ޕީއެސްޖީ ބަލިކޮށް ބަޔާން ހަވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފި

ޕީއެސްޖީ ކޮޅަށް ގޯލު ޖެހުމަށްފަހު ބަޔާން މިއުނިކުން އުފާފާޅު ކުރަނީ -- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ މޮޅަށް ކުޅުނު ޕީއެސްޖީ ބަލިކޮށް ބަޔާން މިއުނިކުން ހަވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ޕޯޗުގަލްގެ ލިސްބަންގައި މިރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުން އެ ޓީމު ކުރި ހޯދީ އިދިކޮޅު ޕީއެސްޖީ އަތުން 0-1 ގެ ނަތީޖާއަކުންނެވެ. އެއާ އެކު ބަޔާން މިއުނިކުން މިފަހަރުގެ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ތަށި އުފުލާލި އިރު މިއީ އެ ޓީމުން އެ މުބާރާތް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. އެ ޓީމުގެ އިތުރުން މިހާތަނަށް އޭސީ މިލާނުން ހަތް ފަހަރު އަދި ރެއާލް މެޑްރިޑް 13 ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ޕީއެސްޖީން މުޅި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ދެއްކި އިރު ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާ ހުރިހާ ހަމަލާއެއް ދިފާއު ކޮށްފަ އެވެ. އަނެއް ކޮޅުން މެޗުން މޮޅުވި ބަޔާން ވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އިރު މިފަހަރުގެ މުބާރާތުގައި 15 ގޯލު ޖެހި ލެވަންޑޮސްކީ ވަނީ ގޯލުގެ ދަނޑިއަށް ބޯޅައެއް އަމާޒު ކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ތަފާތަކަށް ވެގެން ދިޔައީ 59 ވަނަ މިނަޓުގައި ކިންގްސްލީ ކޯމަން ބޮލުން ވައްދާލި ގޯލެވެ. ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ކޯމަން އެ ބޯޅަ ހުހަށް ހުރެ ގޯލަށް ވައްދާލި އިރު ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސްއަށް ވަނީ އަތުވާގޮތް ނުވެފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބަޔާން ޖެހި 500 ގޯލެވެ. އެ ޓީމަށް ވުރެ ގިނައިން މި މުބާރާތުގައި ހަމައެކަނި ގޯލު ޖަހާފައިވަނީ ރެއާލް އަދި ބާސެލޯނާ އެވެ.

މި މޮޅާ އެކު ބަޔާން މިއުނިކުން ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތުގެ ތަށި އުފުލާލި އިރު އެ ޓީމުން ވަނީ މި ސީޒަނުގައި ޖަރުމަނުގެ ބުންޑެސްލީގާއާއި ޖަރުމަނުގެ ލީގު ކަޕު ވެސް ކާމިޔާބުކޮށް ތާރީހީ ޓްރެބަލް ފުރިހަމަ ކޮށްފަ އެވެ. މިއީ އެ ޓީމުން ޓްރެބަލް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

comment ކޮމެންޓް