ކޮރަޕްޝަނުގެ ތުހުމަތާ ހެދި ސައުދީ ކޯލިޝަން ފައުޖުތަކުގެ ކޮމާންޑަރު މަގާމުން ދުރުކޮށްފި

ސައުދީ ރަސްގެފާނު ވަނީ ކޯލިޝަން ފައުޖުތަކުގެ ކޮމާންޑަރު ކަމުން ޕްރިންސް ފަހުދު ބިން ތުރުކީ ބިން އަބްދުލްއަޒީޒު އަލް ސައުދު (ކ) ދުރު ކުރައްވާފަ -- ފޮޓޯ: އޭއެފްޕީ

ރިޔާޒް (ސެޕްޓެމްބަރު 1): ޔަމަނުގައި ހަނގުރާމަ ކުރަމުންދާ ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަން ފައުޖުތަކުގެ ކޮމާންޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރުމާ ގުޅިގެން ސައުދީ ރަސްގެފާނު އޭނާ މަގާމުން ދުރުކުރައްވައިފި އެވެ.

ސަލްމާން ރަސްގެފާނު މިއަދު ނެރުއްވި އަމުރެއްގައިވާ ގޮތުން ކޯލިޝަން ފައުޖުތަކުގެ ކޮމާންޑަރު ޕްރިންސް ފަހުދު ބިން ތުރުކީ ބިން އަބްދުލްއަޒީޒު އަލް ސައުދު ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި އެ މަގާމަށް މިހާރު ވަނީ ލެފްޓެނެންޓް ޖެނެރަލް މުތުލަގު ބިން ސާލިމް ބިން މުތުލަގު އަލް އާޒިމާ އައްޔަންކޮށްފަ އެވެ.

މީގެ އިތުރުން އެގައުމުގެ އަލް ޖައުފް ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް އަބްދުލްއަޒީޒު ބިން ފަހުދުވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ރަސްގެފާނު އެފަދައިން ނިންމެވީ ސައުދީ ޑިފެންސް މިނިސްޓްރީގައި "ޝައްކު އުފެދޭ ފަދަ މާލީ މުއާމަލާތްތަކެއް" ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޓީން އެމައްސަލަ ބަލަން ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެންގެވި ފަހުންނެވެ. އަދި އެ ދެ ބޭފުޅުންގެ އިތުރުން ސައުދީ އަސްކަރިއްޔާގެ ހަތަރު އޮފިޝަލެއްގެ ތަހުގީގުތައްވެސް ވަނީ ފަށާފަ އެވެ.

މުހައްމަދު ބިން ސަލްމާން، ވަލީއަހުދު ކަމަށް ވަޑައިގެންނެވި ފަހުން އޭނާ ވަނީ ސަރުކާރުގައި ކޮރަޕްޝަން ނައްތާލުމަށް ކަމަށް ވިދާޅުވެ ހާއްސަ ކެމްޕޭނެއް ފައްޓަވާފަ އެވެ. އެގޮތުން 2017 ވަނަ އަހަރު އެ ކެމްޕެއިންގެ ދަށުން ކުރެއްވި މަސައްކަތްތަކުގައި 200އަށް ވުރެ ގިނަ އަމީރުންނާއި ވިޔަފާރިވެރިންނާއި މިނިސްޓަރުން ހައްޔަރު ކުރި އެވެ.

ސައުދީން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ އެންޓި ކޮރަޕްޝަން ކެމްޕެއިން ނިންމާލާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކެމްޕެއިންގެ ދަށުން ދައުލަތަށް ނަގާފައިވާ ފައިސާ އާއި މުދަލުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން މިދިޔަ މާޗް މަހު ސައުދީން ވަނީ ސިފައިންނާއި ސަރުކާރުގެ އޮފިޝަލުން ހިމެނޭ ގޮތަށް 300 މީހަކު ރިޝްވަތާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގައި ހައްޔަރުކޮށްފަ އެވެ. އޭރު ސަލްމާން ރަސްގެފާނުގެ ކޮއްކޯފުޅު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒާއި ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފު އާއި އޭނާގެ ކޮއްކޯފުޅު ނަވާފް ބިން ނާއިފު ވެސް ހައްޔަރު ކުރި ކަމަށް ނިއު ޔޯކް ޓައިމްސް އާއި ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓު ކުރި އެވެ.

ޔަމަނުގައި މީގެ ކުރިން އޮތް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރު ހޫޘީ ހަނގުރާމަވެރިން ވައްޓާލުމާ ގުޅިގެން އެސަރުކާރު އިޔާދަކުރުމަށް ސައުދީ އަރަބިއާ އިސްވެ އޮންނަ ކޯލިޝަނަކުން ޔަމަނަށް ހަމަލާދޭން ފެށީ 2015 ވަނަ އަހަރެވެ. އެ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެތައް ހާސް މީހުން މަރުވެ، އާބާދީގެ ބޮޑު ބައެއް ވަނީ ބަނޑަށް ޖެހިފަ އެވެ.

comment ކޮމެންޓް