ކޮމަންވެލްތް ގޭމްސްގައި އަލުން ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ދީފި

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ މެމްބަރުކަން އަލުން އަނބުރާ ރާއްޖެއަށް ދީފި އެވެ. އެ ނިންމުމާ އެކު، ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

އެ ޖަމާއަތުން އެކަން އަންގާފައި ވަނީ، އެ އިދާރައިގެ ރައީސް ލޮއިސް މާޓިން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އައި ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ އެންމެ ރަނުގެ ފުުރުސަތެވެ. އަދި އެ ދެ ގޭމްސްއާ އެކު ލިބޭ ތަމްރީން ފުރުސަތުތަކުގެ ބޭނުން އެތުލީޓުންނަށް ނުހަނު ބޮޑެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުން ދިވެހި ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ އެކު އެ ފުރުސަތުތައް ގެއްލުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައިސް ކުރެއްވި ވައުދުފުޅުތަކުގެ ތެރެއިން ކޮމަންވެލްތުގެ މެމްބަރަކަށް ރާއްޖެ އަލުން ވެފައިވާ އިރު ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) މެމްބަރުކަން ލިބިފައިވާކަން ރައީސް މިއަދު ވަނީ އިއުލާން ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

"މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ނުހަނު އުފާވެރި ދުވަހެއް. ރާއްޖެ އަލުން ކޮމަންވެލްތުގެ ފެޑެރޭޝަނުން ޖާގަ ހޯދުމަށް ހުށައެޅި ރި-އެޑްމިޓް ގަބޫލުކޮށްފައިވާކަން އެ ފެޑެރޭޝަންގެ ރައީސް ވަނީ ސިޓީއަކުން އަންގަވާފަ. ރާއްޖެ އަލުން އަނބުރާ މި ފެޑެރޭޝަނަށް ވައްދަން ވޯޓު ލީ ހުރިހާ ގައުމުތަކަށް ޝުކުރު އަދާކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މެންދުރު ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އަށާރަ ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި ހަތަރު ހާހެއްހާ އެތުލީޓުން ބައިވެރިވެ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ، މި ފުރުސަތު އަލުން ރާއްޖެއަށް ލިބުނީތީ އުފާކުރައްވާ ކަމަށާއި، މިކަން ކާމިޔާބު ކުރުމަށް މެމްބަރު ގައުމުތަކުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ. އަދި 2022 ވަނަ އަހަރު އޮންނަ ގޭމްސްއަށް ތައްޔާރުވާނެ ކަމަށާއި، މިއީ ރާއްޖޭގެ އެތުލީޓުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް