ފޮޓޯއިން: ކޮވިޑުގެ ހިތްދަތި އެތައް މަންޒަރެއް!

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ސިއްހީ ހިދުމަތްތެރިން.

ކުރިން ނަމަ މިކަހަލަ މަންޒަރުތައް އަހަރެމެންނަށް ފެންނަނީ ފިލްމުތަކުން ނުވަތަ ބޭރުގެ ކޮންމެވެސް ގައުމެއްގެ އިމަޖެންސީއެއްގެ ހާލަތުގަ އެވެ. އެކަމަކު މިއަދު މިއީ މި ރާއްޖޭގައި ވެސް އާންމު މަންޒަރެކެވެ. ސިއްހީ އެހީތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ދުވަހުގެ ހެދުމަކީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ޕީޕީއީ އެވެ. ހަމައެކަނި މި ހެދުންތަކުން ވެސް ބުނެދެނީ ކޮވިޑް-19ގެ ބިރުވެރިކަމެވެ.

ބައްޔަކުން ރައްކާތެރިވުމުގެ ގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހިދާނެކަމަށް، މީގެ ކުރިން އެއްވެސް ދިވެއްސެއްގެ ހިތަށް ވެސް އަރާފައެއް ނުވާނެ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަހު މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށް އަލުން
ހުޅުވިޔަސް، ބަލީގެ ނުރައްކާ ކުޑައެއްނުވެ އެވެ. ނަމާދަށް ދާއިރު މާސްކް އަޅައިގެން ތިބެން މި ޖެހެނީ، އެކަން ގަބޫލުކޮށްގެން، މި ނޫން ދުވަހެއް ދައްކަވާތޯ ދުއާކޮށްކޮށެވެ.

ކޮވިޑްގެ ބަލިމަޑުގައި ޖަމާއަތުގައި ނަމާދުކުރަން ޖެހެނީ މާސްކު އަޅައިގެން އަދި މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދުކުރުން އެތައް ދުވަހަކަށް މެދުކަނޑާލަން ޖެހުނު.

ކޮވިޑް-19 ކޮންޓްރޯލްކޮށް އޮތުމަށް ފަހު އަނެއްކާ މި އޮތީ ނުރައްކާތެރި ފައްތަރެއްގަ އެވެ. ކޭސްތައް ގިނަވެ، ފްރޮންޓްލައިންގެ މަސައްކަތްތަކަށް ވެސް ބޮޑެތި ލޮޅުންތައް އަރައިފި އެވެ. އެކަމަކު ކޮރޯނާވައިރަސްއަކީ ހަށިގަނޑުގައި އެ ހުރި ކަން ވެސް ނޭނގޭ ފަދަ ގޮތަކަށް ހަރަކާތްތެރިވާ އެއްޗަކަށް ވާތީ ރެންޑަމްކޮށް ހަދާ ޓެސްޓްތައް ވެސް ހުއްޓާލެވޭކަށް ނެތެވެ. އެހެންކަމުން ރެންޑަމް ޓެސްޓްތައް ވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ގެންދަނީ ކުރިއަށެވެ.

އެޗްއީއޯސީގެ އާރުއާރުޓީ ޓީމްގެ މެންބަރަކު މާލެ ތެރެއިން ރެންޑޮމް ސާމްޕަލެއް ކަލެކްޓްކުރުމުގައި، ކޮންމެ ދުވަހަކު އެތައް ހާސް ސާމްޕަލެއް ނަގައި ޓެސްޓްކުރޭ.

ޓޫރިސްޓުންގެ މެދުގައި ރާއްޖެ މަޝްހޫރުވެފައި އޮންނަނީ ހިމޭން ރީތި، ހިތްގައިމު ގައުމެއްގެ ގޮތުގަ އެވެ. މީގެ ކުރިން ނަމަ ޓޫރިސްޓުން މަތިންދާބޯޓުން ފައިބައި އިރުވެސް އެ ފެންނަ ހިނިތުންވުމުން އެ މީހުންގެ އުންމީދުތައް ދެނެގަނެވެ އެވެ. އެކަމަކު ކޮވިޑް-19 އިން ރަކާތެރިވާން އަޅާ ފިޔަވަޅުތަކުގައި، އެ ހިނިތުންވުމެއް ވެސް މިއަދަކު ނުފެނޭ. މިއަދު އޮތީ މޫނުމަތި އަޅައި ގައިދުރުކުރުމެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވުމާ އެކު ރާއްޖެ އައި ޓޫރިސްޓުތަކެއް ފްލައިޓުން ފައިބަނީ، ޓޫރިސްޓުންނަށް ވެސް މިއީ އުނދަގޫ ދަތުރެއް: ތިބެން ޖެހެނީ ފޭސްޝީލްޑާއި މާސްކު އަޅައިގެން.

ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ސިއްހީ ނިޒާމަށް އޮތް ގޮންޖެހުން ކުޑަކުރަން ކަހަލަ ވަގުތީ ހޮސްޕިޓަލެއް އަޅާ ހާލަތަށް ބަލިވަނީ ބޮޑުވެފަ އެވެ. ހުޅުމާލޭގައި ހަދާފައިވާ މި ފެސިލިޓީގެ މި ފޮޓޯ ނަގާފައި ވަނ ީމާލޭގައި ކޭސްތައް ގިނަ ވުމުގެ ކުރިން ނަމަވެސް، މިއަދު މިތަނުގެ 85 ޕަސެންޓް ވަނީ ފުރިފަ އެވެ. މިހާރު ދާ ގޮތުން ނަމަ، މިތަން ވެސް ވަރަށް އަވަހަށް ފުރިދާނެ. އެއީ ކުޑަ މައްސަލައެއް ނޫނެވެ. އެހެންކަމުން، ދޭތިން އެކައްޗަށް ހިފައިގެން ނަމަވެސް، އާންމުންގެ ޒިންމާއަކަށް ވާން ޖެހޭނީ ކޭސްތަކުގެ އަދަދު ތިރިކުރަން ކުރެވެން އޮތް މަސައްކަތެއް ކުރުމެވެ.

ކޮވިޑްގެ ޕޭޝަންޓަކު މަރުވުމުން، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނީ.

ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާ ވަރަކަށް، ފްރޮންޓްލައިންގެ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ގިނަ އެވެ. ދަރުބާރުގޭގައި ހުންނަ ހެލްތު އިމަނެޖްސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ)އިން ފެންނަނީ އެ މަންޒަރެވެ. އެތަނުގައި ގާއިމްކޮށްފައިވާ ތަފާތު ޑިވިޝަންތަކުގެ ވަގުތީ މުވައްޒަފުންނާއި ވޮލަންޓިއަރުން ދުވާލު ހަތަރުދަމު ބިޒީވެފައި ވަނީ، މި ބަލީގެ ކަންކަމަށެވެ. މިހާރު ކޭސްތައް ފެންނަ ނިސްބަތުން އަދިވެސް އޮތީ ގޮންޖެހުމާއި ހުރަސްތަކެވެ.

އެޗްއީއޯސީގެ ކޯލް ސެންޓަރުގައި މުވައްޒަފުން މަސައްކަތް ކުރަނީ: މިއީ އެންމެ ބުރަ އެއް މަސައްކަތް.

އެޗްއީއޯސީގައި ގާއިމްކޮށްފައިވާ އެއް ތަނަކީ ކޯލް ސެންޓަރެވެ. ކޮވިޑްް-19 ގެ އެއްވެސް އަލާމާތެއް ފެނުނަސް، ނުވަތަ ކޮވިޑް-19އަށް ސާމްޕަލް ނަގަން އައުން ލަސްވުން ފަދަ ޝަކުވާތަކަށް ވެސް ގުޅަން އޮތީ ކޯލް ސެންޓަރެވެ. މި ދުވަސްވަރު އެ ސެންޓަރުގެ ހިދުމަތްތެރިންގެ ކޮންމެ މީހަކަށް އެތައް ސަތޭކަ ކޯލަކަށް ޖަވާބު ދޭން ޖެހެ އެވެ. ހަމައެކަނި ކޯލް ސެންޓަރުން އެކަނި ވެސް ދައްކައިދެނީ ކޮވިޑްގެ ނުރައްކާތެރިކަމާއި އޮތް ގޮންޖެހުންތަކެވެ.

އެޗްއީއޯސީގެ މުވައްޒަފުން މަސައްކަތުގައި.

ސިއްހީ އެހީތެރިން މިހާ ބޮޑަށް ވަރުބަލިވި ޒަމާނެއް ރާއްޖެ ދެކެފައެއް ނުވެ އެވެ. ކޭސްތައް ދަނީ ގިނަވަމުންނެވެ. އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. ސިއްހީ ބައެއް އެހީތެރިންނަށް ރަނގަޅަށް ނުކެވި، ތިން ހަތަރު ކިލޯ ހިކިއްޖެ އެވެ. ކޮންމެ ނަރުހަކާއި ކޮންމެ ޑޮކްޓަރަކު ބަލަން ޖެހޭ ބަލިމީހުންގެ ނިސްބަތް އެތައް ތަނެއް
މައްޗަށް ހިނގައްޖެ އެވެ. ސިއްހީ ނިޒާމަށް މިހާ ބޮޑު ލޮޅުމެއް އެރުމުން، އެކަމާ މެދު އާންމުންގެ ނުވިސްނާ ނަމަ، ނުރައްކަލުން އަރައިގަނެވޭނެ ދުވަހެއް ލަފާކުރަން ވެސް އުނދަގުލެވެ.

ކޮވިޑްގެ ބަލި މީހަކަށް އައިސީޔޫގައި ފަރުވާދެނީ.

ކޮވިޑް-19ގެ މި ބަލިމީހާއަށް ފަރުވާދެމުން އެދަނީ ވެންޓިލޭޓަރުގަ އެވެ. މިއީ ކޮވިޑް-19ގެ އެންމެ ހިތްދަތި ހާލަތެވެ. މިހާރު ވެސް ތިން މީހަކު ގެންދަނީ ވެންޓިލޭޓަރުގައި މަރާ ހަނގުރާމަކުރަމުންނެވެ. އަށް މީހަކު އައިސީޔޫގައި އެބަ އޮތެވެ. މިހާތަނަށް 29 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ. މިއީ ރާއްޖޭގެ ނިސްބަތުން ބޮޑެތި އަދަދުތަކެވެ. އާންމުން މިކަމާ މެދު ނުވިސްނައިފި ނަމަ، ގެއްލޭ ފުރާނަތަކުގެ އަދަދު ވެސް ދާނީ މައްޗަށެވެ.

ކޮވިޑްގެ ބަލި މީހެއްގެ ޖަނާޒާ ކުރިއަށް ގެންދަނީ.

ފުރާނަ އަކީ އަނބުރާ ލިބޭ އެއްޗެއް ނޫނެވެ. މީހެއްގެ މަރަކީ އެތައް ބައެއްގެ ލޯބި، މުޅި އުމުރަށް ވަކިވެ ދިއުމެވެ. އެކަމަކު މި ގޮތަށް ސަންދޯއްއުފުލަން ޖެހޭ ވަރަށް ކޮވިޑް-19 ވަނީ ރާއްޖޭގައި ފެތުރިފަ އެވެ. މީގެ ކޮންމެ ޖަނާޒާއަކާ އެކު ދިވެހި އެތައް އާއިލާއެއްގެ ރުއިމުގެ އަޑު ވަނީ ގަދަވެފަ އެވެ. މި ކަރުނައިން މުޖުތަމައު ސަލާމަތްކުރަން، ކެތްތެރިކަމާ އެކު މަސައްކަތްނުކޮށް ވާކަށް ނެތެވެ. މި ހިތްދަތިކަން މާޒީއަށް ދޫކޮށްލެވެން އޮތީ، އެންމެން ވެސް ކޮވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅުތައް އަޅައިގެންނެވެ.

comment ކޮމެންޓް