މީރާގެ ބޯޑަށް އައްޔަންކުރަން ފެންނަ ފަސް ނަމެއް ތަޅުމަށް ފޮނުވަން ފާސްކޮށްފި

އޮކްޓޯބަރު 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ ބޯޑު މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ފަސް ފަރާތެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން، މައްސަލަ ދިރާސާކުރި މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ފާސްކޮށްފި އެވެ.

މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މީރާގެ މެންބަރަކު އިސްތިއުފާ ދެއްވުމުގެ އިތުރުން، އެ ބޯޑުގެ ތިން މެންބަރެއްގެ ދައުރު ހަމަވާތީ އެވެ.

އެ ފުރުސަތުގައި އަށް ފަރާތަކުން ވަނީ މީރާގެ ބޯޑަށް ކުރިމަތިލައިފަ އެވެ. ނަމަވެސް އިގްތިސޯދީ ކޮމެޓީން އެ ނަންތައް ދިރާސާކުރުމަށް ފަހު ނިންމާފައި ވަނީ އޭގެ ތެރެއިން ފަސް ފަރާތަކަށް ރުހުން ދޭން ފެންނަ ކަމަށެވެ. އަދި އެ ފަސް މީހުންގެ ނަން ތަޅުމަށް ފޮނުވަން ނިންމައި މި މަހުގެ 19 ވަނަ ދުވަހު ވަނީ ކޮމެޓީގެ ރިޕޯޓު އެކުލަވާލައިފަ އެވެ.

ރުހުން ދޭން ފެންނަކަމަށް ފާސްކުރި ފަސް ނަން:

1. މުމްތާޒް އަބްދުއްރަޝީދު، މުރިނގު / ހދ. ހަނިމާދޫ
2. ލީނާ މުހައްމަދު ޒާހިރު ހުސައިން، ހ. ނީލްވިލާ
3. ހުޝާމް ވަހީދު، ގ. މާލެހިޔާ 2 03-15
4. އަލީ އިރުފާނު، ޑޭލައިޓްވިލާ / ސ. މަރަދޫފޭދޫ
5. އާއިޝަތު އަޝާ އަލީ، ހ. އީސޓްވާޑް

މީރާގެ ބޯޑަށް ކުރިމަތިލާ ފަރާތަކީ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރެވިފައިވާ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާއި އިފްލާސް ކުރެވިފައިވާ މީހެއް ކަމުގައި އަދި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތައްބުނެ އެވެ.

މީގެ އިތުރުން ބޯޑު މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ވެގެން ނުވާނެ އެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ޓެކްސް، އިގްތިސޯދީ، މާލީ، އެކައުންޓިން، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ނުވަތަ އެއިން ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށް އެ ދާއިރާއެއްގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ އެވެ.

މީރާގެ ބޯޑުގައި ހަތް މެމްބަރުން ހިމެނޭ އިރު އޭގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަސް މެމްބަރުންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. މީރާގެ ބޯޑުގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރުވެސް މިހާރު ލިބިގެންވަނީ ފިނޭންސް މިނިސްޓްރީއަށެވެ.

މިހާރު ބޯޑުގައި ހިމެނެނީ ޗެއާމަން އަހުމަދު ސަރުވަޝް އާދަމްއާއި ޑެޕިޔުޓީ ޗެއާ ލީނާ މުގައްމަދު ޒާހިރު ހުސައިންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ފަތުހުﷲ ޖަމީލް އާއި ޑިރެކްޓަރުން ކަމަށްވާ އަހުމަދު ފާއިޒް، އާއިޝަތު އާޝާ އަލީ އަދި ފަސީހް ޒާހިރުގެ އިތުރުން މަހްރޫމް ސަލީމްއެވެ.

comment ކޮމެންޓް