މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ޕޮގްބާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑްގެ ފްރެންޗް ފޯވާޑް ޕައުލް ޕޮގްބާ -- ފޮޓޯ: ގެޓީ

މެންޗެސްޓާ ޔުނައިޓެޑްގެ ހުނަރުވެރި މިޑްފީލްޑަރު ޕޯލް ޕޮގްބާ ކޮވިޑަށް ޕޮޒިޓިވް ވުމުން އަންނަ މަހު ފްރާންސުން ނޭޝަންސް ލީގުގައި ކުޅެން އޮތް މެޗުތަކުގެ ސްކޮޑުން ބާކީ ކޮށްފި އެވެ.

ޕޮގްބާ 27، ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްޕް މިއަދު ހާމަކޮށްފައިވަނީ އަންނަ މަހު އެ ޓީމުން ކުޅެން އޮތް މެޗުތަކުގައި ވާދަކުރާ ސްކޮޑު އިއުލާން ކުރުމަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޕޮގްބާގެ އިތުރުން ފްރާންސްގެ އިތުރު ކުޅުންތެރިއަކު ވެސް ކޮވިޑަށް ޕޮޒިޓިވްކަން ކޯޗު ހާމަކޮށްފައިވާ އިރު އެ ކުޅުންތެރިއަކީ ޓޮޓަންހަމަށް ކުޅެމުން އަންނަ ޓެންގުއޭ އެންޑޮމްބަލޭ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

ޑިޝޯމްޕް ބުނީ މިއަދާ ހަމައަށް ވެސް ޕޮގްބާގެ ނަން ސްކޮޑުގައި ހިމަނާފައިވާކަމަށާއި، އޭނާ ޕޮޒިޓިވްކަން އިނގުނީ އިއްޔެ ހެދި ޓެސްޓްގެ ނަތީޖާ މިއަދު އައުމުން ކަމަށެވެ. އަދި ޕޮގްބާގެ ބަދަލުގައި މިހާރު ޓީމުގައި ހިމަނާފައިވަނީ ފްރާންސްގެ ރެނެސްއަށް ކުޅެމުން އަންނަ މިޑްފީލްޑަރު އެޑުއާޑާ ކަމަވިންގާ ކަމަށް ޑިޝޯމްޕް ވަނީ ބުނެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ޕޮގްބާ ވަނީ ނިމިދިޔަ ސީޒަނުގައި ޔުނައިޓެޑަށް މުހިއްމު މެޗުތަކެއް ކާމިޔާބުކޮށްދީ އެ ޓީމު ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވުމާ އެކު މިހާރު އޭނާ ހުރީ 14 ދުވަހުގެ އައިސޮލޭޝަނުގަ އެވެ.

ޔޫއެފާއިން އިންތިޒާމުކޮށްގެން ބާއްވާ ނޭޝަންސް ކަޕުގެ މެޗުތައް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އިރު ފްރާންސް ބައްދަލު ކުރާ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ސޮލްނާއާ ދެކޮޅަށެވެ. އެއަށްފަހު އަށްވަނަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނަން ޖެހޭނެ އެވެ.

comment ކޮމެންޓް