ފުލުހުންގެ މަސައްކަތުން ކުރިން އޮތް ލޭއޮހޮރުވުމާއި ތަޅާފޮޅުން ހުއްޓުވިއްޖެ: އިމްރާން

ޖުލައި 5، 2020: ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސީޕީ މުހައްމަދު ހަމީދާ އެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ސަރުކާރުގައި ފުލުހުން ކުރި މަސައްކަތުން ކުރިން އޮތް ލޭ އޮހޮރުވުމާއި ތަޅާފޮޅުން ފަދަ ގިނަ ކަންކަން ހުއްޓުވިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި ފުލުހުންގެ ސްޓޭޝަން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިހާތަނަށް މި ސަރުކާރުގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އަމަން އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކޮށްދީފައިވާ މަސައްކަތަކީ ވަރަށް އުފަލާ އެކު ބަލައިގަންނަ މަސައްކަތެއް ކަމަށެވެ.

ފުލުހުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވެ، ކުރިން އޮތް ލޭ އޮހޮރުވުމާއި ތަޅާފޮޅުން ފަދަ ކަންކަން ހުއްޓުވާލެވިއްޖެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެ މިދިޔަ 17 ވަރަކަށް މަސް ދުވަހު އާންމުގޮތެއްގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެ، ކުރިން ލޭ އޮހޮރުވުމާއި ތަޅާފޮޅުން ފަދަ ގިނަ ކަންކަން ހުއްޓުވާލެވިފައިވޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ސަރުކާރުން ފުލުހުންނާ މެދު ވަރަށް މަތީ އުންމީދުތަކެއް ކުރާ ކަމަށެވެ. ފުލުހުންގެ ހިދުމަތް ފުރިހަމަކޮށް، ފުލުހުންނަށް ދޭން ޖެހޭ ވަސީލަތްތައް ދިނުމަކީ މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ އިތުބާރު ފުލުހުންގެ މުއައްސަސާއަށް ހޯދުމާ މެދު ވެސް މިއަދު އިމްރާން ވާހަކަ ދެއްކެވި އެވެ. ފުލުހުންނަކީ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމު ލިބިގެންވާ ބަޔަކަށް ވުން އެދޭ ކަމަށާއި އެކަން ހާސިލު ކުރުމަށް ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސިފަ ފުރިހަމަ ކުރުމަށް ޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތް ހިމާޔަތް ކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް،" އިމްރާން ވިދާޅުވި އެވެ.

އެންމެ ފުލުހެއް ނުވަތަ މަދު ފުލުހުންތަކެއް ކުރާ ކަމެއްގެ ސަަބަބުން ރައްޔިތުންގެ މެދުގައި ފުލުހުންގެ މުއައްސަސާއާ މެދު ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން އުފެދުމަކީ ހިތާމަ ކުރާ ކަމެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ފުލުހުންގެ ތެރެއިން އެއް ފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުންކޮޅެއް ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ހިތްހަމަނުޖެހުން އުފެދިގެން ދިޔުން އެއީ އަޅުގަނޑު ހިތުން އެންމެން ހިތާމަ ކުރާ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

އޭނާ އިލްތިމާސް ކުރެއްވީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ހޯދުމަށް ހުރިހާ ފުލުހުން ވެސް ފަރުދީ ޒިންމާ އަދާ ކުރުމަށެވެ.

"އެހެންކަމުން ފުލުހުންގެ މި މުހިންމު ދުވަހުގައި އަޅުގަނޑު ހަމަ ހުރިހާ ފުލުހުންނަށް އިލްތިމާސް ކުރަން ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމަށް ޓަކައި މި މުއައްސަސާގެ ޝަރަފަށް ޓަކައި ކޮންމެ ފަރުދެއްމެ އެ ފަރުދެއްގެ ޒިންމާ އަދާ ކުރައްވާށޭ."

comment ކޮމެންޓް