ފްލަޝްކުރަން އުނދަގުވެގެން ބެލިއިރު ހުސް ހަރުފަ

އޮސްޓްރޭލިއާގެ އަންހެނެއްގެ ގޭގެ ފާހާނައިގެ ޓޭންކުން ފެނިފައިވާ ހަރުފަތައް --- ފޮޓޯ : ސީއެންއެން

އޮސްޓްރޭލިއާގެ ނޯތު ކުއީންސްލޭންޑްގައި ދިރިއުޅޭ އަންހެނެއް އޭނާގެ ގޭގެ ފާހާނަ ފްލަޝްކުރަން އުނދަގުވެގެން ބެލިއިރު ޓޭންކުން ހަތަރު ހަރުފަ ފެނިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ސޯފީ ޕިއާސަން ދާދި ފަހުން ފާހާނައަށް ގޮސް އެ ފްލަޝްކުރަން އުޅުމުން ފެން ނައިސް ހުރި ކަމަށް ބުންޏެވެ.

"އަހަރެން ހުރީ ފުރަތަމަ ވާނުވާ ނޭނގިފައި. ދެން ވިސްނީ ޓޭންކް ހުޅުވާފައި ބަލާލަން ޖެހިފައި ހުރި މައްސަލައެއް،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެ ޓޭންކު ތެރޭގައި ހަތަރު ހަރުފަ އޮތް ކަމަށެވެ. އެއީ "ކޮމަން ޓްރީ ސްނޭކް" ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވާއިރު އެއިން ކޮންމެ ހަރުފައެއްގެ ދިގުމިން ތިން ފޫޓަށް ވުރެ މަތީގައި ހުންނާނެ ކަމަށް ސޯފީ ބުންޏެވެ.

ކޮމަން ޓްރީ ސްނޭކް އަކީ އާންމުކޮށް ބޮއް ފަދަ ތަކެތި ކައި އުޅޭ ހަރުފައެކެވެ. އެ ހަރުފައަކީ ވިހަގަދަ އެއްޗެއް ނޫން ކަމަށް ކުއީންސްލޭންޑްގެ ޑިޕާޓްމެންޓް އޮފް އެންވަޔަރަންމެންޓް އިން ވަނީ ބުނެފަ އެވެ.

ސޯފީ ބުނި ގޮތުގައި މިއީ އޭނާއަށް އެފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން މީގެ މަހެއް ކުރީން ވެސް އޭނާގެ ފާހާނައިގެ ތެރެއިން ވަނީ އޭގެ ހަރުފައެއް ފެނިފަ އެވެ. -- ސީއެންއެން

comment ކޮމެންޓް