ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކުރެއްވީ އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް މައުމޫން ކޮވިޑަށް ޓެސްޓުކުރެއްވީ ރެއިން ފެށިގެން ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މިއަދު ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ވަޑައިގެންފަ އެވެ.
"ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މީގެ ދެ ގަޑިއެއްހާ އިރު ކުރިން އެމަނިކުފާނު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވަމުންނެވެ.
ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންކަމުން ރައީސް މައުމޫނަކީ ކޮވިޑް ބަލީގެ ހައިރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ނަމަވެސް، އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު، މިހާތަނަށް ޖުމްލަ 7,047 މީހަކަށް ރާއްޖޭގައި ވަނީ އެބަލި ޖެހިފަ އެވެ. ރާއްޖެ އިން ބަލި ޖެހިގެން 28 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.