އުމުރުފުޅުން 82 އަހަރުގައި ހުންނެވި، ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ކޮވިޑް19 ޖެހިއްޖެ އެވެ.
އެމަނިކުފާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ރައީސް މައުމޫން ވިދާޅުވީ ކޮވިޑް-19 އަށް އެމަނިކުފާނު ކުރެއްވި ޓެސްޓް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ރައީސް މައުމޫން ވަނީ، އެމަނިކުފާނުގެ އިތުރުން ކޮވިޑް ބަލި ޖެހިފައިވާ އެންމެނަށް އަވަސް ޝިފާއަކަށާއި ފުރިހަމަ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް މައުމޫން ކޮވިޑަށް ޓެސްޓުކުރެއްވީ ރެއިން ފެށިގެން ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ މިއަދު ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ވަޑައިގެންފަ އެވެ.
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވަމުންނެވެ.
ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންކަމުން ރައީސް މައުމޫނަކީ ކޮވިޑް ބަލީގެ ހައިރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ނަމަވެސް، އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު، މިހާތަނަށް ޖުމްލަ 7,047 މީހަކަށް ރާއްޖޭގައި ވަނީ އެބަލި ޖެހިފަ އެވެ. ރާއްޖެއިން ބަލި ޖެހިގެން 28 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.