ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ކޮންމެ ގައުމަކަށް ވެސް ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ކުރިއަށްދިޔަ އެގްޒެކެޓިވް ސެޝަން ދޭއްގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ، ޖަމިއްޔާގެ ގައުމުތަކުގެ މެދުގައި ވިލުންތެރި ބައިވެރިވުންތަކަކަށް މަގުފަހިކޮށްދިނުމަށްޓަކައި މުހިންމު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ތިން ކަމަކީ، މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، އިސްނަގައިގެން މަސައްކަތްކުރުމަށް މީހުން ބާރުވެރިކުރުވުމުގެ އިތުރުން ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން އަށަގެންނެވުމާއި، ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެންމެން ގުޅިގެން އަމަލީ މަސައްކަތްތަކެއް ކުރުމެވެ.
https://x.com/presidencymv/status/2117902808687292449
ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ، ވަގުތީ ބޭނުންތަކުގެ އިތުރުން ދެމެހެއްޓެނިވިގޮތެއްގައި ގާބިލުކަން އިތުރުކުރުމާއި އެއްބާރުލުން ދިނުމުގައި ޤައުމީ މަސްލަހަތުތަކަށް އިހުތިރާމްކުރެވި، ކޮންމެ މެންބަރު ޤައުމަކަށްވެސް އެ ޤައުމެއްގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ތަޖުރިބާ ހިއްސާކޮށް، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދީ، ގުޅިގެން ހައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
މީގެ އިތުރުން، ކޮމަންވެލްތު ވަރުގަދަވުމަކީ ޤައުމުތަކުގެ އަމިއްލަ ބާރާއި ގާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާޢަތަކަށް ކޮމަންވެލްތުވުން ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވަނީ، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒުތައް ތަކުރާރުކުރައްވާފައެވެ. އަދި، 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީޑީޕީގެ 15 އިންސައްތައަށް ހެދުމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ބައެއްކަން ބަޔާންކުރައްވަމުން، ޤައުމީ ތަރައްގީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ހައްގުވާ ބަޔަކީ ރައްޔިތުން ކަމަށާއި ވަކީން ޚާއްސަކޮށް ޒުވާނުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޒުވާނުންނަށް ހުނަރާއި ޢިލްމާއި، ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރެވޭ ވުނަކުރުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭރުން އަންނަ ގޮންޖެހުންތައް، ޚާއްސަކޮށް ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިގުތިޞާދީ ނުރައްކާތަކުގެ ސަބަބުން ދުރުރާސްތާގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ވުނަކުރުމަށް ޤައުމުތަކަށް އޮތް ފުރުސަތު ހަނިވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ޤައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ފާގަތި އަދި ތަނަވަސް ކޮމަންވެލްތެއް ބިނާކުރުމަށްޓަކައި، ބައިވެރިވުންތަކާއި އިންވެސްޓްމަންޓްތައް އިތުރަށް ހަރުދަނާކޮށް ހަލުއިކުރުން" މި ތީމުގެ ދަށުން ބޭއްވުނު މި އަހަރުގެ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ކުރިއަށްގޮސްފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މި ބައްދަލުމުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގެންފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހެވެ.