ޑިސެމްބަރުން ފެށިގެން އިތުރު ފީއަކާ ނުލާ މުލާން ބެލޭނެ

މުލާން ފިލްމުން މަންޒަރެއް ---

ޑިޒްނީގެ އެނިމޭޓެޑް ފިލްމު "މުލާން"ގެ ލައިވް އެކްޝަން ސިނަމާތަކަށް ނެރުމުގެ ބަދަލުގައި ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އަށް ނެރޭއިރު ޑިސެމްބަރު މަހަށް ފަހު އިތުރު ފީއަކާ ނުލާ އެ ސާވިސް މެދުވެރިކޮށް ބެލޭނެ ކަމަށް ޑިޒްނީއިން ބުނެފިއެވެ.

ޑިޒްނީއިން ބުނެފައިވަނީ އެކުންފުނީގެ ސްޓްރީމިން ސާވިސްއަށް މުލާން ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އެ ފިލްމު، ޑިޒްނީ ޕްލަސް މެދުވެރިކޮށް ގަންނަން ލިބޭނެ ކަމަށާއި އެ ފިލްމު ގަންނަން ލިބޭނެ އަގަކީ 29.99 ޑޮލަރަށް ކަމަށް އެ ިބުނެއެވެ.

މަހަކު 6.99 ޑޮލަރު ދެއްކުމުން އެ ޕްލެޓްފޯމުގައި ހުރި ހުރިހާ ކޮންޓެންޓެއް ބެލޭނެ އެވެ. އެހެންނަމަވެސް އެ ފަރާތްތައްވެސް މުލާން ބަލަން ބޭނުންވާ ނަމަ ޖެހޭނީ ފިލްމު ވަކީން ކުއްޔަށް ނަގާށެވެ.

ޑިޒްނީއިން ބުނެފައިވަނީ ޑިސެމްބަރު މަހުން ފެށިގެން ސަަބްސްކްރިޕްޝަން ފީގެ އިތުރުން އިތުރު ފީއަކާ ނުލާ މުލާން އެ ޕްލެޓްފޯމުން ބެލޭނެ ކަމަށެވެ.

މިހާރު ފެތުރެމުންދާ "ކޮވިޑް-19" އާ ގުޅިގެން ދުނިޔޭގެ ސިނަމާތައް ބަންދުކޮށްފައި ހުރުމުން މިއަހަރު އަޅުވަންހުރި އެތައް ފިލްމެއް ދަނީ ފަސްކުރަމުންނެވެ.

ޑިޒްނީއިން ބޮޑު ހަރަދެއް ކޮށްގެން ސިނަމާއަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމެއް އެކުންފުނީގެ ސްޓްރީމިން ސާވިސްއަށް ނެރުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރު ކުރީކޮޅުގައި އެޅުވުމަށް ނިންމާފައި އޮތް "އާޓެމިސް ފައުލް" ނަމަކަށް ކިޔާ ފިލްމުވެސް ޑިޒްނީއިން ވަނީ ކޮވިޑް-19 އާ ގުޅިގެން ޑިޒްނީ ޕްލަސްއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް