިބެން އޮންނަ ޚިދުމަތް ނުލިބުމެވެ. ނުވަތަ ލަސްވުމެވެ. ނުވަތަ ފޭރާން ދެރަވުމެވެ.

ކައުންސިލްތަކުގެ އިންތިޚާބަށް ބަލާއިރު ފާހަގަ ކުރެވޭ ވަރަށް ބޮޑު ކަމެއް އޮވެއެވެ. އެއީ އަތޮޅުތަކާއި ރަށްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކައުންސިލަރުން މާ ބޮޑަށް މަދުވުމެވެ. ބައެއް ކައުންސިލްތަކުގައި އެއްގޮތަކަށް ވެސް ނެތުމެވެ. މިހެން ވާންޖެހުނު ސަބުތަކެއް އެބަހުއްޓެވެ. އެއްކަމަކީ ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ތިބެފައި ތިން އަހަރުގެ ކުރު ދައުރަކަށް ކުރިމަތިލައި ވަޒީފާގެ ޔަގީންކަން "ނަގާލުމަށް" ބައެއް މީހުން ބޭނުން ނުވުމެވެ. އަނެއް ކަމަކީ ރައްޔިތުންގެ ވޯޓަށް ބާރު ފޯރުވޭ ވަރުގެ މީހުންގެ ރުހުން އެފަދަ ބައެއް މީހުންނަށް ނެތުމެވެ. އޭގެ ސަބަބުން އިންތިޚާބުގެ ކާމިޔާބާ މެދު ޔަގީންކަން ކުޑަވުމެވެ. މީގެ ސަބަބުން އިންތިޚާބީ ވާދައަކަށް ގޮސް ރައްޔިތުން ކަނޑައަޅާ ނިޔާއަކާ ކުރިމަތިލާން ކެރޭ ވަރަށް ޑިމޮކްރެސީ އާއި ލާމަރުކަޒީ ވިސްނުން ފައްކާވެފައި ނެތުމެވެ. މިނޫން ވެސް އެތައް ސަބަބަކެވެ. ކޮންމެ ސަބަބަކާ ހުރެ މިކަން މިހެން ވިޔަސް ތައުލީމާއި ތަޖުރިބާ ހުރި މީހުންގެ ތަޖުރިބާ އަކީ އަތޮޅުތަކާއި ރަށްތައް ހިންގުމަށް ބޭނުންތެރި އެއްޗެކެވެ. ބޭނުން ހިފާން ޖެހޭ އެއްޗެކެވެ.

މި ހުރިހައިކަމަކުން ރައްޔިތުންނަށް އަސަރުތަކެއް ކުރަމުން އެބަދެ އެވެ. މާޔޫސްވަމުން އެބަދެ އެވެ. ފޫހިވަމުން އިތުބާރު ގެއްލެމުން އެބަދެ އެވެ. ސިޔާސީ އަޑުތަކާއި ތަރައްގީގެ ވާހަކަތަކުގެ އިހުސާސް ކުޑަވަމުން އެބަދެ އެވެ. ރައްޔިތުންގެ ބައިވެރިވުން ކުޑަވަމުން ބުރަހެލި ވަމުން އެބަދެ އެވެ.

ރައްޔިތުންގެ ތެރެއިން އެއްބަޔަކު ދެކޭ ގޮތުގައި އަތޮޅުތަކާއި ރަށްތައް ހިންގުމަށް ހޮވައިފައިވާ ކައުންސިލަރުންގެ އަދަދު މާ ގިނަ އެވެ. އެ މީހުންގެ ފަރާތުން ލިބޭ ޚިދުމަތަށްވުރެ އެމީހުންގެ މުސާރައަށް ދާ ޚަރަދު ބޮޑެވެ. ނަމަވެސް އެއީ މިހިނދަށް އޮތްގޮތެވެ. ކައުންސިލްތަކުގެ ކަންކަން މިހިނދަށް ހިނގާނީ މިހާރު އޮތް ގާނޫނާ އެއްގޮތަށެވެ. ނަމަވެސް މިބާވަތުގެ ގާނޫނަކީ ރާއްޖޭގެ ތަރައްގީގެ މިސްރާބުތަކާ ގުޅިގެން، ނުވަތަ ކުރެވޭ ތަޖުރިބާތަކާ ގުޅިގެން ބަދަލުގެނެވޭނޭ، އަދި ބަދަލު ގެންނާން ޖެހޭނޭ ގާނޫނުތަކެވެ.

ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ މަޖިލީހަށް ހުށަހެޅި ފަހުން ގިނަ ބަދަލުތަކެއް އައިސްފައިވާ ގާނޫނެކެވެ. އެ ގާނޫނު ބަދަލުވެގެން ދިޔަ ގޮތުގެ ތަޖުރިބާ އަކީ ބައެއް މީހުން މަސައްކަތަށް ވަރުބަލި ކޮށްފާނެ ސަބަބެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެއަށްވުރެ ހަންބޯވެފައި ތޮށި ވަރުގަދަ ވާނެ ކަމަށް ގަބޫލު ކުރަމެވެ. އަޅުގަނޑުމެންގެ މަޖިލިސްގެ މެންބަރުން އެއަށް ވުރެ މާ އުންމީދު މަތިވެރިވެފައި މުރާލިވާނެ ކަމަށް ގަބޫލު ކުރަމެވެ.

އެހެންކަމުން ވަގުތު އޮއްވައި މިކަންކަން ހަމަ މަގަށް ގެންނާން ވެއްޖެ އެވެ. މައުލޫމާތު ދީގެންނެވެ. އޮޅުންފިލުވައިދީގެންނެވެ. ތެދުމައުލޫމާތު ދީގެންނެވެ. އޮޅުވައި ނުލައެވެ. މިހާރު ކުރެވޭ ތަޖުރިބާ ބޭނުންކޮށްގެންނެވެ. ގާނޫނުތަކަށް ބަދަލު ގެންނާން ޖެހޭނަމަ އެ ބަދަލެއް ވެސް ގެނެސްގެންނެވެ. މި ދެންނެވި ހުރިހައި ބަދަލެއް ގެނައުމާއި ނުގެނައުން، އެއަށް އަމަލު ކުރުމާއި ނުކުރުން، ލާމަރުކަޒީ އުސޫލު ކާމިޔާބު ވުމާއި ނުވުން އޮންނާނީ އެކަންކަމުގެ މައުލޫމާތު ސައްހަ ގޮތުގައި، މަގުސަދާ އެއްގޮތަށް އެންމެންނަށް ލިބިގެންނެވެ.

އިތުބާރު ކުރެވޭ ގޮތުގައި މި މައުލޫމާތު ފަތުރައި އާންމު ހޭލުންތެރިކަން އެތައް ތަނަކުން އިތުރު އިތުރުކުރާން މިވަނީ ޖެހިފަ އެވެ. މި ހޭލުންތެރިކަން އިތުރު ކުރުމުގައި ރާއްޖޭގައި ތިބި މިކަމުގެ އިލްމާއި ތަޖުރިބާ ހުރި މީހުންގެ ދައުރު ފުޅާކޮށް ވަރުގަދަ ކޮށްގެން ނޫނީ ސާފު މަގުސަދާ ހަމައަށް ދިއުމަކީ ދަތިކަމަށް ވާނެ އެވެ.

ލާމަރުކަޒީ އުސޫލުން އަތޮޅުތަކާއި ރަށްތައް ހެޔޮ ގޮތުގައި ހިންގަން އަޅުގަނޑުމެން ބޭނުން ނަމަ މި ނިޒާމުގެ ސައްހަ މައުލޫމާތު މުޅި ރައްޔިތަށް ސާފުކޮށް އޮޅުން ފިލުވައިދޭން ވެއްޖެ އެވެ. މިހިނދަށް ހުރި ގާނޫނާއި ގަވާއިދުތަކަށް ބަދަލުތައް ގެންނާން ވެއްޖެ އެވެ. ފުލުފުލުގައި އަންނާން އޮތް ދެ އިންތިޚާބުގެ ހޫނުކަމުގައި ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތު ކުޑަވެގެން ނުދަނީސް ތަޖުރިބާގެ މައްޗަށް ބިނާކޮށް މި ނިޒާމް މުރާޖިއާ ކުރުމުގެ މަސައްކަތް ފަށާން ވެއްޖެ އެވެ. މި ދެއްކި ވާހަކަތައް މިނޫން ގޮތްގޮތަށް ދެކޭ މީހުންގެ އަޑުގެ އިއްވާން ވެއްޖެ އެވެ. ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި ޚިދުމަތް ލިބިގަތުމުގެ ކާމިޔާބު މުސްތަގުބަލަކަށްޓަކަ އެވެ. ފައްކާ ވެފައިވާ ޑިމޮކްރަސީ އަކުން ރައްޔިތުން ބާރުވެރި ކުރުމަށްޓަކަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް