މާސްކު ނާޅައިގެން ޖޫރިމަނާކުރި މީހުންގެ ޖުމުލަ އަދަދު ހާހުން މައްޗަށް

އޮގަސްޓު 23، 2020: މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރުން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ކޮވިޑާ ގުޅިގެން ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅަން މަޖުބޫރުކުރި އެންގުމާ ހިލާފުވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 1010އަށް އަރައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާސްކު ނާޅައިގެން މިހާތަނަށް ޖުމުލަ 1010 މީހަކު ޖޫރިމަނާކޮށް، 2637 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން 56 މީހަކަށް ނަސޭހަތްތެރިވެ، 29 މީހަކު ޖޫރިމަނާކޮށްފައިވަނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން ހިނގި 24 ގަޑިއިރުގެ ތެރޭގަ އެވެ.

މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ކާފިއު އިއުލާނުކޮށްފައިވާ ވަގުތުގައި ބޭރުގައި އުޅެގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 97 މީހަކަށް ނަސޭހަތްތެރިވެ، 52 މީހުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާސްކު ނާޅައި އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އެކަން ތަކުރާރު ކުރާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

މީގެ އިތުރުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާކޮށް މިވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

ހަމައެއާއެކު ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. މި އެންގުމާ ހިލާފުވާނަމަވެސް ހަމަ އެއް އުސޫލެއްގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.

ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 7،047 އެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،580 މީހުންނެވެ. ޖުމްލަ 4،439 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މިހާތަނަށް މި ބަލީގައި 28 މީހަކު ރާއްޖޭގައި ވަނި މަރުވެފައެވެ.

comment ކޮމެންޓް