ތުރުކީގައި ހުންނަ އައިއެސްގެ ކޮމާންޑަރު ހައްޔަރުކޮށްފި

ތުރުކީގައި ހަރަކާތްތެރިވާ އައިއެސްގެ ކޮމާންޑަރު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުން ބުނޭ -- ފޮޓޯ: ގެޓީ

އަންކާރާ/ބީބީސީ (ސެޕްޓެމްބަރު 2): ތުރުކީގައި ހުންނަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ކޮމާންޑަރު ހައްޔަރުކޮށްފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލެއިމާން ސޯލޫ ވިދާޅުވި ގޮތުގައި އެގައުމުގެ އަދަނާ ޕްރޮވިންސުން ހައްޔަރު ކުރި މަހުމޫތު އޮޒްދެން އަކީ 12 ވަރަކަށް މީހުންގެ ގުރޫޕުތަކާ އެކު ޓެރަރިސްޓު ހަމަލާތަކެއް ދޭން ރާވައިގެން އުޅުނު މީހެކެވެ. އަދި ތުރުކީގައި ހަމަލާ ދިނުމަށް އިރާގާއި ސީރިއާގައި ތިބޭ އައިއެސްގެ ގޮފިތަކުން އޭނާއަށް އަމުރު ކުރަމުން ދިޔަ ކަމަށް ސޯލޫ ވިދާޅުވި އެވެ.

ތުރުކީގެ ޑެއިލީ ސަބާހް ނޫހުގައިވާ ގޮތުން އޮޒްދެން ހައްޔަރު ކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނުން އެނގުނު ގޮތުގައި އޭނާ ދިޔައީ އެގައުމުގެ ސިޔާސީ އޮފިޝަލުންތަކެއް ރަހީނު ކުރަން ރާވަމުންނެވެ. އަދި އެ ރޭވުންތަކާ ގުޅުން ހުރި ކޮމްޕިއުޓަރުތަކާއި ލިޔެކިޔުންތަކާއި ހަތިޔާރު ވެސް ފުލުހުން ހޯދާފައިވެ އެވެ.

ސޯލޫ ވިދާޅުވި ގޮތުގައި ތުރުކީގައި ހަރަކާތްތެރިވާ އިތުރު އައިއެސްގެ މެމްބަރުން ހޯދުމަށް އަދި ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އައިއެސް އިން ތުރުކީގައި ހަރަކާތްތެރިވާކަން 2019 ވަނަ އަހަރު އެ ޖަމާއަތުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އޭގެ ފަހުން އެ ޖަމާއަތުން ޒިންމާވާ ކަމަށް ބުނާ ހަމަލާތަކުގެ ތެރޭގައި 2017 ވަނަ އަހަރުގެ ފުރަތަމަ ދުވަހު އިސްތަންބޫލްގެ ނައިޓްކްލަބެއްގައި ދިން ހަމަލާ ހިމެނެ އެވެ. އެ ހަމަލާގައި 39 މީހަކު މަރުވެ، 79 މީހަކަށް އަނިޔާވި އެވެ.

comment ކޮމެންޓް