ފްރަންޓުލައިންގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ 121 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
މިރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ކޮވިޑް19ގެ ބަލި ރާއްޖެއިން ފެނުނު ހިސާބުން މި ބައްޔަށް ފަރުވާދިނުމަށް ސިއްހީ ދާއިރަގެ ގިނަ ހިދުމަތްތެރިންނެއް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެއްދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވަމުންދާއިރު، ގިނަ ބަޔަކު ފެސިލިޓީތަކުގައި އެޑްމިޓް ވަމުން މިދަނީ. މިހެން އެޑްމިޓުވަމުން ދާއިރުގައި، އެތަންތަނުގައި ހިދުމަތް ދޭން ތިބި މީހުންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވެގެން އެބަދޭ ގިނަ ބަލި މީހުންތަކެއް ބަލަން ޖެހުމުގެ ސަބަބުން،" ޑރ. ވިދާޅުވިއެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނައިރު، ޑރ. މުރާދު ވިދާޅުވީ އާދައިގެެ ހޮސްޕިޓަލުތަކުގައި ބަލިމީހުން ބަލާގޮތަށް، ކޮވިޑުގެ ބަލިމީހުން ބެލެން ނޯންނަ ކަމަށެވެ.
"ވަކި ކަހަލަ ކަންތައްތަކެއް ސިއްހީ އެހީތެރިންވެސް، ޑޮކްޓަރުންވެސް ނަރުހުންވެސް އެބަޖެހޭ ފުރިހަމަކުރަން މިފަދަ ބަލިމީހުން ކައިރިއަށް ދާއިރު. ޕީޕީއީ އަޅައިގެން މި މަސައްކަތް ކުރަނީ. މިއީ ސިއްހީ އެހީތެރިންނަށްވެސް ވަރަށް އުނދަގޫވޭ އެ އެއްޗެހި ލައިގެން ތިބެ ހިދުމަތްދޭން،" ޑރ މުރާދު ވިދާޅުވިއެވެ.
ޕީޕީއީގައި ގިނައިރު ޑިއުޓީ ހޭދަކުން ޖެހުމުން ސިއްހީ ހިދުމަތްތެރިންވެސް ވަރުބަލިވާ ކަމަށާއި، ދަތި އުނދަގޫ ގޮތުގައި ޑިޔުޓީ ހޭދަކުންޖެހޭ ކަން ފާހަގަ ކުރައްވާ ޑރ. މުރާދު ވަނީ އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހޭ ކޭސްތައް ގިނަވުމަކީ ސިއްހީ އެހީތެރިންވެސް ވަރުބަލިވާނެ ކަމެއްކަން ފާހަގަ ކުރައްވައިފައެވެ. ނަތީޖާއެއްގެ ގޮތުން ކޮވިޑަށް ފަރުވާދޭން ހާއްސަކުރާ ސިއްހީ އެހީތެރިންގެ އަދަދު މަދުކުރަން ޖެހިދާނެ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
"އޭގެ އިތުރުންވެސް އާޅުގަނޑު ފާހަގަކޮށްލަން ސިއްހީ ހިދުމަތްދޭ، ސިއްހީ އެހީތެރިންގެ ތެރެއިންވެސް ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކެއް އެބަ ފެނޭ. މިހާތަނަށް އަޅުގަނޑުމެންނަށް ފަހަގަ ކުރެވޭފްރަންޓުލައިންގައި މަސައްކަތްކުރާ 121 ފަރާތެއް ކޮވިޑް ޕޮޒިޓިވް ވެފައިވޭ،" ޑރ. މުރާދު ވިދާޅުވިއެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ ސިއްހީ ހިދުމަތެރިންގެ ބަދަލުގައި އިތުރު ބަޔަކު އެތަނަށް ނެރެން ޖެހޭ ކަން ޑރ މުރާދު ވިދާޅުވިއެވެ.
އިންސާނީ ވަސީލަތަކީ ކޮވިޑު މެނޭޖުމެންޓުގައި މުހިއްމު ކަމެއް ކަމަށައި ފަރުވާދޭނެ އެނދާއި އާލާތްތައް ހުރިނަމަވެސް ފަރުވާ ދޭނެ އިންސާނީ ވަސީލަތް ނެތުމަކީ ދައްޗަކަށް ވާނެ ކަމެއްކަން ފާހަގަ ކުރައްވާ ޑރ. ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަކީ އެއްމަހުން ދެމަހުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން އަތުގައި މިހާރު ހުރި އިންސާނީ ވަސީލަތްތަކުގެ ބޭނުން އަޅުގަނޑުމެންނަށް މިވަގުތު ހިފެން އޮތީ. އެެގޮތަށް ހިފާއިރު ކޭސްތައް ގިނަވަނަމަ މިހާރު ތިބި މީހުންނަށް އެކަމުގެ ބުރަ ބޮޑުވާނީ. އެމީހުން މީގެ ތެރެއިން ވަރުބަލި ވެގެން ދާއިރު ދެން ފަރުވާ ދޭން ތިބޭ މީހުން މަދުވާނެ،" ޑރ، މުރާދު ވިދަޅުވިއެވެ.
މީގެ އިތުރުން ޑރ. ވިދަޅުވީ ހުރިހާ ޑޮކްޓަރުންނަށް އަދި ނަރުހުންނަށް ހަމައެކަނި ކޮވިޑަށް ފަރުވާދޭން ހުސް ނުވެވޭނެ ކަމަށާއި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށްވެސް ހިދުމަތް ދޭން ޖެހޭ ކަމަށެވެ. ދެބަޔަށް ބަހައިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރާއިރު، ކޭސްތައް ގިނަވެގެން ދާނަމަ ސިއްހީ ނިޒާމަށް ދަތިވާނެ ކަމެއްކަން ޑރ. މުރާދު ފަހަގަ ކުރެއްވިއެވެ.
"އެހާލަތަކީ ސިއހީ އެހީތެރިންނަށް މެނޭޖު ނުކުރެވޭނެ ހާލަތަކަށް ވެއްޖެނަމަ، އަޅުގަނޑުމެން އެންމެ ކުރީދުވަހުވެސް ވާހަކަ ދައްކަމުން އައިން ކޭސްތައް ގިނަވެ ސިއްހީ ނިޒަމަށް ނުކަތާވަރަށް ގިނަވެއްޖެނަމަ ފަރުވާ ދޭންވީ ކަކަށްތޯ ނޫންތޯ ނިންމަން ޖެހޭނެ ހިސާބަށް ގޮސްދާނެ ކަމަށް،" ޑރ. ވިދާޅުވިއެވެ.
ޑރ. މުރާދު ވަނީ ބަލި ކޮންޓްރޯލު ކުރުުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމު ރައްޔިތުން ބޯލަނބައި ބަލި ކޮންޓްރޯލު ކުރުމަސް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދިލައްވައިފައެވެ.