ކޮވީޑް19އިން ރައްކާތެރިވުމަށް ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކަކީ، ވައްކަމެއް ނޫން ކަމަށާއި އެ އިދާރާގެ ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރީ އިހުލާސްތެރިކަމާއެކު ކަމަށް މިނިސްޓްރީގެ މަސައްކަތްތަކުން މިވަގުތު އަމިއްލަފުޅަށް އެކަހެރިވެގެން ހުންނެވި ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެ އެވެ.
ހެލްތް މިނިސްޓްރީން ކޮވިޑަށް ކުރި ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓް އޮފިހުން ތައްޔާރު ކުރި އޮޑިޓް ރިޕޯޓާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހެލްތް މިނިސްޓްރީގެ އިސްވެރިން ހާޒިރު ކުރި އެވެ.
ބޮޑެތި މަކަރާ ހީލަތްތައް ހަދާފައިވާ ކަމަށް ފެންމަތިވެގެން ދިޔަ އެ ރިޕޯޓުގައި އެގޮތަށް އޮތް ނަމަވެސް، ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، އޭނާ އަށް ގަބޫލު ކުރެވޭ ގޮތުގައި މިނިސްޓްރީން މަސައްކަތް ކޮށްފައިވަނީ ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށާއި މަސައްކަތްކޮށްފައިވަނީ އޭރު ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ކުރަން ޖެހުނު ކަންތައްތަކެއް ކުރުމަށް ކަމަށެވެ.
"އަޅުގަނޑަށް ލިބިފައި ހުރި މައުލޫމަތުތަކަށް ބަލާއިރު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތްކޮށްފައި ވަނީ، ނާޖާއިޒު ފައިދަ ހޯދުމަށާއި ކޮޮރަޕްޝަނަށް މަގުފަހިވުމަށާ އަދި ވައްކަމުގެ ކަމެއް ކުރުމަށް ނޫން ކަމަށް އަޅުގަނޑަށް ބްރީފްވެފައިވޭ. އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން އެބޭފުޅުން މަސައްކަތްކޮށްފައި ވަނީ ނާޖާއިޒް ފައިދާއެއް ހޯދުމަށް އަދި މިފަދަ ނިޔަތެއް އޮވެގެން ކަމަށް،" މިނިސްޓްރީއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފަދަ ނިޔަތެއް ނެތް ނަމަވެސް، އޭރުގެ ހާލަތަށް ބަލައި ބައެއް އިޖުރާއަތްތައް މުޅިން ރަނގަޅަށް ފުރިހަމަކޮށްފައި ހުރި ކަމަށް ދަންނަވަން މިހާރު ދަތި ކަމަށެވެ.
"މިކަން ކުރުމުގެ ތެރޭގައި އިދާރީ ގޮތުންނާއި އިިޖުރާރީ ގޮތުން މައްސަލަތަކެއް ނުުހުންނާނެއޭ ބުނަން އަޅުގަނޑަށް ކަށަވަރެއް ނޫން،" އަމީން ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓުން ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ކޮވިޑް ޖެހިގެން ހާލު ސީރިސްްވާ މީހުންނަށް ފަރުވާކުރުމަށް ރާއްޖެ ގެނައުމަށް ތިން ކުންފުންޏާކާ ހަވާލު ކުރި ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އެންމެ ބޮޑަށް އޮޅުވާލާފައި ވަނީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމުގައި ހިންގި މުއާމަލާތް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.
މީގެ ކުރިން ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދުބާއީ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އެވެ. އެހެން ނަމަވެސް އޮޑިޓް ރިޕޯޓުގައި އެކަން ދޮގު ކުރެ އެވެ.
އެވާހަކަތަކަށް ޖަވާބު ދެއްވައި އަމީން ވިދާޅުވީ، އެންމެ ފުރަތަމަ ވެންޓިލޭޓަރު ގެނައުމަށް ދިވެހި ދެ ކުންފުންޏަކާ ހަވާކުރި ނަމަވެސް، އެ ކުންފުނިތަކަށްވެސް އެ ވެންޓިލޭޓަރުތައް ނުގެނެވިގެން ސަރުކާރުގެ އަމާޒަކަށްވީ ވީހާވެސް އަވަހަކަށް ވެންޓިލޭޓަރުތައް ގެނައުން ކަމަށެވެ. އެގޮތުން އެތަށް ފުރާނައެއް ގެއްލުމުގެ ބިރު ހީވެފައި އޮތުމުން ވީހާވެސް އަވަހަކަށް ވެންޓިލޭޓަރު ހޯދުމަށް މިނިސްޓްރީން މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެގޮތުން އަޅުގަނޑު ސިދާ ޑަބްލިއެޗްއޯގެ ރާއްޖޭގެ ކަންޓްރީ އޮފީހުގެ މަންދޫބަކާ ވާހަކަ ދެއްކިން. އަޅުގަނޑު ދެންނެވިން ވެންޓިލޭޓަރު ހޯދުމުގައި ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެގެންނޭ މިއުޅޭނީ. އެކަން ކުރުމަށް އެއްވެސް މައުލޫމާތެއް ހުރި ނަމަ އެކަން ހިއްސާކޮށްދިނުމަށް،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި އޭގެ ދެތިން ދުވަސް ފަހުން އެ މަންދޫބު ވެންޓިލޭޓަރު ހޯދުމަށްޓަކައި "ނަމަކާއި ކޮންޓެކްޓް ނަންްބަރެއް ދެއްވި އެވެ. އަދި އެ މަންދޫބާއެކު ކުރެވެނީ އަމިއްލަ މުއާމަލާތެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެއީ މިނިސްޓަރު ކަމުގެ މަގާމުގެ ރަސްމީ ހައިސިއްޔަތު ރާއްޖެއަށް ދިމާޥެފައިވާ ސިއްހީ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވުނު މުއާމަލާތެއް ކަމަަށެވެ.
"އެ ހިސާބުން އަޅުގަނޑު އެ މައުލޫމާތު [ނަމާއި ކޮންޓެކްޓް ނަންމަބަރު] މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކިއުޓިވްއާ ހިއްސާކޮށްފައި އެކަން ބެލުމަށް ދެންނެވިން. އަޅުގަނޑާއި ޑަބްލިއުއެޗްއޯގެ މަންދޫބާ ދެކެވުނު ވާހަކަތަކަކީ ޕްރައިވެޓް މުއާމަލާތެއް ކަމަށް އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން، އަދި އޭގެ ފަހުންވެސ ގަބޫލެއް ނުކުރާނަން" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، އެކަން ކުރީ ސިއްރު ސިއްރުވެސް ނޫން ކަމަށާއި ފައިނޭޝަންލް އެގްޒެކިޓވް އަދި ބިޑް ކޮމިޓީއާވެސް އެ މައުލޫމާތު ހިއްސާ ކުރި ކަމަށެވެ.
އެކަން ވީހާވެސް އަވަހަކަށް ކުރުމަށް ބީލަމަށް ނުލައި ސިންގަލް ސޯސް ޕްރޮކިއުމަޓް އުސޫލުން ކުރިއަށް ގެންދިޔުމަށް ފިނޭންސް މިނިސްޓްރީގެ ހުއް ދައާއި ބަންޑާރަނައިބުގެ ލަފާވެސް ހޯދާފައިވާނެ ކަމަަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެނައުމަށް ޖުމްލަ 34.50 މިލިއަން ރުފިޔާއަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، ގެރެންޓީއަކާ ނުލާ މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.
ހެލްތް މިނިސްޓްރީގެ ބައެއް ވެރިން މިއަދު ކޮމިޓީގައި ވިދާޅުވީ، އޮޑިޓް ރިޕޯޓަކީ އިންސާފުވެރި އޮޑީޓް ރިޕޯޓެއް ނޫން ކަމަށާއި އެ ރިޕޯޓުގައި މިނިސްޓްރީން ދީފައިވާ ބައެއް މައުލޫމާތުތައް ވެސް ހިމަނާފައިނުވާ ކަމަށެވެ.